3] މުޞައްނިފު ގެ ޤަޥްލު
This article is available in Dhivehi only.
[3] މުޞައްނިފު ގެ ޤަޥްލު
މިދުޢާ ކިޔުން ސުންނަތެވެ.
އަދި ދެން ނަޤުލު ކުރެއްވި ދުޢާ އަކީ އޭގެ ފުރަތަމަ ބައި ޞަޙީޙުލް ބުޚާރީން ނެގެވިފައިވާ ދުޢާ އެެވެ. އަދި އަލްބުޚާރީ ގެ ޙަދީޘުގައި ވަނީ:
ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ: «مَنْ قَالَ حِينَ يَسْمَعُ النِّدَاءَ» ”އެ މީހަކަށް ބަންގީގެ އަޑު އިވޭހިނދު މިފަދައިން ކިޔައިފިނަމަ:
✅
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ
وَالصَّلاَةِ القَائِمَةِ
آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ
وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ ⁽*⁾
(ދެން ޙަދީޘް ކުރެއްވީ) «حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ» ”ޤިޔާމަތްދުވަހުން، އެ މީހަކަށް ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭ ހުއްޓެވެ.“
[ރިވާކުރެއްވީ އަލްބުޚާރީ: 612 ގައި.]
ވީމާ މަތީގައި ބަޔާން ވެވުނު ލަފުޡު ތަކުގެ އިތުރަށް މުޞައްނިފު އެއްކުރައްވާފައިވާ ލަފުޡުތަކީ، ޘާބިތު ނޫން އިތުރު ކުރުން ތަކެކެވެ. އަދި އެތަކެއްޗަށް ރަސޫލު ﷲ ﷺ އަރިހުން ބަންގީގެ ދުޢާގައި ޝާމިލުކުރުމަށް އެއްވެސް ޙަދީޘެއް ވާރިދުވެފައި ނުވާ ތަކެއްޗެވެ. (އަދި ކުރިޔަށް އޭގެ ބަޔެއް ތަފްޞީލު ގެނެވޭނެއެވެ.)
⚠️ނޯޓް: އެހެނަސް މިދުޢާ ގެ ތެރެއަށް، މަޝްހޫރުކޮށް އިތުރު ކުރެވޭ އެހެން ޖުމްލައެއް ވެއެވެ.
އެއީ އޭގެ ނިމޭތާނގައި "إِنَّكَ لَا تُخْلِفُ الْمِيعَاد" މި ޖުމްލައެވެ.
އަދި މިއީ އަލްބުޚާރީގައިވާ ދުޢާގެ ތެރެއަށް އައްދާރަޤުޠުނީ ގެންނެވި ރިވާޔަތުގެ އިތުރު ކުރެވިފައިވާ ބަޔެކެވެ.
އަލްޢުޘައިމީންގެ ދަރިވަރު އަދި ޙަދީޘް ޢިލްމުވެރިޔާ ފަހްދުއް ސުނައިދު ވިދާޅުވިއެވެ: ”އިބްނު ބާޒު އަރިހުން ޙަދީޘު ޞައްޙަ އަދި ޟަޢީފު ވުމުގައި ޝެއިޚު ޢުޘައިމީން ގިނަގުނައިން ބަސް ނަޤުލު ކުރެއްވިއެވެ. އޭގެ ތެރެއިން އެންމެ ގިނައިން އަހަރެން އަޑު އެހިތަކެތީގެ ތެރޭގައި.. (ބަންގި ދުޢާގެ) ނިމޭތާގައިވާ "إنك لا تخلف الميعاد" (ޞައްޙަ ކަމުގައި ވިދާޅުވާ ބަސްފުޅު) ހިމެނެއެވެ.“ ދެން އިތުރަށް ވިދާޅުވިއެވެ: އެހެނަސް އެ އިތުރުބައި ޝާޛް އެވެ. (ވަރުގަދަ ރާވީން ނުގެންނަވާ އިތުރުވުމެކެވެ. އެގޮތުން ބަލިކަށްޓެވެ.)
