ޚުލާސާ: ބުއްދިފިލާގޮސްފައިވާ މީހާގެ ކައިވެނި އަދި އެއާއި ގުޅިފައިވާ ބައެއް ފިޤުހު
This article is available in Dhivehi only.
ޚުލާސާ: ބުއްދިފިލާގޮސްފައިވާ މީހާގެ ކައިވެނި އަދި އެއާއި ގުޅިފައިވާ ބައެއް ފިޤުހު
ޝަރުޠުތަކާއި އެކު ޢިލްމުވެރިން، މޮޔަވެފާއިވާ ނޫނީ ބުއްދިހަމަނުޖެހޭ މީހުންނާއި ކައިވެނި ކުރުން ޖާއިޒު ކުރެއްވިއެވެ. އަދި މިއީ އެކަމުގައި ހިމެނޭ ޝަރުޢީ މަޞްލަޙަތުތަކުގެ މައްޗަށެވެ. އޭގެ ތެރޭ އެފަދަ މީހާގެ ޝަޙުވަތުގެ އެދުން ޙަލާލު ގޮތުގައި ޙާޞިލް ކުރުވުމާއި، ފާޙިޝްތަކުން ރައްކައުތެރި ކުރުމާއި، އޭނާ ބެލެހެއްޓުމާއި އަޅާލުން އަދި މިފަދަ މަޞްލަޙަތު ތަކަށެވެ.
ބުއްދިފިލާގޮސްފައިވާ މީހާ އަމިއްލަޔަށް ކައިވެނި ކުރުމުގެ ހުއްދަ ނުވެއެވެ. އެހެނަސް އެކަން ވަނީ އޭނާގެ ބެލެނިވެރިންނަށެވެ. އަދި އިޖުމާޢުގެ މަތިން އޭނާގެ ބައްޕައެވެ. އަދި ޖުމްހޫރުންގެ ނަޒަރުން އޭނާގެ އަހުލުންނަށެވެ. އަދި އެކަމުގައި އިޖުތިމާޢީ މަޞްލަހަތު އެކުލެވުމާއި އެކު ވެރިމީހާ އަށްވެސް އެކަމުގެ ބާރުވެއެވެ. އަދި މިއީ އެފަދަ މީހާ ކައިވެންޏަށް ނުރުހުނަސް އެވެ. އެހެނީ އޭނާ ވަނީ ގަދަބާރުން ބެލެނިވެރި ކުރެވިފައެވެ. ވީމާ މަޞްލަޙަތަށް ނޫނީ ޑޮކްޓަރީ ލަފަޔަށް އެކަން އިސްވެއެވެ. އަދި މިކަމުގައި ޚިލާފެއް ނުވެއެވެ.
އެހެނަސް އެފަދަ މީހާ އީ ބައެއް ފަހަރު ބުއްދިއައިސް ބަޔެއްފަހަރު އެފިލައިދާ މީހެއް ނަމަ، އޭނާ ގެ ނުރުހުމުގައި އެކަން ހުއްދަނޫނެވެ. އަދި އެހެނަސް އޭނާގެ ކައިވެނި ކޮށްދިނުން ވަނީ އިހުބުނެވުނު ފަދައިން އޭނާގެ ބެލެނިވެރިޔާއެވެ. ނޫނީ އޭނާ ބުއްދިހަމާގައި ވޭމެ، އަމިއްލައަށެވެ.
ކައިވެނީގެ ޢާންމު ޝަރުޠުތަކުގެ އިތުރުން މީގައި ހިމެނޭ ޝަރުޠުތަކީ:
1. ކައިވެނީގެ އަނެއް ފަރާތަށް އެކަން އެންގުން. އެހެނީ މިއީ ޢައިބެއް ކަމަށްވެފައި އެކަން ސިއްރުކުރުން ހުއްދަ ނޫނެވެ.
2. މި ބުއްދި ފިލައިދިޔުމަކީ އަމާންކަން އެކުލެވޭ އަދި އަނެއްފަރާތަށް އެއިން ޖިސްމާނީ ގެއްލުން ނުވަތަ ނުރައްކަލަށް ވެއްޓޭފަދަ ބުއްދިފިލައިދިޔުމަކަށް ނުވުން. އަދި މިއީ ގެއްލުމުން ދިފާޢުކުރުމުގެ ސަބަބަކަށެވެ.
3. ދެފަރާތުން ކުރެ އެއްފަރާތަކީ ސަލާމަތުން ހުރި ފަރާތަކަށްވުން. އެހެނީ މީގައި އެކުލެވޭ މަޞްލަޙަތް އައުންވަނީ މިގޮތުންނެވެ.
4. އަންހެންމީހާ އަކީ ސަލާމަތުން ހުރި ފަރާތް ނަމަ، އޭނާގެ ވަލީވެރިން މިކަމުގައި ރުހުން. އެހެނީ މީގެ ސަބަބުން އެވެރިންނަށް ގެއްލުމެއް ލިބިދާނެއެވެ.
