ℹ️ ސުވާލު: ނަމާދުގެ ފުރަތަމަ ޞަފުގައި ހަރުމީހުން ތިބުމަށް ނަބިއްޔު ﷺ ބާރު އެޅުއްވިއެވެ. އެހެންކަމުން ބަޔެއް އިމާމުން ހަގުކުދިންނަށް…
This article is available in Dhivehi only.

ℹ️ ސުވާލު: ނަމާދުގެ ފުރަތަމަ ޞަފުގައި ހަރުމީހުން ތިބުމަށް ނަބިއްޔު ﷺ ބާރު އެޅުއްވިއެވެ. އެހެންކަމުން ބަޔެއް އިމާމުން ހަގުކުދިންނަށް ދެކޮޅުހަދައި ފުރަތަމަ ޞަފުން މަނަޢު ކުރެއެވެ. އަދި އެވެރިންނަށް ބުނެއެވެ: ”މިއީ ކަލޭމެންގެ ޖާގަޔެއް ނޫނެވެ.“ އަދި ހަރުމީހުން އިސްވެ ނުވެސްއާދެއެވެ. ވީމާ މިކަމާއިމެދު ޝެއިޚުގެ ރައުޔަކީ ކޮބައިތޯއެވެ؟
ޖަވާބު: ❞ ހަގުކުދިން (ޖަމާޢަތު ނަމާދުގެ) ފުރަތަމަ ޞަފުން ނޫނީ އިމާމު މީހާގެ ބިއްދޮށުން މަނަޢު ކުރާ މީހަކަށް އަހަރެމެން ބުނަމެވެ: ތިކަމުގައި އޮތް ދަލީލަކީ ކޮބައިހެއްޔެވެ؟ އޭނާ އަތަކު އެކަމަށް ދަލީލެއް ނުވެއެވެ. އަދި ލާޒިމުވެގެންވަނީ، އެޖާގަޔަކަށް އެންމެ ޙައްޤުކަން އޮވެއްޖެމީހަކީ: އެންމެ ފުރަތަމަ އެހޯދައިފި މީހާއަށް ކަމުގައި ވުމެވެ.
އެހެނީ މީހަކު އޭނާގެ އަޚާ ތެދުކޮށް އޭނާގެ ޖާގައިގައި އިށީނުން، ނަބިއްޔު ﷺ ވަނީ ނަހީކުރައްވާފައެވެ. އަދި ޙަދީޘް ކުރެއްވިއެވެ: « من سبق إلى ما لم يسبق إليه مسلم فهو أحق به » ”އެހެން މުސްލިމެއް އިސްވެ ކުރިއަރާފައި ނެތީސް އިސްވެ އެއްޗެއް ހޯދައިފިމީހާ، ފަހެ އެއަކަށް އެންމެ ޙައްޤުކަން ބޮޑީ ޚުދު އޭނާއެވެ.“ އަދި ހަގުކުދިން ފުރަތަމަ ޞަފުން ދުރުކުރާ މިމީހާއަށް ދަލީލެއް ނުވެއެވެ. އަދި ކިއެއްތަ، މިކަމުން މިކުދިންނަށް މިދެވެނީ ބޮޑު ގޯނާއެކެވެ. އަދި މިސްކިތަށް އައުމުން އެކުދިންގެ ހިތްމަރައިލުންވެސް އޭގައި އެބަ ހިމެނެއެވެ. އަދި މިމީހާއާއި މެދު އެކުދިންގެ ހިތްތަކުގައި ނުރުހުން އުފެދުންވެސްމެއެވެ.
☝️ދެންފަހެ ނަބިއްޔު ﷺ ގެ ބަސްފުޅު: «ليليني منكم أولو الأحلام والنهى» ”ތިމަންކަލޭގެފާނާއި އެންމެ އަރިސްކޮށް ތިޔަބައިމީހުންކުރެ ތަންދޮރުފިލައި ވިސްނުންތެރި ބުއްދިވެރިން ތިބޭހުށިކަމެވެ.“ رواه مسلم (432) — ފަހެ މިޙަދީޘުގެ މުރާދަކީ، ހަރުމީހުން ކުރިޔާލައި އިސްވެ އައުމަށް އެކަލޭގެފާނު އަމުރުކުރެއްވުމެވެ. އަދި ޙަދީޘް ކުރެއްވީ ”ތަންދޮރުފިލައި ވިސްނުންތެރި ބުއްދިވެރި ނޫން މީހެއް، ނާންނާށެކޭ“ ނޫނެވެ. އެހެން ޙަދީޘް ކުރެއްވީހީނަމަ، އަހަރެމެން ހަގުކުދިން ހިފެހެއްޓީހެވެ. އެހެނީ އޭރުން ހަރުނޫން ބަޔަކު އައުމުން ނަހީއޮންނާނެތީއެވެ. އެހެނަސް ޙަދީޘް ކުރެއްވީ (ليليني منكم) ”ތިމަންކަލޭގެފާނާއި އެންމެ ގާތުގައި ވާށޭ ތިޔަބައިމީހުން ތެރެއިން..“ ވީމާ އެއިން ނެރެވޭ މާނައަކީ ކުރިޔާލައި އިސްވެ އައުމަށް ބާރު އެޅުއްވުމެވެ.