އަލްޢަލްވާން ވިދާޅުވިއެވެ: ”(إنَّك لا تُخلف الميعاد) މިއިތުރު ޖުމްލަޔަކީ ޝާޛާ އެކެވެ. އެހެން ރާވީންނާއި އެކެހެރިކޮށް އެބައި ގެންނެވީ މުޙައްމަދު ބުނު ޢަޥްފުއް ޠާއީ އެވެ. އަދި އެބޭފުޅާއާއި ތަފާތުކޮށް 11 އަށް ވުރެ ގިނަ ޙަދީޘުގެ ޙުއްފާޡު ބޭކަލުން އެ ޙަދީޘު (އަލްބުޚާރީގައި ވާގޮތަށް) އެބަޔާއި ނުލައި ރިވާކުރައްވާފައި ވެއެވެ.“
ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”މިއިތުރު ކުރުން ގެންނެވީ އަލްބައިޙަޤީ މުޙައްމަދު ބުނު ޢަޥްފުލް ޙުމްޞީގެ ޙަދީޘް ތަކުންނެވެ... އަދި ހަމަ މިޙަދީޘު (އެނޫން މަގުން) ޢަލީ ބުނު ޢައްޔާޝު އަރިހުން އިމާމް އަޙްމަދާއި، އަލްބުޚާރީ އާއި މުޙައްމަދު ބުނު ޔަޙްޔާ އައްޒަހްލީ ރިވާކުރެއްވިއެވެ. އަދި ޙަދީޘު އިމާމުން ކުރެ ބޮޑުންތަކާއި މިނޫންވެސް ޙުއްފާޡުން މިޙަދީޘު ރިވާކުރެއްވި އިރު މިއިތުރު ބައި ޛިކުރު ނުކުރައްވައެވެ. އަދި އެބައި އެކަހެރިކޮށް އިތުރު ކުޅައީ މުޙައްމަދު ބުނު ޢަޥްފުލް ޙުމްޞީ އެވެ.. އެބޭފުޅާއަކީވެސް ޙުއްފާޡުން ތެރޭ އަރައި ހުންނެވި ބޭފުޅެކެވެ. އެހެނަސް އެބޭފުޅާ އެޖުމްލައިގައި (އެނޫން ބޭކަލުންނާއި) އެކަހެރިވިއެވެ. ވީމާ މިއިތުރު ބައި، މިއީ ޞައްޙަ ނޫން އިތުރު ޖުމްލައެކެވެ.“
އަދި އައްޠަރީފީ "المسائل المهمة في الأذان والإقامة" (ޞ. 113) ގައި ވިދާޅުވިއެވެ: ”ރަނގަޅު ގޮތަކީ، އެއިތުރު ބައި ޝާޛް ކަމެވެ.“ އަދި އަލްބުޚާރީ ގެ ޞަޙީޙު ރިވާކުރި ބޭފުޅުންގެ ތެރެއިން އަލްކަޝްމައިހަނީގެ ރިވާޔަތުގައި މި ޙަދީޘު ވާރިދުވެފައި އޮތް އޮތުމުގެ މައްޗަށް އޭގައި އަލި އަޅުވާލައްވައި ، އަބޫ ޙާތިމް އާއި އިބްނު ރަޖަބް އޭގައި ހާމަނޫން ބަލިކަށިކަން އޮތް ކަމަށް ނިންމެވެވި ނިންމެވުން ރާޖިޙު ކުރެއްވިއެވެ. އިތުރުތަފްޞީލަށް އެއަށް ރުޖޫޢަ ވާށެވެ.
ــــــــــــــ
[*] ދުޢާގެ މާނައަކީ: (މި ފުރިހަމަ ގޮވާލުމުގެ ވެރިރައްބު! އަދި ޤާއިމުކުރެވޭ ނަމާދުގެ ވެރި ރައްބު! އިބަރަސްކަލާނގެ، މުޙައްމަދު ﷺ އަށް އަލްވަސީލާ އާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ އެކަމަށް ވަޢުދު ކުރައްވާފައިވާ، ޙަމްދުލިބިގެންވާ މަޤާމު އެކަލޭގެފާނަށް ދެއްވާނދޭވެ!)
Comments (0)
Be the first to comment.