ދެވަނައީ: އޭގައި ފެން ފުހުމެވެ. އަދި މިއީ ކުރިން އަހަރެމެން ގެނައި ޢުޘްމާންގެފާނުގެ ރިވާޔަތުގައިވާ ފަދައިންނެވެ. (އެއީ) : «އަދި…
This article is available in Dhivehi only.
➋
ދެވަނައީ: އޭގައި ފެން ފުހުމެވެ. އަދި މިއީ ކުރިން އަހަރެމެން ގެނައި ޢުޘްމާންގެފާނުގެ ރިވާޔަތުގައިވާ ފަދައިންނެވެ. (އެއީ) : «އަދި އެކަލޭގެފާނު ގެ ދެކަންފަތުގެ ބޭރުފުށަށް ވާ ބައެއްގައި އަތް ހިންގެވިއެވެ. ދެން އެކަލޭގެފާނު ގެ ތުނބުޅީގައި އެ ހޭއްކެވިއެވެ.» އަދި މި ރިވާޔަތާއިމެދު ( އެބަހީ: އޭގެ ޞައްޙަ ކަމާއިމެދު) ދެބަސްވުން ވެއެވެ.
ޢަދި ނަބިއްޔު ﷺ އަރިހުން އިސްތަށިފުޅާއި އެކުވިޔަސް ނޫނީ މޫނުފުޅާއި އެކުގައި ވިޔަސް، ތުނބުޅީގައި ފެން ފުއްސެވި ކަމަށް ޘާބިތެއް ނޫނެވެ. އެކަން ވާރިދުވެފައިވަނީ އިބްނު ޢައްބާސް އަރިހުން ޞައްޙަ ސަނަދަކުންނެވެ. އެރިވާ ކުރެއްވީ އަބޫ ޙަމްޒަތަލް ޤައްޞާބު އެވެ: ވިދާޅުވިއެވެ: "އިބްނު ޢައްބާސް ވުޟޫއު ކުރެއްވުމުގައި ތުނބުޅި އޭގެ އެތެރެއިން ވިނަވައިލައްވަނިކޮށް އަހަރެން ދެކުނީމެވެ. އަދި އޭގެ ތެރެއަށް އެކަލޭގެފާނުގެ އިނގިލިފުޅުތައް ލެއްވެވިއެވެ. އަދި މޫނުގެ ދެއަރިމަތި ކޭއްތެވިއެވެ. އަދި ދުނބުޅީގެ ދިގަށް ފެން އަޅުއްވައި އަތުން ތިރިޔަށް ފުއްސެވިއެވެ.“ މިރިވާ ކުރެއްވީ އަބޫ ޢަވާނާ، އަބޫ ޙަމްޒާ އަރިހުން ނެވެ. އެފަދައިން އިބްނުލް މުންޛިރު ރިވާކުރެއްވިއެވެ.⁽¹⁵⁾
އަދި މޫނާއި އެކު ތުނބުޅީގައި ފެން ފުއްސެވުން: އަލްޙަސްނުލް ބަޞްރީ⁽¹⁶⁾ އާއި އިބްނިލް ޙަނަފިއްޔާ⁽¹⁷⁾ އަރިހުން ޞައްޙަވެގެން ވެއެވެ.
އަދި ސަލަފުން ތެރޭގައި، އޭގެ ބޭރުފުށް ފުއްސަވައި، އެ ވިނަވައި ނުލައްވާ ބޭފުޅުން ވެއެވެ. އައްޝިޢްބީ އާއި އަލްޤާސިމް އާއި މުޖާހިދު ފަދައެވެ.⁽¹⁸⁾ އަދި އެނޫން ބޭކަލުންވެސް މެއެވެ.
