7] މުޞައްނިފުގެ ޤަޥްލު
This article is available in Dhivehi only.
[7] މުޞައްނިފުގެ ޤަޥްލު:
وَصَلَّى اللَّهُ وَسَلَّمَ عَلَى سَيِّدِنَا مُحَمد وَآلِهِ وَصَحبه اجمَعِينَ
އަދި މިއީ ހުއްދަ ޞަލަވާތެކެވެ. އެހެނަސް ވާރިދުވެފައިވާ ޞީޣާއެއް ނޫނެވެ. އަދި މިއީ މިދުޢާގެ ތެރެޔަށް ހުއްދަ ނޫން އިތުރު ކުރުމެކެވެ. އެހެނަސް އަހަރެމެން ވާނީ ކުރިން، ބަންގީގެ ދުޢާއަށް ފަހު "ޞަލަވާތް ކިޔުން" ސުންނަތް ކަން ބަޔާން ކޮށްފައެވެ. އަދި އެސުންނަތް އަދައު ކުރުމުގެ ވަގުތަކީ ސީދާ ބަންގި ނިމުމާއި އެކުގައެވެ. ވީމާ އެވަގުތު ގައި އިތުރުޞާޙިބާއަށް ކޮންމެ ޞީޣާއަކުން ވޮޔަސް ޞަލަވާތކިޔުން ހުއްދައެވެ. މުޞައްނިފު ބަޔާން ކުރި ޖުމްލައިން ވިޔަސް އެވެ.
މިއާއިއެކު: މިދުޢާއަށް ފަހު މިޞަލަވާތް ކިޔުމުގައި މައްސަލަޔެއް އޮތް ކަމަށް ބުނެވެން ނެތެވެ.
☝️އެހެނަސް މިއީ މިދުޢާގެ ބަޔެއް ގޮތުގައި އިތުރުކުރުން ހުއްދަ ނޫނެވެ. ހުއްދައީ، ބަންގީގެ ފަހުން ކިޔޭ ޞަލަވާތެއް ގޮތުން ކިޔުމެވެ.
✅އަދި ރާޖިޙުއީ، ބަންގިޔަށް ފަހު ޞަލަވާތް ކިޔުމެވެ. އަދި އެއަށް ފަހު "ވަސީލަތަށް" އެދި ކުރެވޭ (އަލްބުޚާރީގެ) ދުޢާ ކިޔުމެވެ. އެހެނީ އިހުބަޔާން ވެވުނުފަދައިން ޙަދީޘުގައި ވަނީ:
«إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ثُمَّ صَلُّوا عَلَىَّ فَإِنَّهُ مَنْ صَلَّى عَلَىَّ صَلاَةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ثُمَّ سَلُوا اللَّهَ لِيَ الْوَسِيلَةَ...» ”ބަންގިގޮވާ މީހާގެ އަޑު ތިޔަބައިމީހުންނަށް އިވިއްޖެނަމަ، އޭނާ ކިޔާ ފަދައިން ކިޔާށެވެ. ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތެއް ކިޔައިފި މީހަކަށް ﷲ ދިހަފަހަރު ޞަލަވާތް ލައްވަތެވެ. (އެއީ އެއިލާހުގެ އޭނާ ޛިކުރު ކުރައްވައި ރަޙުމް ލެއްވެވިމެވެ.) ދެން ތިމަންކަލޭގެފާނަށް ވަޞީލަތަށް ﷲ ޙަޟުރަތުން އެދި ދަންނަވާށެވެ. (މިއީ އިހުބަޔާންވި އަލްބުޚާރީގެ ބަންގި ދުޢާގައިވާ ދެންނެވުމެވެ.)...“ (މުސްލިމް 384)
މީގެ އިތުރުން ޢާންމު ދުޢާ ތަކުގައި އިތުރު އެކަލޭގެފާނުންނަށް އޭގެ ފެށުމުގައި ނޫނީ އޭގެ ނިމުމުގައި ނޫނީ އޭގެ ފެށުމާއި ނިމުމުގައި ނޫނީ އޭގެ ތެރެއިން ކޮންމެ ބަޔެއްގައިވެސް ޞަލަވާތް ކިޔުމީ ސުންނަތުން ޘާބިތު މުސްތަޙައްބުކަމެކެވެ. ⁽*⁾
☝️އެހެނަސް ވަކި މަޤާމެއްގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާއެއްގެ ތެރެއަށް އެއްޗެއް އިތުރުކުރުން ހުއްދަ ނޫންކަން އަހަރެމެން ވާނީ ކުރިން ބަޔާން ކޮށްފައެވެ. އެހެންކަމުން ބަންގީގެ ދުޢާގޮތުގައި މިގޮތަށް ޢާންމުގޮތެއްގައި އިތުރުކޮށްގެން ކިޔުން ހުއްދަ ނޫނެވެ.
[8] މުޞައްނިފު ގެ ޤަޥްލު
الحمد لله رب العالمين
އަލްޤުރުޠުބީ ތަފްސީރު (8/ 314) ގައި ވިދާޅުވިއެވެ:
ދުޢާ ކުރާ މީހާއަށް ، އޭނާގެ ދުޢާގެ ނިމުމުގައި، ޖަންނަތުގެ އަހުލުވެރިން ބުނާ ފަދައިން ކިޔުން މުސްތަޙައްބުވެގެން ވެއެވެ. އެއީ
{وَءَاخِرُ دَعۡوَىٰهُمۡ أَنِ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ} މާނައީ (އަދި އެމީހުންގެ އެންމެފަހުގެ دعاء އަކީ އަދި نداء އަކީ " الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ " އެވެ.)“ اهـ.
އައްޠަބަރީ އެކަލޭގެފާނުގެ ތަފްސީރު (12/ 128) ގައި ވިދާޅުވިއެވެ: ”އަދި ﷲ ގެ ވަޙީ {وآخر دعواهم} [يونس: 10] އެއީ އެބައިމީހުންގެ އެންމެ ފަހު ދުޢާއަކީ { أن الحمد لله رب العالمين} އޭއެވެ. އެވެރިންގެ އެންމެ ފަހު ދުޢާ އަކީ މިހެން ބުނުމޭ: الحمد لله رب العالمين އެވެ.“ اهـ.
އަދި މިއީ ޢާންމު އެންމެހާ ދުޢާއެއްގައެވެ.
☝️އެހެނަސް އިސްވެ ބަޔާން ވެވުނު ފަދައިން ވަކި މަޤާމަކަށް ޚާއްޞަވެފައިވާ ވިރުދުތަކާއި ދުޢާތަކުގެ ތެރެޔަށް ލަފްޡު އިތުރު ކުރުމެއް ނުވެއެވެ. އެގޮތުން ބަންގީގެ ދުޢާގައި މިއީ ވާރިދުވެފައިވާ ބަޔެއް ނޫނެވެ.
އަދި ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ.
މިހިސާބަށް، ތަޢުލީމުއްދިޔާނާ ގެ ތަޢްލީޤުތަކުން ފުރަތަމަ ބައި، "ބަންގި ދުޢާ" ގެ މައްޗަށް ޤަޞްދުކުރި ތަޢްލީޤާތު ނިމުނީއެވެ.
— އެކުލަވާލީ، އިބްނު ފަހުމީ ދީދީ 🖋
~ ގަލަންދާނު
ـــــــــــــــــ
[*] ދުޢާގެ ހުރިހާ ބަޔެއްގައި ޞަލަވާތް އެކުލަވާލައިގެން ކިޔުމާއި މެދު، ފަތުވާ (21938)
Comments (0)
Be the first to comment.