2] މުޞައްނިފުގެ ބަސް
This article is available in Dhivehi only.
[2] މުޞައްނިފުގެ ބަސް:
ބަންގި ދިނުމަށް ފަހުގަޔާއި ޤަމަތް ދިނުމަށް ފަހުގައި މިދުޢާ ކިޔުން
ޤަމަތަށް މިދުޢާ ކިޔުމާއި މެދު ދަންނައެ، މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤަޥްލެވެ. އެއީ އެކަން ބަންގި ފަދައިން ޤަމަތުގައިވެސް މުސްތަޙައްބުކަމެވެ. އެބޭކަލުން ޙަދީޘް ތަކުގައިވާ أَذان ނުވަތަ ނިދާއު ގެ ދޭހަ ބަންގި އާއި ޤަމަތް ފަރަގު ނުކުރައްވައެވެ. އެގޮތުން ބަންގީގެ ލަފުޒުތައް އަޑުއަހާ މީހާ ތަކުރާރު ކުރާ ފަދައިން ޤަމަތުގައިވެސް ތަކުރާރު ކުރުންވެސް މުސްތަޙައްބު ކަމަށް ވިދާޅުވިއެވެ. (ތަކުރާރު ކުރުމާއި ބެހޭ ޙަދީޘު ފަހުން ގެނެވޭނެއެވެ.) އަދި މިއީ ޝާފިޢީންނާއި ޙަންބަލީންގެ ޤަވްލެވެ. އަދި ޙަނަފީންގެ ތެރެއިންވެސް ޖުމްހޫރުންގެ ޤަޥްލެވެ. އައްނަވަވީ ވިދާޅުވިއެވެ: ”ޤަމަތުގައިވެސް (އަޑުއަހާ މީހާ) ތަކުރާރުކުރުން އަހަރެމެންގެ (އައްޝާފިޢީންގެ) ޢިލްމުވެރިން އިއްތިފާޤު ވެލައްވާފައި ވެއެވެ. އެއީ ބީރައްޓެހި މަދު ބޭކަލެއްގެ ޤަޥްލެއް ގައި މެނުވީއެވެ.“ (އަލްމަޖްމޫޢު 3/122, 123)
އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ސަޢޫދީގެ ފަތުވާ މަޖިލިހާއި 6/89, 90) ، އިބްނު ބާޒާއި ، އަލްއަލްބާނީގެ ރައުޔަކީވެސް މިއެވެ.
🤚އެހެނަސް ޙަނަފީންގެ ބައިގަނޑެއް މިރައުޔާއި ޚިލާފުވެލެއްވޮއެވެ. އަދި ދެކިލެއްވީ އެކަން މުސްތަޙައްބުވެގެންވަނީ ހަމައެކަނި ބަންގީގައި ކަމެވެ. ޤަމަތުގައެއް ނޫނޭ އެވެ. އަދި މިއީ ފަހުގެ ބޭކަލުން ކުރެ އިބްނުލް ޢުޘައިމީން ދެކިލެއްވި ރައުޔެވެ.
ޖުމްހޫރު ޢިލްމުވެރިން މިއަށް ދަލީލު ނެންގެވީ «بين كل أذانين صلاة» ”ކޮންމެ ދެ އަޛާނެއް ދެމެދުގައި ނަމާދެއް ވެޔޭ“ ނަންގަނެވުނި ޙަދީޘުންނެވެ. ވީމާ މިތާނގައި ބަންގިޔާއި ޤަމަތަށްވެސް أذان އޭ ނަން ގަނެވުނެވެ. ވީމާ ޖުމްހޫރުން ދެކިލެއްވީ أذان އާއި އެކު ކިޔަން ވާރިދުވެފައިވާ ޛިކުރުތަކާއި ދުޢާތައް އެދޭތިގައިވެސް ޝާމިލުވާނޭ އެވެ.
