ފަރުޖުގެ ތެތްކަން (Cervical mucus) މިއީ ނަޖިސްތޯ އަދި އޭގެން ވުޟޫއު ގެއްލޭތޯ؟
This article is available in Dhivehi only.
⚙️ ފަރުޖުގެ ތެތްކަން (Cervical mucus) މިއީ ނަޖިސްތޯ އަދި އޭގެން ވުޟޫއު ގެއްލޭތޯ؟
❞ޚާއްޞަ ދުވަސްވަރެއް (އެބަހީ: ޙައިޟު ނޫނީ އެފަދަ ދުވަސްވަރަކާއި ގާތް) ނޫން ދުވަސްވަރު، ޢާންމު ގޮތެއްގައި އަންހެންވެރީންނަށް (ލައްޒަތަކާއި ނުލައި) ދިމާވާ ފަރުޖުގެ ތެތްކަން އައުން، މިއީ ވުޟޫއު ގެއްލޭ ކަމެއް ނޫނެވެ. މިކަމުގެ މައްޗަށް ކުރަންޖެހޭ (ދޮވުން ނޫނީ އެނޫން) ވަކި ޚާއްޞަ އެއްވެސް ކަމެއް ނުވެއެވެ. އަދި (ނަމާދު ކުރުމަށް) އެކަން ހުއްޓުވުން ވާޖިބެއް ނޫނެވެ. އެއީ އިންސާނާގެ ހަށިގަނޑުން ޢާންމުގޮތެއްގައި ބޭރުވާފަދަ އެހެން މާއްދާތައް ފަދައެވެ. (އެބަހީ، އަރިދަފުސް ދަވަ ނޫނީ ލޮނުދަލާއި ދާ ފަދަ އޭގެ މައްޗަށް ޚާއްޞަ ހުކުމެއްނުވާ ތަކެތި ފަދައެވެ.) އެހެނަސް އެއީ ޙައިޟުގެ (އެއާއި ވިދިގެންވާ) ދުވަސް ވަރުގައި ނަމަ، އޭގެ ސަބަބުން ވުޟޫޢު ކެނޑެއެވެ. އަދި އިސްތިޙާޟާ ގެ ލޭ (ނާރެއް ކަނޑައިގެން ގޮސްފައިވުމުން އަންނަ ލޭ) އާއި އެކު، އެބަހީ އެލޭ ގެ އަސަރު އައިސް، އެއާއިއެކުވެގެން މި ތެތްކަން އަންނަނަމަ، މިކަމުގައި ވަނީ އޭނާ ވުޟޫއު ކުރުމެވެ. ދެންފަހެ ދުވާލާއި ރޭތަކުގައި އަންނަ (ޢާންމު) ދާއިމީ ތެތްކަމާއި މެދު ދަންނައެ، އޭގެ (ޙުކުމުގެ) ޞިފައަކީ އަރިދަފުސް ދަވަ ފަދައެވެ. ޢިލްމުވެރިންގެ ޤަޥްލުތަކުގެ ޞައްޙަ ބުނުމުގެ މައްޗަށް، މިއީ، އޭގެ ސަބަބުން ވުޟޫއު ގެއްލޭ ކަމެއް ނޫނެވެ. އަދި އެއީ ނަޖިހެއް ނޫނެވެ. އެއީ ޠާހިރު އެއްޗެކެވެ.⁽¹⁾ އަދި އެއިން ވުޟޫއު ނުކެނޑެއެވެ. ❝
— ޢަބްދުލް ޢަޒީޒް އައްޠަރީފީ (މަޞްދަރު)
~ ގަލަންދާނު 🖋
ــــــــــــــــــــــــــــ
📝ނޯޓް: އައްޝައިޚް ސުލައިމާން އަލްޢަލްވާން ގެ ވެސް ރައުޔަކީ މިއީއެވެ.
ޠަބީޢީ ގޮތުން އަންނަ އަންހެނާގެ (ފަރުޖުގެ) ތެތްކަން (الرطوبة) އާއި މެދު ސުވާލުވެވުނެވެ. ވިދާޅުވިއެވެ: ”(އޭގެ ޙުކުމަކީ) ޠާހިރެވެ. އަދި އެއިން ވުޟޫއު ނުގެއްލެއެވެ.“ (މަޞްދަރު)
[1] އަދި މިބުނުން، އެތެތްކަމަކީ ނަޖިހެއް ނޫން ކަމާއި ޠާހިރުކަން، މިއީ ޙަންބަލީންނާއި ޙަނަފީންގެ ރައުޔެވެ. އަދި އަހަރެމެންގެ ޝާފިޢީ މަޒުހަބުގެވެސް ފާޅުވަނިވި ބުނުމެވެ. (ޝާފިޢީން މިތެތްކަން ތިން ބަހަކަށް ބެހިއެވެ: (ހ) ޢާންމުގޮތެއްގައި ރޭދުވާ އަންނަ، ތަނެއްގައި އިށީނުމުން ހޭކިދާ ތެތްކަން، މިއީ އިސްތިސްނާއެއް ނެތި ޠާހިރުކަމެވެ. (ށ) ޖިމާޢުވުމުގެ ސަބަބުން އަންހެން ހަށީގެ އެތެރެބައިން ފިރިހެން ހަށީގެ ބޭރުގައި ހޭކޭ ތެތްކަން، މިއީ އިސްތިސްނާއެއް ނެތި ނަޖިސް ކަމެވެ. (ނ) ޖިމާޢުވެ ފިރިހެން ހައްޓާއި ހަމައަށް ފޯރާ (ފައިބާ) އަންހެން ހަށީގެ ތެތްކަން، ދެޤަޥްލުން ޞައްޙައީ މިވެސް ޠާހިރުކަމެވެ. މިއީ އައްނަވަވީގެ ޤަޥްލުގެ މައްޗަށެވެ.) އަދި މާލިކީންނާއި އަބޫ ޔޫސުފް އާއި މުޙައްމަދު ބުނުލް ޙަނަފިއްޔާ އޭގެ ޠާހިރުކަމާއިމެދު ޚިލާފުވިއެވެ.
Comments (0)
Be the first to comment.