ނަމާދު ކުރުން ނަހީ ވަޤުތު ތަކުގައި ސަބަބަކާއި އެކު ސުންނަތް ނަމާދެއް ކުރުމުގެ ޙުކުމް
This article is available in Dhivehi only.
⚠️ ނަމާދު ކުރުން ނަހީ ވަޤުތު ތަކުގައި ސަބަބަކާއި އެކު ސުންނަތް ނަމާދެއް ކުރުމުގެ ޙުކުމް.
މީގެ ދަށުން: ބަންގި ގޮވުމުގެ ކުޑަ އިރުކޮޅެއް ކުރިން މަޣްރިބު ނަމާދަށް ތައްޔާރުވެގެން މިސްކިތައް ވަންނަ މީހާ، މަސްޖިދު ސުންނަތް ނޫނީ ވުޟޫގެ ސުންނަތް ދެރަކުޢަތް ކުރުމުގެ ޙުކުމް.
-①-
☪☪☪☪☪
❞...ނަމާދު ކުރުން ނަހީ ވަޤުތު ތަކުގައި، ސަބަބަކާއި ލައިގެން ކުރެވޭ ނަމާދު ތަކަށް ޢިލްމުވެރިން ⌝ތެރެއިން ބައިގަނޑެއް⌜ އެމަނަޢު ގެ މައްޗަށް އިޘްތިސްނާ ދެއްވައެވެ. މިއީ އައްޝާފިޢީގެފާނުގެ މަޛުހަބެވެ. އަދި އިމާމު އަޙުމަދު އަރިހުން ރިވާވެފައިވާ އެއް ރައުޔެވެ. އަދި މިއީ ދެޝެއިޚުން —އިބްނު ތައިމިއްޔާ އާއި އިބްނުލް ޤައްޔިމް— އިޚްތިޔާރު ކުރެއްވި ޤަޥްލެވެ. އެބޭކަލުން ވިދާޅުވަނީ ކޭތަނަމާދައި ތަޙިއްޔަތުލް މަސްޖިދާއި ވުޟޫއު ގެ ދެރަކުޢަތް ކުރުމުގައި މައްސަލައެއް ނުވާ ކަމުގައެވެ.
މި ޤަޥްލުގެ މައްޗަށް އެތަކެއް ދަލީލެއް ވެއެވެ. އަދި ރަނގަޅު ބުނުމަކީ މިއީއެވެ.
ދެންފަހެ މިދުވަސް ވަރު އެތައް ބައެއްގެ ބަޙުޘް އަކަށް ވެފައިވާ މައްސަލަ، ފަރުޟު ނަމާދެއްގެ ޖަމާޢަތެއް ގެއްލޭ މީހަކަށް، ނަހީގެ ވަޤުތު ގައި (އެބަހީ: ޢަޞްރު ނަމާދުން އަވަދިވުމަށް ފަހުގައި، ނޫނީ ފަތިސް ނަމާދުން އަވަދިވުމަށް ފަހުގައި) ޖަމާޢަތް ހޯދައި ދިނުމަށް ޤަސްދުކޮށް ނަފްލު ނަމާދެއް ގޮތުގައި ނިޔަތްގަނެ ބައިވެރި ވުމާއި މެދު ދަންނައެ؛ ރަނގަޅު ބުނުމަކީ މިއީ ސަބަބެއް އޮތް ނަމާދެއް ނޫން ކަމެވެ.
އެހެނީ ސަބަބަކާއި އެކު ކުރެވޭ ކަންތަކެއް ކަމުގައި ވުން ވަނީ އެމީހެއްގެ ފަރުދީ ތަކެއްޗެވެ. އެހެންމީހެއްގެ ފަރުދީ ކަމެއް ނޫނެވެ. ވީމާ ތިބާގެ ނަފްސަށް ޚާއްޞަ ވެއްޖެ ކަމެއް އެކަން ކުރާށެވެ. އެހެނީ އެއީ އެހިނދުގައި ސަބަބެއް އޮވެއްޖެ ކަމެކެވެ. އެހެނަސް އަހަރެން އެހެން މީހަކަށްޓަކައި ކޮށްދޭ ކަމެއް ނަމަ، ނޫނެކެވެ.
