بسم الله
This article is available in Dhivehi only.
بسم الله
{ ވަރިކުރުމުގެ ފިޤުހުގެ ތެރޭން ވަރީގެ ލަފުޛާއި ބެހޭ ޚުލާސާއެއް. }
އިބްނު ޤުދާމާ رحمه اللّه ވިދާޅުވިއެވެ:
"ވަރީގެ ލަފުޛާއި ނުލައެއް (އެބަހީ: ދުލުން ނުބުނެއެއް) ވަރިއެއް ނުވެވެއެވެ. ދެ ދަނޑިވަޅެއްގައި މެނުވީއެވެ: އެކައްޗަކީ: ވާހަކަ ދައްކަން ކުޅަދާނަ ނޫން މީހެކެވެ. މިސާލަކަށް މަންމަނު މީހެއް އިޝާރާތުން ވަރިކުރުމެވެ. އޭނާގެ އަނބިމީހާ ވަރިވެއެވެ...
ދެވަނަ ހާލަތަކީ، ވަރި ކުރިކަމަށް ލިޔުމެވެ. އެހިނދު އޭނާ އެކަމަށް ނިޔަތް ގަނެފައިވާނަމަ އަނބިމީހާ ވަރިވީއެވެ. މިއީ އައްޝުޢަބީ އާއި އައްނަޚަޢީ އާއި އައްޒުހުރީ އަދި އަލް ޙަކަމް އާއި އަބޫ ޙަނީފާ އަދި މާލިކުގެ ވިދާޅުވުމެވެ. އަދި މިއީ އައްޝާފިޢީގެ އަރިހުން ރިވާވެފައިވާ ގޮތެވެ."
އޭނާ ވަރިކުރުން ލިޔުނީ ނިޔަތަކާއި ނުލާނަމަ، ޖުމްހޫރު ޢިލްމިވެރިން ގެ ރައުޔަކީ ވަރިނުވާނޭކަމެވެ: "އެހެނީ ލިޔެކިޔުމަކީ ތަފާތުމާނަޔަށް ފުޅާވެގެންވާ އެއްޗެކެވެ. އެހެނީ އޭނާ އެކަން ކުރީ އޭނާގެ ލިޔުން ރީތިކުރުމަށް، ނޫނީ ޤަލަން ޓެސްޓު ކޮށްލުމަށް ނޫނީ އަނބިމީހާ މޭ ގުޑުވާލަން ކަމަށްވެސް ވެދާނެއެވެ. އެއީ އެކަމަށް ނިޔަތަކާއި ނުލައެވެ.
"المغني" (7/373)
އަދި "މުޠާލިބް އޫލީ އައްނުހާ" 5/346 ގައި ވެއެވެ: ވަރީގެ ބަސް ލިޔުނު މީހާ "ތިމަން އަތުލިޔުން ރީތިކޮށްލުމަށް މެނުވީ ނިޔަތެއް ނުގަންނަމޭ" ނޫނީ "އަނބި މީހާ މޭގުޑުވާލުމަށް މެނުވީ ނިޔަތެއް ނެތޭ" އެ (ޢުޛުރު) އޭނާފުށުން ޤަބޫލުވެވޭހުއްޓެވެ. އެހެނީ އެލިޔުމުގެ ނިޔަތް ބޮޑަށް އެނގޭނީ އޭނާއަށެވެ. އަދި ނިޔަތަކީ ވަރިކުރުން ނޫން އެހެން ކަމެއްގެ މައްޗަށްވުމަށްވެސް ހުޅުވިގެންވެއެވެ. ...އަދި އޭނާގެ ނިޔަތަކީ ޙަޤީޤަތުގައި ވަރިއަށް ނޫންކަމުގައިވެފައި އަނބިމީހާ އެހެން ހީކުރުވައި މޭގުޑުވާލުން ކަމަށްވާނަމަ، ދެންފަހެ އޭނާ ވަރިކުރުމަކަށް އެކަމުގައި (ލިޔުމެއް ލިޔުމުގައި) ނިޔަތެއްނެތެވެ."
ވަރީގެ ސީދާ ލަފުޛު ދުލުން ބޭނުންކޮށްފިނަމަ، އެކަމުގައި ނިޔަތްބެލުމެއްނެތެވެ. އެބަހީ ޢަރަބި އޭގެ ޢަރަބިބަސް ނޫނީ އެބަޔެއްގެ ބަހަށް ތަރުޖަމާވާ ސީދާ ލަފުޛު، ދިވެހިންނަމަ "ވަރި" މިބަހެވެ.