⚠️އާއެކެވެ. އެކުއްޖާ މިސްކިތުގައި ހަމަނުޖެހުން ހިންގާނަމަ ނޫނީ ނަމާދުކުރާ މީހުންނަށް ދުއްތުރާ ކުރާނަމަ، އަހަރެމެން އޭނާ އަދަބުވެރި ކުރުވާނަމެވެ. އެހެންޏާ އޭނާގެ ބެލެނިވެރިޔާ މެދުވެރިކޮށް ނޫނީ ސީދާ އޭނާއާއި ކުރިމަތިލައެވެ. އަދި (އިޞްލާޙުވެ) އަދަބުވެރި ނުވެއްޖެ ނަމަ އޭނާއަށް މިސްކިތަށް ވަނުންވެސް އަހަރެމެން މަނަޢުކުރާނަމެވެ.
ސުވާލު ކުރާ ފަރާތް: ”މިޘާލަކަށް އިމާމު މީހާއަށް ނައިބެއް ބޭނުންވާނަމަ ކިހިނެއްތޯއެވެ؟ އެއީ މިޘާލަކަށް އިމާމު މީހާ ނަމާދުގެ ތެރޭ ކަމެއް ދިމާވެގެން ފަހަތް ބަލާއިރު ހަގުކުދިން މެނުވީނެތި އެވެރިން އެކަން ކުރުމަށް ތައްޔާރީއެއް ނެތުމެވެ.“
ޝެއިޚް: ފުރަތަމަ ކަމަކަށް، ﷲ ތިބާޔަތް ބަރަކާތް ލައްވާށި، ފަހެ މިފަދަ ކަމެއް ދިމާވަނީ ކޮން އިރަކުހެއްޔެވެ؟ އިމާމު މީހާ އިމާމުކަން ކުރަން އެހެން މީހެއް ކުރިޔަށް ގެނައުމަށް ބޭނުމެއް ޖެހެނީ ކިހާ ޢާންމުކޮށް ހެއްޔެވެ؟ ފަހަރެއްގައި ގާތްގަނޑަކަށް އަހަރަކު އެއްފަހަރެވެ. އަހަރެން (އިމާމުވެ) މިސްކިތުގައި މިހާރު ތިރީސް އަހަރަށް ވުރެ ގިނަވެއްޖެއެވެ. ދުވަހަކުވެސް މިކަމަށް ބޭނުން ޖެހިފައި ނުވެއެވެ. މިއީ ފުރަތަމަ ނުކުތާއެވެ.
ދެވަނަކަމަކަށް: ހަގުކުއްޖެއް ގާރީވެރިއެއް ނަމަ، އިސްކުރުމުގައި މައްސަލައެއް ނެތެވެ. އެއީ އުމުރުން 10 އަހަރުގެ ކުއްޖަކަށް ވިޔަސްއެވެ. އިސްކުރުވައި ޖަމާޢަތުގައި އޭނާ ނަމާދު ކުރުވެވޭނެއެވެ. އެހެނީ ޞަޙީޙުލް ބުޚާރީގައި ޘާބިތުވެގެންވާ ފަދައިން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: « يؤمكم أكثركم قرآناً » ”ޤުރުއާން އެންމެ ގިނައިން އެނގޭ މީހާ، ތިޔަބައިމީހުން ކުރެ އިމާމެއް ގޮތުގައި އަރުވާށެވެ.“ އަދި ޢަމްރު ބުނު ސަލިމަތުލް ޖަރްމީ... އުމުރުން 7 އަހަރުގައި އެކަލޭގެފާނުގެ ޤަބީލާގެ އިމާމެއް ގޮތުގައި އިސްކުރެވުނެވެ....❝
— އިބްނުލް ޢުޘައިމީން (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.