އެހެނަސް މިއީ ޢަރަބި ބަހުގެ ވައްޓަފާޅީގެ ގޮތުން ދޭއްޗަށް އެކުއެކީ އެއްނަމެއް ދެވެނީ އޭ ބުނެވިދާނެއެވެ. އެއީ ކަދުރާއި ފެނަށް الأسودان (ދެ ކަޅު އެއްޗޭ) ބުނެވޭހެނެވެ. އަދި ހަނދާއި އިރަށް އެކުއެކީ القمران (ދެހަނދޭ) ބުނެވޭ ފަދައިންނެވެ. އަދި އަބޫ ބަކުރާއި ޢަމުރަށް العُمَران (ދެޢުމަރޭ) ބުނެވޭ ފަދައިންނެވެ. އެއީ ދެލަފުޡެއް އެކުއެކީ ބުނެވޭއިރު ވަރުގަދަ ސިފަޔެއް އައުމެވެ. އެގޮތުން ހަނދާއި އިރު އެކުއެކީ ބުނާ އިރު القمران ދެހަނދޭ ބުނެވެއެވެ. އެހެނަސް އޭގެ މާނައަކީ ވަކިން ބުނެވޭ އިރު القمر (ހަނދު) ގެ މުރާދަކީ (الشمس) އިރެކޭ ނޫނެވެ. ވީމާ أذانين (ދެ އަޒާން ނޫނީ ދެ ބަންގި) ދޭހަކުރަނީ ބަންގިޔާއި ޤަމަތެވެ. އެހެނަސް أذان ވަކިން މުރާދަކޮށްދެނީ ޤަމަތެއް ނޫނެވެ.
(އިތުރު މަޢުލޫމާތައް އިސްލާމް-ސޖ ފަތުވާ 1179)
އަދިވެސް އެބޭ ކަލުން ނަންގަވާ އަނެއް ދަލީލަކީ އަބޫ ދާވޫދު (528) ގައި ވާރިދުވެފައިވާ ޙަދީޘެކެވެ. އޭގައި ނަބިއްޔު ﷺ ބިލާލުގެފާނުގެ ޤަމަތް ތަކުރާރު ކުރެއްވިޔޭ އެހެނަސް “قد قامت الصلاة" ނޫނީއޭ ވެއެވެ. އެތަނަށް ކިޔުއްވީ "أقامها الله وأدامها" މިހެންނޭއެވެ. އެހެނަސް މިޙަދީޘު ޟަޢީފެވެ.
⚠️އަލްޢަލްވާން އާއި އައްސަޣްދު އާއި އައްޠަރީފީ މިޙަދީޘު ޟަޢީފު ކުރެއްވިއެވެ. އަދި މިހުރިހާ ބޭކަލުން ރާޖިޙު ކުރައްވަނީ ޤަމަތުގައި ޛިކުރުތައް ކިޔަން ނުޖެހުމެވެ.
އަދި ޤަމަތުގައި ބަންގީގެ އަޙުކާމު އަމަތަށް ނުއަންނަނޭ ކަމުގެ މިޤަޥްލަކީ، އަކްޢުޘައިމީންނާއި، އަލްޢަލްވާން އާއި އައްޠަރީފީ އާއި އައްސަޢްދުގެ އިތުރުން އަލްއައްލާމާ ބަކްރު އަބޫ ޒައިދުވެސް ރާޖިޙު ކުރެއްވި ގޮތެވެ.
«تصحيح الدعاء» ފޮތުގެ ص394-395 ގައި ބަކްރު އަބޫ ޒައިދު ވިދާޅުވިއެވެ:
”ޤަމަތަށް ރައްދު ދިނުން: (ދަންނައެ) ޤަމަތަށް ގޮވާލާ މީހާގެ އަޑު އިވޭ މީހާ ބަންގީގައި ވާފަދައިން ރައްދުދޭން ޞައްޙަ އަދި ޞަރީޙަ ޙަދީޘެއް އެނގޭން ނެތެވެ. އަދި ބަންގިޔަށް ރައްދުދޭން ހުރި ޙަދީޘުތަކުން ޤަމަތަށް ޢާންމު ޙުކުމެއް ނެގުމާއިމެދު ދަންނައެ: އެނިންމުން ޤަބޫލުވެވިގެން ނުވެއެވެ.
އެހެނީ އެޙަދީޘުތަކުގެ ތަފްޞީލަށް ނަބިއްޔު އަރިހުން ވާރިދުވި ތަފްޞީލު ވަނީ ބަންގީގައި ބަންގިގޮވާމިހާއަށް ރައްދުދިނުމުގެ ވާހަކަ އެކަންޏެވެ. (ނޯޓް: މިއީ ޞަޙީޙް މުސްލިމްގެ 385 ވަނަ ޙަދީޘަށް އިޝާރާތް ކުރައްވައެވެ.). އަދި މިކަން ވަނީ - والله أعلم - އަޅުކަންތައްތައް މުޑިއެރުމުގެ ފުރުސަތު ހަނިކުރުމުގެ ތެރެއިންނެވެ. އަދި ޤަމަތް އަޑު އިވޭ މީހާއަށް ވަނީ ތަތް ނުވެ ހޭވެރިވުމެވެ. އަދި ނަމާދަށް ޞަފުތައް ސީދާ ކުރުމުގެ ސުންނަތާއިގެން މަޝްޣޫލުވުމެވެ.“ — ا هـ.
Comments (0)
Be the first to comment.