ޢަލިއްޔި ބްނި އަބީ ޠާލިބު އަރިހުން އަލްބުޚާރީ ރިވާކުރެއްވިއެވެ
This article is available in Dhivehi only.
ޢަލިއްޔި ބްނި އަބީ ޠާލިބު އަރިހުން އަލްބުޚާރީ ރިވާކުރެއްވިއެވެ:
ފާޠިމާ ـ عَلَيْهَا السَّلاَمُ ـ ނަބިއްޔު ﷺ އަރިހަށް ވަޑައިގެން ޚާދިމަކަށްއެދި ދެންނެވިއެވެ. އެހެންކަމުން ޙަދީޘް ކުރެއްވިއެވެ:
(أَلاَ أُخْبِرُكِ مَا هُوَ خَيْرٌ لَكِ مِنْهُ، تُسَبِّحِينَ اللَّهَ عِنْدَ مَنَامِكِ ثَلاَثًا وَثَلاَثِينَ، وَتَحْمَدِينَ اللَّهَ ثَلاَثًا وَثَلاَثِينَ، وَتُكَبِّرِينَ اللَّهَ أَرْبَعًا وَثَلاَثِينَ)
”ތިއަށްވުރެ ކަމަނާއަށް ހެޔޮވެގެންވާ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟ ކަމަނާ ނިދާހިނދު، ތިރީސް ތިންފަހަރު ތަސްބީޙަ (سبحان الله)، އަދި ތިރީސް ތިންފަހަރު ތަޙްމީދު (الحمد لله)، އަދި ތިރީސް ހަތަރުފަހަރު ތަކްބީރު ( الله أكبر) ކިޔާށެވެ.“
ޢަލީގެފާނު ވިދާޅުވިއެވެ: ”އޭގެ ފަހުން ތިމަން މިއެއް ދޫކޮށެއް ނުލައްވަމުއެވެ.“ ބުނެވުނެވެ: ”ޞިއްފީނު (ހަނގުރާމައި) ގެ ރޭގައިވެސް ހެއްޔެވެ؟“ ވިދާޅުވިއެވެ: ”ޞިއްފީނުގެ ރެޔަކުވެސް ނުމެ ދޫކުރައްވަމުއެވެ.“
އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”އެއިން ޙަޤީޤީ ބާރު ލިއްބައިދެއެވެ.“
އިބްނުލް ޤައްޔިމް ”އަލްވާބިލުއް ޞައްޔިބް“ ގައި ވިދާޅުވިއެވެ:
”މީގެ މަތީ ދެމި ހުންނަ މީހާ، ޚާދިމެއްގެ ފުށުން އެމީހަކަށް ދުވާލެއްގައި ލިއްބައިދޭ ބާރަށްވުރެ ބުރަދަން ޙާސިލުވެއެވެ.“ اهـ.
އަދިވެސް ވިދާޅުވިއެވެ:
”ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ قدس الله روحه ވިދާޅުވިއެވެ: ”އަހަރެމެންނަށް ޚަބަރު ފޯރާފައިވާ ގޮތުން، މިކަލިމަތަކަށް ރައްކާތެރިވެއްޖެ މީހާ، މަސައްކަތް ތަކުގެ ސަބަބުން އޭނާ ތަޙައްމަލްކުރާ ވަރުބަލިކަން ލައިނުގަނެއެވެ.“ اهـ.
އަލްޤާރީ رحمه الله ”މިރްޤާތުލް މަފާތީޙް“ ގައި ވިދާޅުވިއެވެ:
”ނިދުމުގައި މި ޛިކުރު ކިޔުމަކީ، ދުވާލުގެ މަސައްކަތުގެ ވަރުބަލިކަމާއި ތަދުތައް ކަނޑުވާލާ އެއްޗެއް ފަދައެވެ.“
ޝައިޚް ޢަބްދުލް ޢަޒީޒް، އަލްޚުޟައިރު ވިދާޅުވިއެވެ:
”މި ތަސްބީޙަތަކަކީ، އެއިން ތިބާއަށް ބާރު ލިއްބައިދޭ އެއްޗެކެވެ. އަދި ތިބާގެ ރޭތަކާއި ދުވާލުގެ ހެލިފެލިވުންވެސް އެވެ. މަސައްކަތްތެރި އަކާއި ޚާދިމަކަށް ވުރެ މި ހެޔޮވެގެން ވެއެވެ. އެހެންކަމުން މިއަށްސަމާލުވާށެވެ. އަދި މިއިން ޣާފިލުވެ ނުގަންނާށެވެ.“
~ ގަލަންދާނު
Comments (0)
Be the first to comment.