އަދި ޢާއިޝާ އަރިހުން "އަލްބުޚާރީ" ގައި ޘާބިތުވެފައިވާ ފަދައިން، ނަބިއްޔު ﷺ ”އެކަލޭގެފާނުގެ އިސްތަށިފުޅު އަތްޕުޅުން ޙަާއްކަވައޭ، އެއީ…
This article is available in Dhivehi only.
➍
އަދި ޢާއިޝާ އަރިހުން "އަލްބުޚާރީ" ގައި ޘާބިތުވެފައިވާ ފަދައިން، ނަބިއްޔު ﷺ ”އެކަލޭގެފާނުގެ އިސްތަށިފުޅު އަތްޕުޅުން ޙަާއްކަވައޭ، އެއީ އެކަލޭގެފާނުގެ ހަންގަނޑު ގައި އެއްކޮށް ފެންޖެހުނުކަން ހީފުޅުވެވަޑައިގެންނެވުމާއި ހަމައަށެވެ.“ ⁽⁴¹⁾ އެހެނަސް މިއީ ޖުނުބުވެރި ކަމުގައެވެ. (އެބަހީ: ހިނައިގަތުމުގައެވެ.) ވުޟޫއަކު ނޫނެވެ.
އަދި އަޞްޙާބު ބޭކަލުން ކުރެން އެންމެ ބޭފުޅެއް އަރިހުންވިޔަސް އަދި ތާބިޢީން އަރިހުންވެސް، ތުނބުޅި ވިނެވުމަށް ނުރުއްސެވިކަމަށް ޘާބިތުވެގެންނެއް ނުވެއެވެ. އަދި މިޢަމަލާއި ދެކޮޅަށް ޘާބިތުވެފައިވާ އަޘަރުތަކުގެ ލަނޑުދަނޑިއަކީ: ވިނަވައި ނުލައްވާ ދޫކުރެއްވި ކަމެވެ. އަދި މިއިން ނެރެވޭ ޙުކުމަކީ އެކަމުގެ ވާޖިބުކަން ނެތް ކަމާއި އޭގެ ޙުކުމުގެ ލުއިވުމެވެ. އަދި އިނގިލިން ވިނެލެއްވުން ދޫކުރެއްވި ކަމަށް: އިބްނު ޢުމަރު ⁽⁴²⁾ އާއި އަބޫ މޫސާ ⁽⁴³⁾ އާއި އިބްނުލް ޙަނަފިއްޔާ ⁽⁴⁴⁾ އާއި އަލްޙަސަން ⁽⁴⁵⁾ އާއި މަކްޙޫލް ⁽⁴⁶⁾ އާއި އައްނަޚަޢީ ⁽⁴⁷⁾ އަރިހުން ޞައްޙަ ވެފައިވެއެވެ.
📍 ތުނބުޅި ވިނަވަންވީ ޢަދަދު
މިރިވާޔަތުގައި އެކަމުގައި ވާ ބަސް: (އަދި މޫނު ދޮންނެވި ހިނދު ތުނބުޅި ވިނަވާލެއްވިޔޭ ތިންފަހަރު)⁽⁴⁸⁾ ، (އެހެންކަމުން ތިންފަހަރަށް ތުނބުޅި ވިނަވާލެއްވި ޔޭ)⁽⁴⁹⁾
މިދެރިވާޔަތްވެސް ޞައްޙަ ނޫނެވެ. ފަހެ އެދެރިވާޔަތަކީވޭސް ޢާމިރުގެ ޙަދީޘުންނެވެ. އޭނާ ޢަބޫ ވާއިލް ޝަޤީޤި ބުނު ސަލަމާ ފަރާތުން، ޢުޘްމާންގެފާނުގެ އަރިހުންނެވެ. އަދި ޢާމިރު ޟަޢީފެވެ. ފުރަތަމަ ރިވާޔަތް ރިވާކުރެއްވީ އިބްނު ޚުޒައިމާާ އެވެ. ދެވަނައީ އަލްބައްޒާރު އަދި އިބްނު ޙިއްބާން އެވެ.
