ނަމާދު ޖަމަޢަ ކުރުމަކީ، ދަތުރުވެރިންނަށް ވީތީ ޚާއްޞަވާ ސުންނަތެއް ނޫނެވެ
This article is available in Dhivehi only.
①
ނަމާދު ޖަމަޢަ ކުރުމަކީ، ދަތުރުވެރިންނަށް ވީތީ ޚާއްޞަވާ ސުންނަތެއް ނޫނެވެ.
ދަތުރު މަތީ ނަބިއްޔު ﷺ ނަމާދު ކުރައްވާފައިވާ ގޮތާއި މެދު ބައެއް ރިވާޔަތްތައް ގެންނެވުމަށްފަހު، އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
”ވީމާ، މިއެންމެހާ އެއްޗަކުން ބަޔާންވަނީ، ޖަމަޢަ ކުރުމަކީ ދަތުރުގައި ޤަޞްރުފަދަ ސުންނަތެއް ނޫން ކަމެވެ. އަދިކިއެއްތަ؟ އެކަން ކުރުން ވަނީ ޙާއްޖަތުގެ މައްޗަށެވެ. (ޟަރޫރަތެއް އޮތުމުންނެވެ.) ދަތުރުވެރިޔަކަށް ވިޔަސް ނޫނީ ނުވިޔަސް އެވެ. އެހެނީ އިތުރުއެކަލޭގެފާނުން ﷺ ޤާއިމުވެ ހުންނަވައިގެން ވެސް ޖަމަޢަ ކުރެއްވި އެވެ. އެއީ އެކަލޭގެފާނުގެ އުއްމަތަށް ބުރަކަމެއް ނުޖެއްސެވުމަށްޓަކައެވެ. އެހެންކަމުން ދަތުރުވެރިޔާ ޖަމަޢަ ކުރުމުގެ ޙާޖަތެއް ޖެހިއްޖެ ނަމަ ޖަމަޢަ ކުރާނީއެވެ. އެއީ (މިޘާލަކަށް) އޭގެ ފުރަތަމަ ވަޤުތުގައި ނުވަތަ ދެވަނަ ވަޤުތުގައި ވިޔަސް، އޭނާގެ ދަތުރުގައި މެދުނުކަނޑައި ކުރިޔަށްދިއުމަށެވެ. ނުވަތަ (ސަވާރީއިން) އެހެން ޙާއްޖަތަކަށް ފައިބާ ތީއެވެ. މިސާލަކަށް، މެންދުރު ވަޤުތުގައި ނިދާލައި އަރާމުކޮށްލުމަށް އޭނާއަށް ބޭނުންވަނީއެވެ. އަދި ޢިޝާ ވަޤުތުގައި ވެސް އެވެ. އެހެންކަމުން މެންދުރު ގަޑިއަށް އޭނާ ފައިބާ އިރު ވަރުބަލިވެ ނުނިދަާ ގިނަ ވަޤުތުވެ ބަނޑުހައިވެފައިވެއެވެ. އޭނާއަށް އަރާމުކޮށްލައި ކާލައި ނިދާލަން ބޭނުންޖެހިފައި ވެއެވެ. ވީމާ މެންދުރު ނަމާދު ޢަޞްރަށް ލަސްކޮށްލާނީއެވެ. ދެން އޭނާ ބޭނުން ޖެހެނީ ޢިޝާ މަޣްރިބު ވަޤުތަށް އަވަސް ކޮށްލައި އެޔަށްފަހު ނިދާލުމަށެވެ. އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބައި ދަތުރުގައި ހޭލާ ހުރުމަށެވެ. މިއާއި މިފަދަ ކަންކަމުގައި އޭނާ އަށް ޖަމަޢަ ކުރުން ހުއްދަ ވެގެންވެއެވެ. މިއާ ޚިލާފަށް ދުވަސް ތަކަކަށް ރަށެއްގައި ގައި ނޫނީ ޝަހަރެއްގައި މަޑުކުރާ މީހާ، އެކަމުގައި އޭނާ އަކީ އެޝަހަރުގެ މީހުން ފަދައެވެ. މިފަދަ މީހާ ދަތުރުވެރިޔަކަށް ވީތީ ޤަޞްރު ކުރިޔަސް ޖަމަޢަ ކުރުމެއް ނުވެއެވެ. އެއީ ސަވާރީ މަތީ ނަމާދު ކުރުމާއި ތަޔައްމުމް ގައި ނަމާދު ނުކުރުމާއި މުޅަމަސް ކެއުންވެސް އޭނާ އަށް ނުވާ ފަދައިންނެވެ. އެހެނީ މިކަންކަން ހުއްދަ ވަނީ (ޟަރޫރަތުގެ) ޙާއްޖަތުގައެވެ. އަދި (ދަތުރުމަތީ އަވަށެއްގައި މަޑު ޖައްސާމީހަކަށް) މިކަމަށް (އެބަހީ ޖަމަޢަ ކުރުމަށް) ޙާއްޖަތެއް ނުވެއެވެ. އެއީ ޤަޞްރު ކުރުމާއި ޚިލާފަށެވެ. އެހެނީ ހަމަކަށަވަރުން އެއީ ދަތުރު މަތީ ނަމާދުގެ ސުންނަތް ގޮތެވެ.“
مجموع الفتاوى (24/ 64 ـ 65).