އަދި އުމުރު ނުފުރޭ ނުވަތަ ބުއްދިފިލާފައިވާ މީހާ ކުރާ ވަރި ޞައްޙަ ނޫނެވެ.
އިމާމް އައްޝާފިޢީ "އަލްއުއްމު" ގައި ވިދާޅުވިއެވެ: ”...އަދި ބުއްދިފިލައިގޮސް އަދި އައިސްވާ މަޖްނޫނު މީހާ، މޮޔަވެފާވާ ޙާލު ވަރިކުރާ ވަރި ޖާއިޒުވެގެން ނުވެއެވެ. އޭނާގެ ޙާލު ސަލާމަތުން ހުރެ އެކަން ކޮށްފިނަމަ، ޖާއިޒެވެ.“— انتهى.
އަދި ކައިވެނީގެ އެތަކެއް ޒިއްމާއަކުންވެސް އޭނާވަނީ ދުރުކުރެވިފައެވެ.
އައްޝާފިޢީ ވިދާޅުވިއެވެ: ”މޮޔަވެފައިވާ މީހާ އާއި ބުއްދިފިލައިގޮސްފައި ވާ މީހާ، ފަހެ (ޝަރުޢީ ކުށް ތަކުގެ) ޙައްދުތައް އޭނާ ފުށުން ވަނީ ނެއްޓުވިފައެވެ. އަދި ބުއްދިއާއި ލައިގެން މެނުވީ ފިރިމީހާއަށް ނުވަތަ އަނބިމީހާ އަށް ޙައްޤެއް އަދައު ކުރުމެއް އޭނާއަށް ނުވެއެވެ. އަދި ބުއްދިއާއި ލައިގެން މެނުވީ ޙަރާމް ކަމަކުން މަނައުވެގަތުމެއް ވެސް ނުވެއެވެ. އަދި ބުއްދިއާއި ލައިގެން މެނުވީ ފިރިމީހާ އަށް ކިޔަމަން ވުމެއްވެސް ނުވެއެވެ. (އެބަހީ: އެކަމުގައި އޭނާ ކުށްވެރިވުން ނުވެއެވެ.)“ —انتهى.
ފިރިމީހާ ބުއްދި ރުޖޫޢަ ނުވެ ފިލައިގޮސްފައިވާ ހިނދު، އޭނާ ފުށުން ހޯދަން ޖެހޭ އިޒުނަތަށް ރުޖޫޢަވާނީ ކޮން ފަރާތަކަށްތޯއާއިމެދު އަހަރެން އައްޝައިޚް އަބޫ އުސާމާ (حفظه الله) އާއި ސުވާލުކުރީމެވެ.
ވިދާޅުވިއެވެ: ”އެނގޭންއޮތީ، ފިރިމިހާ އެއްވެސް އިރަކު ހަމައިގައި ނުހުރެ، ބުއްދި އެއްވެސް އިރެއްގައި ނައިސް ވާނުވާ ނޭގޭނަމަ، އެޙާލަތުގައި އަންހެން މީހާގެ ޤައްވާމާ ނަޤުލު ވާނީ އަންހެން މީހާ ގެ ވަލީވެރިޔާއަށް ކަމެވެ. ހުއްދަ ނަގާ ހަދަންޖެހޭނީ ބައްޕަ ނުވަތަ ދެން ހުރި ވަލީވެރިއެއްގެ ގާތުންނެވެ. والله أعلم.“
ބުއްދިފިލައިގޮސްފައިވާ ފިރިހެނެއްގެ ކައިވެނި ކޮށްދިނުން އޭނާގެ ބެލެނިވެރިޔާގެ އަތްމަތީ އޮންނަ އޮތުމާއި ޚިލާފަށް، އޭނާގެ ވަރި އެވެރިންއަތަށް ނާރައެވެ. އަދި ވަރިކުރުމުގެ ޙައްޤު ޚުދު އެފިރިހެނާގެ އަތުގައިވެސް ނުވެއެވެ. މިއީ ބުއްދި ރުޖޫޢަވެއްޖެ ޙާލެއްގައި މެނުވީއެވެ.
ވީމާ ބުއްދި ފިލައިގޮސްފައިވާ މީހެއްގެ ކައިވެނި ރޫޅާލުމުގެ ބާރު ވަނީ ޙާކިމާ ނުވަތަ އޭނާފުށުން ނައިބުވަނިވި ފަރާތެއްގެ އަތްމަތީގައެވެ.
~ ގަލަންދާނު
--------------------------
މަސްދަރުތައް:
كتاب الأم - الإمام الشافعي - ج ٥ - الصفحة ٩٢
އިސްލާމްވެބް ފަތުވާ ނަންބަރ. 125736
އިސްލާމް ސުވާލުޖަވާބު ފަތުވާ ނަންބަރ. 119161
Comments (0)
Be the first to comment.