އަދި ތުނބުޅި ވިނެއުމަކަށްވެސް އޭގެ ޢަދަދަކަށްވެސް ނަބިއްޔު ﷺ އަރިހުން ޙަދީޘެއް ޘާބިތުވެގެންނެއް ނުވެއެވެ. އަދި ޢަދަދާއި މެދު އަޞްޙާބުބޭކަލުން އަރިހުން އެއްވެސް އެއްޗެއް ޘާބިތުވެފައި ނުވެއެވެ. އަދި ތާބިޢީންގެ ބޮޑުންކުރެންވެސް މިއާއިމެދު އެއްވެސް އެއްޗެއް ވާރިދުވެފައި ނުވެއެވެ. والله أعلم.
އަދި އެއްފަހަރު ވިނަވާލުން ފުދިގެންވެއެވެ. އަދި ވަރަށް ބޮޑަށް ބޯ ނަމަ، ދެން ކޮންމެ މޫނު ދޮވުމަކާއި އެކު ވިނެވުން، އެކަމުގައި ގޯހެއް ނެތެވެ.
📍 އައު ފެނުން ދޮވުމާއި މެދު
ޙަދީޘްތަކާއި އަޞްޙާބުބޭކަލުންގެ ޢަމަލުފުޅުން ފާޅުވާން އޮތީ: ތުނބުޅި ވިނެއުމަކަށް އެބޭކަލުން އައު ފެނެއް ނުނަންގަވާ ކަމެވެ. އެއީ އިހު ބަޔާންވެދިޔަފަދައިން އިބްނު ޢައްބާސް އާއި އިބްނު ޢުމަރު އަރިހުން ޞައްޙަވެފައިވާ ފަދައިންނެވެ.
އަދި ސަލަފުންކުރެ އެއްބޭކަލަކަށް ވުރެ ގިނަބޭކަކެއް ފުށުން، އައު ފެން ލުން ނުވާކަމަށް ދެކިލައްވައި ވެއެވެ. މިކަން ޞައްޙަގޮތުގައި އަލްޙަސަން⁽⁵⁰⁾ އަދި އައްނަޚަޢީ އަރިހުން އައިސްފައިވެއެވެ. އައްނަޚައީ ވިދާޅުވިއެވެ: ”އޭނާގެ މޫނަށްލާ ފެނުން ފައިބާ ފެން، ތުނބުޅިއަށް ފުދިގެންވެއެވެ.“⁽⁵¹⁾ ރިވާކުރެއްވީ އައްޠަބަރީ އެވެ.
~ ގަލަންދާނު
____________
[41] ރިވާކުރެއްވީ: އަލްބުޚާރީ (272)
[42] ރިވާކުރެއްވީ: އިބްނުލް މުންޛިރު "އަލްއަޥްސަޠު" (367) ގައި
[43] ރިވާކުރެއްވީ: އިބްނު ޖަރީރުއް ޠަބަރީ ، "އައްތަފްސީރް" (8/174) ގައި
[44] ރިވާކުރެއްވީ: އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" (119) ގައި
[45] ކުރީގެ (118) ގައި
[46] ރިވާކުރެއްވީ: އިބްނު ޖަރީރުއް ޠަބަރީ ، "އައްތަފްސީރް" (8/168) ގައި
[47] ރިވާކުރެއްވީ: އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" (126) ގައި
[48] ރިވާކުރެއްވީ: އިބްނު ޚުޒައިމާ (152)
[49] ރިވާކުރެއްވީ: އަލްބައްޒާރު (393) ، އައްދާރަޤުޠުނީ (286) އިބްނު ޙިއްބާން (1081)
[50] ރިވާކުރެއްވީ: އިބްނު އަބީ ޝައިބާ "އަލްމުޞައްނަފް" (124) ގައި
[51]ރިވާކުރެއްވީ: އިބްނު ޖަރީރުއް ޠަބަރީ ، "އައްތަފްސީރް" (8/165) ގައި
Comments (0)
Be the first to comment.