އަދިވެސް ވިދާޅުވިއެވެ: ”އަދިކިއެއްހެއްޔެވެ؟ ޖަމަޢަ ކުރުމުގެ ޙާއްޖަތެއް ނުވާނަމަ، ދަތުރުވެރިޔާގެ މައްޗަށް މޮޅުއިތުރީ، ޖަމަޢަ ކުރުމަށް ވުރެ ކޮންމެ ނަމާދެއް ވެސް އޭގެ ވަޤުތުގައި އަދާއު ކުރުމެވެ. އެހެނީ ހަމަކަށަވަރުން، ނަބިއްޔު ﷺ ދަތުރުތައް މަތީ ކުރެއްވި ގިނަ ނަމާދުތައް ކުރެއްވީ އޭގެ ވަޤުތުގައެވެ. އަދި ޖަމަޢަ ކުރައްވާ ފައިވަނީ މަދުފަހަރުތަކެެއްގައެވެ.“
مجموع الفتاوى (24/ 19، 22).
އިބްނު ތައިމިއްޔާ އަދިވެސް ވިދާޅުވެފައި ވެއެވެ:
”ޤަޞްރު އަކީ ޖަމަޢަ ފަދަ އެއްޗެއްނޫނެވެ. އަދިކިއެއްތަ؟ ޤަޞްރު އަކީ ރާތިބު⁽¹⁾ ސުންނަތެކެވެ. އަދި ޢާންމު މީހުންތެރޭ ޖަމަޢަ އާއި ޤަޞްރު އެއްފަދަ ކުރާ މީހަކީ، ރަސޫލު ﷲ ﷺ ގެ ސުންނަތަށް ޖާހިލު މީހެކެވެ. އަދި މުސްލިމުންގެ ޢިލްމުވެރިންގެ ބަސްފުޅުތަކަށްވެސް ޖާހިލެކެވެ. އެހެނީ ހަމަކަށަވަރުން، ރަސޫލު ﷲ ﷺ ގެ ސުންނަތްޕުޅުގައި އެދެކަންތައް ފަރަޤު ކުރެއްވިއެވެ. އަދި ޢިލްމުވެރިން އެއިން އެކައްޗަކީ (އެބަހީ: ޤަޞްރު އަކީ) ސުންނަތް ކަމުގައި އިއްތިފާޤު ވެލެއްްވިއެވެ. އަދި ޚިލާފުވެލެއްވީ އެކަމަކީ ވާޖިބެއްތޯ އާއި މެދުގައެވެ. އަދި ދެން އޮތް ކަންތައް — އެބަހީ ޖަމަޢަ ގެ — ޖާއިޒު ކަމާއިމެދު (ޢިލްމުވެރިން ދެމެދު) ދެބަސްވެލެއްވިތެވެ. ވީމާ އެޔާއި މިޔާއި އެއްފަދަވެފައި ކޮބައިހެއްޔެވެ!؟“
مجموع الفتاوى (24/27 ـ 28)
=
_________
(1) ރާތިބު: އެބަހީ، ވަކި ޚާއްޞަ ކަމަކާއި ވިދިގެން އޮންނަ ކަމަކަށް ވުމެވެ. މިޘާލަކަށް ޤަޞްރު ކުރުމަކީ ދަތުރާއި ވިދިގެން އަންނަ ސުންނަތެކެވެ.
ނޯޓް: ރާތިބް، މިލަފުޡު ނެގިފައިވަނީ ޤަވަޢިދުން ވަކި މުއްދަތަކުން ދެވޭ މުސާރައަށް އޮންނަ ލަފުޡުންނެވެ. އެމުސާރަ ލިބެނީ އެމުއްދަތާއި ވިދިގެންނެވެ. މިޘާލަކަށް މަހުމުސާރަ ލިބެނީ ކޮންމެ މަހެއް ނިމުމާއި "ވިދިގެން" ނެވެ. ރާތިބު ގެ ޖަމްޢު އަކީ "ރަވާތިބު" އެވެ. އަދި ފަރުޟު ފަސްނަމާދާއި ވިދިވިދިފައިވާ ސުންނަތް ނަމާދުތަކަށް "ރަވާތިބު" ސުންނަތް ތަކޭ މިކިޔެނީ މިހެންވެއެވެ.
Comments (0)
Be the first to comment.