ތިންވަނައީ: ތުނބުޅި ދޮވުމެވެ: ފަހެ ވުޟޫއު ކުރުމުގައި މިކަން، ޝަރުޢުވެގެން ނުވެއެވެ. އަދި މިއީ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެއް ނޫނެވެ. އެހެނީ މިކަން ނަބިއްޔު ﷺ އަރިހުން ޘާބިތުވެގެން ނުވެއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން އަރިހުން ވެސް ވުޟޫއު ކުރުމުގައި އެބޭކަލުން ތުނބުޅި ދޮންނަވާކަމަށް ޘާބިތެއް ނޫނެވެ. އަދި ހަމަކަށަވަރުން މިކަން ކުރުން ވަނީ ހިނައިގަތުމުގަ އެވެ. މީގެ މައްޗަށް އަޙްމަދު ބުނު ޙަންބަލް ވިދާޅުވިއެވެ: ”ތުނބުޅި ދޮވުމަކީ — އެބަހީ: ވުޟޫއު ގައި — ސުންނަތުގެ ތެރެއިން ވާ ކަމެއް ނޫނެވެ."⁽¹⁹⁾
... އަދި ތުނބުޅީގެ އިސްތަށިން ދިގުވެފައިވާ ބައި (އޭގެ ކޮޅުތައް) ދޮވުމެއް ނޫނީ ފެންފުހުމެއްވެސް ވާޖިބެއް ނޫނެވެ. ފަހެ ބޮލުން ދިގުވެފައިވާ ބައި (ބޮލުގެ މަޤާމުން ނެއްޓި ނޫނީ ކޮނޑަށް ވުރެ ދިގު ބައި) ގައި ފެން ފުހުން ވާޖިބު ނުވާ ހިނދު، އަދި (ބޮލަކީ) ފެން ފުހެވޭ ތަނެއް ކަމުގައިވީހިނދު — ފަހެ އެތަނެއް ދޮވެވޭ މޫނުގައި ވާ ތުނބުޅި، އޭގެ ދިގުވެފައިވާ ބައިތައް ދޫކުރުމުގެ އަޥްލާވުމުގެ ޖާގަ މާ ބޮޑެވެ. މިހެންވިޔަސް އޭގައި ފެން ފުހުން (މުސްތަޙައްބު ގޮތުގައި ޝަރުޢުވާކަމަށް ބެލުން) އަޥްލާކަން ބޮޑުވެފައި ރައްކައުތެރިކަމުގައި ގާތެވެ. އެހެނީ ފިޤުހުވެރީންކުރެ ގިނަ ބޭކަލުން ދެކިލެއްވުމީ އެކަން ޝަރުޢުވެގެންވާ ކަމެވެ. އަދި އޭގެ ތެރެއިން އެކަން ވާޖިބު ކުރައްވާ ބޭކަލުންވެސް ވެއެވެ. އަދި މިއީ އަޙްމަދުގެ މަޛްހަބުން ބޮޑަށް ފާޅުވާން އޮތްގޮތެވެ.⁽²⁰⁾ އަދި އަލްމާލިކިއްޔަތި މަޛުހަބުގައިވެސް އެވެ.⁽²¹⁾
އަދި އަޞްޙާބު ބޭކަލުންނާއި، މައިގަނޑު ތާބިޢީ ބޭކަލުންގެ އަރިހުން، ޖުނުބުވެރިޔާގެ ހިނައިގަތުމުގައި ވާރިދުވެފައިވާ ފަދައިން — ވުޟޫއު ގައި — ތުނބުޅި ދޮންނެވުމުގެ ސުންނަތް ވަންތަކަމެއް ޘާބިތު ވެފައި ނުވެއެވެ. ...
___________
[15] ރިވާކުރެއްވީ: އިބްނުލް މުންޛިރު "އަލްއަޥްސަޠު" (365) ގައި
[16] ރިވާކުރެއްވީ: އިބްނު ޖަރީރުއް ޠަބަރީ "އައްތަފްސީރް" (8/166) ގައި
[17] ރިވާކުރެއްވީ: އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" (119) ގައި
[18] އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވީ، އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" (122) ގައި
[19] ނަޤުލު ކުރެއްވީ: އެކަލޭގެފާނުގެ އަރިހުން އިބްނު ޤުދާމާ "އަލްމުޣްނީ" (1/87) ގައި
[20] ބައްލަވާ: ޝަރަޙް އައްޒަރްކަޝީ ޢަލާ މުޚްތަޞިރް އަލްޚަރްޤީ (1/185)
[21] ބައްލަވާ: އިބްނު ރުޝްދު ގެ "ބިދާޔަތިލް މުޖްތަހިދް" (1/18)
Comments (0)
Be the first to comment.