ޖަމާޢަތުގެ ނަމާދުގައި، އެކަނިމާއެކަނި ޞަފެއްގައި ހުރެ ނަމާދުކުރާ މީހާގެ ޙުކުމާއި އެއާއި ގުޅިފައިވާ ފިޤުހުތަކުގެ ޚުލާޞާ
This article is available in Dhivehi only.
✅ ޖަމާޢަތުގެ ނަމާދުގައި، އެކަނިމާއެކަނި ޞަފެއްގައި ހުރެ ނަމާދުކުރާ މީހާގެ ޙުކުމާއި އެއާއި ގުޅިފައިވާ ފިޤުހުތަކުގެ ޚުލާޞާ
(އަލްޙާފިޡް އިބްނު ޙަޖަރް ގެ "ބުލޫޢުލް މަރާމް" ގެ ފޮތަށް އަލްޢަލްވާން ދެއްވި ޝަރަޙައިން)
①
🔄🔄🔄🔄
[ބުލޫޣުލް މަރާމްގެ މަތަނުން، ޖަމާޢަތުގެ ނަމާދާއި އިމާމުކަމާއި ބެހޭ ބާބުގެ ދަށުން، އިބްނު ޙަޖަރު ވިދާޅުވިޔޭ]
419: އަބީ ބަކްރާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު (ނަމާދަށް) ވަޑައިގެންނެވުނީ ނަބިއްޔު ﷺ ރުކޫޢުގައި އޮންނަވަނިކޮށެވެ. އެހެންކަމުން (ނަމާދުގެ) ޞަފަށްއަރައި ހަމަކުރެވުމުގެ ކުރިން އެކަލޭގެފާނު (އަބޫ ބަކްރާ) ރުކޫޢު ކުރައްވައިފީމޭ އެވެ. ދެން (މިވާހަކަ ޚަބަރުކިރެވުމުން) ނަބިއްޔު ﷺ އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ: (زَادَكَ اَللَّهُ حِرْصًا وَلَا تَعُدْ) ”ތިބާގެ ތި ޖޯށު ﷲ އިތުރުކުރައްވާށިއެވެ. އެހެނަސް އެގޮތަށް އަލުން އެކަން ނުކުރައްޗެވެ.“
އަދި އަބޫ ދާވޫދުގެ ރިވާތުގައި އިތުރަށް ވެއެވެ: ”އެހެންކަމުން އެކަލޭގެފާނު ޞަފާއި ހަމަވުމުގެ ކުރިން ރުކޫޢު ކުރައްވައި، ދެން ޞައްފަށް ހިންގަވައި ވަޑައިގެންނެވިއެވެ.“ ⁽¹⁾
420: އަދި ވާބިޞަތު ބްނި މަޢްބަދް އަރިހުން: ނަމާދުގެ ޞަފުތަކުގެ ފަހަތުގައި އެކަނިމާއެކަނި ހުރެ މީހަކު ނަމާދު ކުރާތަން، ރަސޫލު ﷲ ﷺ ދެކެވަޑައިގެންނެވިއެވެ. އެހެންކަމުން އޭނާ އަލުން ނަމާދު ޢިޔާދަ ކުރުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. — ރިވާކުރެއްވީ އަޙްމަދާއި، އަބޫ ދާވޫދެވެ.އަދި އައްތިރުމިޛީ ރިވާކުރައްވައި އެ "ޙަސަން" ކަމަށް ކަނޑައެޅުއްވިއެވެ. އަދި އިބްނު ޙިއްބާން އެ ޞައްޙަ ކުރެއްވިއެވެ. ⁽²⁾
421: އަދި އެކަލޭގެފާނު (އެބަހީ: އިބްނު ޙިއްބާން) އަރިހުން ވެޔޭ، ޠަލްޤު (ބްނު ޢަލީ) އަރިހުން: (ޞަފުތަކުގެ ފަހަތުގައި އެކަނިމާއެކަނި ނަމާދު ކުރާ މީހާއަށް ނަމާދެއް ނުވެއެވެ.) ⁽³⁾
420: އަދި (އިހު ނަންގަނެވުނު) ވާބިޞާ ގެ ޙަދީޘަށް، އައްޡަބަރާނީގެ ރިވާޔަތުގައި އިތުރުވެފައި ވެއެވެ: (أَلَا دَخَلْتَ مَعَهُمْ أَوْ اِجْتَرَرْتَ رَجُلًا؟). ”ތިބާ އެވެރިންނާއި އެއްސަފަށް ނުއައީ ކީއްވެ ހެއްޔެވެ؟ އެހެންނޫނީ (ޖާގަނެތްނަމަ) އެއިން މީހެއް ފަހަތަށް ނުގެނައީ ކީއްވެހެއްޔެވެ؟“ ⁽⁴⁾
---------------------
[1] ޞަޙީޙް، ރިވާކުރެއްވީ އަލްބުޚާރީ 783 ، އަދި އަބޫ ދާވޫދު 684 [ތ. އައްސަޢްދު]
[2] ޞަޙީޙް، ރިވާކުރެއްވީ އަބޫ ދާވޫދު 682 ، އައްތިރުމިޛީ 230 ، އިބްނު މާޖާ 1004 އަދި އަޙްމަދު 18000 ގައި —ތ. އައްސަޢްދު. [އަހަރެން، އިބްނު ފަހްމީ ދީދީ ބުނަމެވެ: ޢިލްމުވެރިންގެ ބޮޑު ޚިލާފެއް މިޙަދީޘުގެ ސަނަދުތައް މިނެކިރެއްވުމުގައި ވެއެވެ. އަދި އެގޮތުން އޭގެ ޞައްޙަކަން ކަނޑައެޅުއްވުމުވައިވެސް އެވެ. މީގެ ތަފްޞީލަށް، ޝެއިޚް ޢަބްދު ﷲ އައްސަޢްދުގެ ބުލޫޣުލް މަރާމް ގެ ތަޢްލީޤު، ޞ. 306 — ޙަދީޘް ނަންބަރު 331 އަށް ރުޖޫޢަވާށެވެ.]
[3] އޭގެ ސަނަދު ޙަސަން އެވެ. ރިވާކުރެއްވީ އިބްނު މާޖާ 1003 ގައި އަދި އަޙްމަދު 16297 ގައި — ތ. އައްސަޢްދު.
[4] އައްސަޢްދު ވިދާޅުވިއެވެ: ”މިއީ ބާޠިލު ޙަދީޘެކެވެ. ރިވާކުރެއްވީ އައްޠަބަރާނީ "އަލްމުޢްޖަމް ޢަލްކަބީރް" 22/145 ގައި އަދި އަބޫ ޔަޢްލާ 1588 ގައި އައްސަރިއްޔި ބްނި އިސްމާޢީލުގެ ސަނަދުން އައްޝަޢްބީ ގެ އަރިހުން ވާބިޞާގެ އަރިހުންނެވެ. އައްސަރިއްޔު އަކީ މަތުރޫކު މީހެކެވެ.“ އަދި މާހިރް އަލްފަޙްލު ވިދާޅުވިއެވެ: ”މިޙަދީޘު ވަރަށް ބަލިކަށްޓެވެ. އޭގައި އައްސަރިއްޔި ބްނި އިސްމާޢީލު ހިމެނެއެވެ. އޭނާ އަކީ މަތުރޫކު މީހެކެވެ. އޭނާ އަކީ ދޮގުވެރިއެެއް ގޮތުގައި ޔަޙްޔާ ބުނު ސަޢީދު ކަނޑައެޅުއްވިއެވެ.“
Comments (0)
Be the first to comment.