މުޞައްނިފުގެ ބަސް
This article is available in Dhivehi only.
މުޞައްނިފުގެ ބަސް:
ބަންގި ދުޢާ
”ބަންގި“ ނިސްބަތް ވަނީ ނަމާދު ވަޤުތު ވަނުމުން އިއްވޭ ނިދާއު (ގޮވެލި) އަށެވެ.
ޢަރަބި ބަހުގައި ބަންގިއަށް ކިޔެނީ أَذَان އެވެ. އަދި އެ ލަފުޡުގެ މަޞްދަރަކީ ا-ذ-ن އެވެ. އޭގެ ލަފްޡީ މާނައަކީ ޚަބަރުކުރުމެވެ.
"ޚަބަރުކުރުން" ދިވެހިބަހުގެ ރަދީފުގައި މާނަ ކުރަނީ: "ޚަބަރެއް އެންގުން، ވާހަކައެއް އެންގުން" މިއެވެ.
ﷲ ވަޙީ ކުރެއްވިއެވެ: ﴿وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ [التوبة : ٣].
”އަދި މިއީ... اللَّه އާއި، އެއިލާހުގެ ރާސޫލާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ.“
ވީމާ الأذان އަކީ ނަމާދަށް "ގޮވުމެވެ." އެއީ އޭގެ ވަޤުތު ވަދެއްޖެކަން ނޫނީ އަދާކުރާ ވަޤުތު ގާތްވެއްޖެކަން "ޚަބަރުކުރުމެވެ."
ފިޤުހު ޢިލްމުވެރިންގެ އިޞްޠިލާޙުގައި الأذان އަކީ: ވަކި ޚާއްޞަ ލަފުޡުތަކަކުން ނަމާދުގެ ވަޤުތުވަދެއްޖެކަން ޚަބަރުކުރުވުމެވެ.
[އިތުރުރަށް ބެލުމަށް: އައްޠަރީފީގެ المسائل المهمة في الأذان والإقامة ޞ. 9]
އަދި ޢަރަބި ބަހުގައި ބަންގިޔާއި ގަމަތަށް އެކުއެކީ ވާހަކަ ދެއްކުމުގައި ދޭއްޗަށްވެސް أَذان އޭ ނިސްބަތް ވެއެވެ. (މީގެ ތަފްޞީލު ފަހުން އަންނާނެއެވެ.) އެހެނަސް ދިވެހިން ބަންގި އޭ ބުނަނީ ޤަމަތާއި ވަކިން ނަމާދުގެ ވަޤުތު ޖެހުމުން އިއްވޭ ނިދާއު އަށެވެ.
އަދި "ބަންގި" މިލަފުޒުގެ އަޞްލަކީ ފާރިސީ ބަހުން (بانگ) "ބާންގް" އެވެ. އެއީ އަޑު ހަރުކޮށް ގޮވާ ގޮވެލިއެވެ. އަދި ހެނދުނު ހެނދުނާ ހާ ގޮވާ ގޮވެއްޔަށްވެސް އެހެން ނިސްބަތް ވެއެވެ. ދެން ފާރިސީންގެ ތެރެއިން މިބަސް އަފްޣާނިސްތާނުގެ ބައެއް ބަހުރުވަ ތެރެއިން أذان އަށް ނިސްބައި ވެވި، އެވެރިންގެ ވެރިކަންތަކުގެ ފުތޫޙާތުތަކާއި އެކު ދެކުނު އޭޝިޔާގެ ސަރަޙައްދު ތަކުގައި މިބަސް ޢާންމު ވިއެވެ. އިންޑިއާ-ޕާކިސްތާނުގެ ޕަންޖާބު ސަރަޙައްދުތަކުގައި އާއި މަލާބާރީ ޢައްސޭރިފަށުގައިވެސް އެވެ.
Comments (0)
Be the first to comment.