އެހެނަސް މީހެއް، ވަރިޔަށް ދޭހަވާ ލަފުޛެއް ބުނެފިނަމަ، މިކަމުގައި ތަފްޞީލެއްވެއެވެ. އެކައްޗަކީ ޝަރުއީ ގޮތުންނާއި އާދަކާދާގައި އެއީ ވަރިޔަށް ދޭހަވާ ބަހަކަށްވުމެވެ. އަދި ދެވަނަކަމަކީ އެނުސީދާ ބަސް ބުނާ އިރު ވަރިކުރުމުގެ ނިޔަތް އޮތުމެވެ. މިސާލަކަށް "އެނބުރިގެޔަށް ދާށެވެ." ނުވަތަ "އަހަރެމެން ދެމެދު މިކަން މިނިމުނީ" ފަދަބަސްބަހެވެ.
ބަޔެއް ޢިލްމިވެރިން ވިދާޅުވާ ގޮތުގައި، ދެމަފިރިން ދެމެދު ރުޅިއައިސް ނުވަތަ އަންހެންމީހާ ވަރިޔަށް އެދުމުން، ނުސީދާ ވަރީގެ ބަހެއް ބުނުން، މިސާލަކަށް 'ގެޔަށްދާށޭ' ބުނެފިނަމަ، ވަރިވާނެއެވެ.
އެހެނަސް މިއީ މިކަމުގައި، ރާޖިހު ގޮތް ނޫން ކަމަށް އަނެއްބައި ޢިލްމުވެރިން ވިދާޅުވެއެވެ. އެހެނީ ރުޅިއައިސް ގެޔަށްދާށޭ ބުނާ މީހާ، އޭގެން މާނަކުރަނީ ވަރި ނޫން ކަމަކަށްވުން އެކަށީގެންވެއެވެ. އެހެންކަމުން އޭގައި ނިޔަތް ނެތްނަމަ ނުސީދާ ބަހުން ވަރި ނުވާނޭ ކަމުގެ ޢާންމު ހުކުމުގެ ދަށަށްވަދެއެވެ.
މީހަކު އޭނާގެ އަނބިމީހާ އާ ދިމާލަށް، ތިއީ މަގޭ އަންބެއް ނޫނޭ، ބުނެފިނަމަ، މިއީވެސް ވަރީގެ ސީދާ ލަފުޛުނެތް ބަހެކެވެ. އެހެންކަމުން މިޙާލަތުގައިވެސް، އޭނާ އެބަސް ބުނުމުގައި ވަރިކުރިކަމުގެ ނިޔަތް ވޭތޯ ބަލަންޖެހޭކަމަށް ޢިލްމިވެރިންގެ ތެރެއިން ބަޔެއް ވިދާޅުވެއެވެ.
އަލް އިންސާފް 8/468 ކައްޝާފް އަލް ޤިނާއު 5/250 ގައިވެއެވެ: މީހެއް އޭނާގެ އަނބިމީހާއަށް 'ތިއީ މަގޭ އަންހެނުންނެއް ނޫނޭ' އަދި މިފަދަ ވަރިޔަށް ނިޞްބަތްވާ ފަދަ ބަހެއް ބުނެފިނަމަ، އޭނާ އެއިން އޭނާ ވަރިކިރުމުގެ ނިޔަތް ވާނަމަ، އެއީ ވަރިޔެއްގޮތުގައި ގުނޭނެއެވެ. އަދި ވަރިޔަށް ނިޔަތް ނުގަންނަނަމަ އެއީ ވަރިޔެއްކަމުގައި ނުގުނޭނެއެވެ." އަދި ތުޙްފަތުލް މުޙްތާޖް 8/6 އާއި ތަބްޔީން އަލްޙަޤާއިޤް 2/218 ގައި މިބީދާއިން ވެއެވެ.
އަދި "ތިހިރީ ވަރި" އޭ (ވަރި ކޮށްފައޭ ނުބުނެ) ނޫނީ "ތިހިރީ މަށާ ވަކިވެފައޭ" (ޤުރުއާނުގައި ވަރި ކުރުމަށް ބޭނުން ކުރެވިފައިވާ ފާރިޣް މިލަފުޒަށް ވާގޮތަށް) ބުނާ ބުނުން، ޢިލްމުވެރިންތެރޭ ޚިލާފުވެއެވެ. އަދި އޭގައި ރާޖިހުގޮތެއްކަމަށް ފެންނަނީ، ނިޔަތުގެ މައްޗަށް އެކަން ޝަރުތުވާކަމާއި އެއީ ވަރިކުރުމުގެ ނުސީދާ އިބާރާތެއްކަމެވެ.
މަޞްދަރުތައް: ތަފްޞީލަށް އިސްލާމް ސުވާލާއި ޖަވާބުގެ ފަތުވާބނަންބަރު
100997، 72291، 225492، 85575، 263228، 246965
Comments (0)
Be the first to comment.