އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ވިދާޅުވިއެވެ
This article is available in Dhivehi only.
އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ވިދާޅުވިއެވެ:
❞މަޛިޔު ދޮވުމާއި މެދު އަންހެނުންނަށް އައިސްފައިވާ ހުރިހާ ޙަދީޘެއްވެސް ޟަޢީފު އެވެ.⁽¹⁾ ނަބިއްޔު ﷺ އަރިހުން ޘާބިތީ، ޙަދީޘް ކުރެއްވިޔޭ: «يغسل ذكره ويتوضَّأ» ”އޭނާގެ ޛަކަރު (އެބަހީ: ފިރިހެންހަށި) ދޮވެ އަދި ވުޟޫއު ކުރާހުށި ކަމެވެ.“ މިއެވެ. ❝
އަދި ވިދާޅުވިއެވެ:
❞އަންހެނެއްގެ މަޛިޔު ފާބައިފިނަމަ، އޭނާގެ މައްޗަށް، (ވުޟޫކޮށް އެޞަޢްޙަވުމަށް) އެދޮވުން ވާޖިބުވެގެން ނުވެއެވެ. (މިއީ ފިރިހެނަކާއި ޚިލާފަށެވެ.)❝
~ ގަލަންދާނު
____________
[1] މަޛިޔު އަކީ ލައްޒަތް އައުމުގެ ސަބަބުން އަންނަ ތެތްކަމެވެ. އަންހެނެއްގެ އެއީ ބިހުގެ ލޮނދިފަދަ ފެންކުލައިގެ ނުވަތަ ހުދު ކުލައިގެ ތުނި ނުވަތަ އޮލަ އެއްޗެކެވެ. އެއީ ޝަހުވަތުގެ ސަބަބުން އަންނަ އެހެނަސް އެފޭބުމުގައި ލައްޒަތް ނުހިމެނޭ އެއްޗެކެވެ. މަނި އާއި ޚިލާފަށެވެ. (އެފޭބުމުގައި ލައްޒަތް ވެއެވެ.) ޙަދީޘެއްގައި ވާ ފައިދައިން އަންހެނާގެ މަނި އަކީ (އޮލަކަމުގައި) ތުނި އަދި ރީނދޫ ކުލައެއްގެ އެއްޗެކެވެ. (އަދި އޭގެ ކުލަ ހުދުވެދާނެއެވެ.). ގިނަ ޢިލްމުވެރިން އަންހެނާގެ މަޛިޔު އާއި ފިރިހެނާގެ މަޛިޔު ޙުކުމުގައި ތަފާތު ނުކުރައްވައެވެ. ނަޖިސް ކަމާއި، ދޮވުމާއި، ވުޟޫއު ގެއްލުމުގައި ހަމަހަމަ ކުރައްވައެވެ. ފިރިހެނާގެ މަޛިޔު އަކީ ކުލައެއް ނުހުންނަ ތުނި ލޮންޖެކެވެ. މިގޮތުން ޖުމްހޫރުންގެ ޤަޥްލަަކީ ފިރިހެނާގެ މަޛިޔު ނަޖިސްކަމެވެ. (މިއީ ފާޅުވާ ގޮތުގައި އަލްޢަލްވާން ވެސް ރާޖިހު ކުރައްވާ ގޮތެވެ.) މިއީ މަނި އާއި ޚިލާފަށެވެ. (އޭގައި ރާޖިޙު ޤަޥްލަކީ އެޠާހިރުވެގެންވާ ކަމެވެ.) އަދި މިކަމުގައި ތަފްޞީލު ތައް ހިމެނެއެވެ. ފިރިހެނާގެ މަޛިޔުގެ ޚުލާސާ އަކީ ޖުމްހޫރުންގެ ޤަޥްލުގެ މަތިން ނަޖިސް ކަމަށް ބެލެވުނަސް އޭގެ ނަޖިސް ކަމީ ކުޑަ މިންވަރުގެ ނަޖިސްކަމެއް ކަމުގައެވެ. އަދި ހެދުމުގައި ޖެހިފައިވާނަމަ ފެންގޮއްޓެއް ނަގައި އެތަނަކަށް ބުރުވާލުން ފުދެއެވެ. އަދި މިއީ ކާން ނުފަށާ ކުޑަ ފިރިހެން ކުއްޖެއްގެ ކުޑަކަމުދާ ތަކެތި ފަދައެވެ. އަލްޢަލްވާން މިފަދައިން (ފިރިހެނާގެ މަޛިޔުގެ ނަޖިސްކަމުގެ މިންވަރާއިމެދު) ތަފްޞީލެއް ގެންނަވާފައިވެއެވެ. ﷲ أعلم.
* މީގެ އިތުރުން، ޝަހުވަތާއި ނުލައި އަންހެނާގެ ފަރުޖުގައި އުފެދޭ ތެތްކަމުގެ މައްޗަށްވާ ޚުލާޞާއެއް އަހަރެމެން ވާނީ މީގެ ކުރިން ގެނެސްދީފައެވެ. (ރުޖޫޢަވޭ)
Comments (0)
Be the first to comment.