ފަހެ މިގޮތަށް (ޖަމާޢަތް ގެއްލޭ މީހާއަށް ޖަމާޢަތެއް ހޯދައި ދިނުމަށް) އޮތް [އަބޫ ސަޢީދުގެ ޚުދްރީގެ] ޙަދީޘު «أَلَا رَجُلٌ يَتَصَدَّقُ عَلَى هَذَا فَيُصَلِّيَ مَعَهُ؟» ((މިމީހާގެ މައްޗަށް ޞަދަޤާތެއް ކޮށްދޭނެ، އެގޮތުން މިމީހާއާއި އެކުގައި ނަމާދުކުރާނެ މީހަކު ނެތް ހެއްޔެވެ؟)) — ފަހެ މި ޙަދީޘުގައި އެއްވެސް ގޮތަކަށް އެއީ ކޮން ވަޤުތެއް ކަމުގައި ކަނޑައެޅިފައި ނުވެއެވެ. އަދި އެއީ އަޞްރު ވަޤުތޭ ބުނެއްޖެ މީހާ އެވަނީ ކުށެއް ގައެވެ. އެކަމަށް އަޞްލެއް ނުވެއެވެ. ނުވަތަ އެއީ ފަތިސް ވަޤުތޭ ބުނެއްޖެ މީހާ އެވަނީ ކުށެއް ގައެވެ. އެކަމަށް އަޞްލެއް ނުވެއެވެ. އެހެނީ އެބައިމީހުން މިޙަދީޘާއި އޮޅުވައިލަނީ ޔަޒީދު ބުނުލް އަސްވަދުގެ ޙަދީޘާއި އެވެ.
[އެ ޙަދީޘުގައި ވަނީ ފަތިސް ނަމާދުން ނަބިއްޔު ﷺ އަވަދިވެ ވަޑައިގެންނެވި އިރު ނަމާދުގައި ބައިވެރި ނުވެތިބި ދެމީހެއް ދެކެވަޑައިގެން ގެންނަވައި ސުވާލު ކުރެއްވިއޭ އެވެ: «مَا مَنَعَكُمَا أَنْ تُصَلِّيَا مَعَنَا» (އަހަރެމެންނާއި އެކުގައި ނަމާދު ކުރުން ތިދެމީހުންނަށް މަނައުކުރީ ކޮންގޮތަކުން ހެއްޔެވެ؟) އެދެމީހުން ދެންނެވިއެވެ: ”އޭ ﷲ ގެ ރަސޫލާ އެވެ. މިހެން މިވީ އަޅުގަނޑުމެން ދެމީހުން ފޭލިގޭގައި ފަތިސް ނަމާދުކޮށް އަވަދިވެފައި ތިބުމުންނެވެ.“ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: «فَلاَ تَفْعَلاَ إِذَا صَلَّيْتُمَا فِي رِحَالِكُمَا ثُمَّ أَتَيْتُمَا مَسْجِدَ جَمَاعَةٍ فَصَلِّيَا مَعَهُمْ فَإِنَّهَا لَكُمَا نَافِلَةٌ» ((ފަހެ ތިފަދައިން ކަންތައް ނުކުރާ ހުށިކަމެވެ. ފޭލިގޭގައި ނަމާދުކޮށް އަވަދިވުމަށް ފަހު، ދެން މިސްކިތަށް އައިސް އެތަނުގައި ޖަމާޢަތް ހެދިފައިވާ ނަމަ، ފަހެ އެޖަމާޢަތާއި އެކުގައި ނަމާދު ކުރާށެވެ. އެހެނީ އެއީ ނަފްލު (ސުންނަތް) ނަމާދެކެވެ.)) އަލްޢަލްވާން ލިޤާއުލް މަފްތޫޙް ގައި ވިދާޅުވިއެވެ: މިއީ ސަބަބެއް އޮންނަ ނަފްލު ނަމާދު ނަހީގެ ވަޤުތު ގައި ކުރެވޭނޭ ކަމުގެ ދަލީލެކެވެ.]
މިއާ ޚިލާފަށް (ޞަދަޤާތެއް ގޮތުގައި ޖަމާޢަތް ދިނުމުގެ ކަންތަކުގައި) އެއްވެސް ރިވާޔަތެއްގައި އެއީ ކޮން ވަޤުތެއްގައި ކަމާއި މެދު ބަޔާން ވެފައި ނުވެއެވެ. ވީމާ ޞަދަޤާތެއް ގޮތުގައި ޖަމާޢަތް ދިނުމަށް ބައިވެރިވުން ވަނީ ނަހީގެ ވަޤުތުތައް ނޫން ވަޤުތު ތަކުގައެވެ.
އެހެނަސް ތިބާއަށް ޚާއްޞަ ކަންކަމުގައި އެކަން ކުރުން ވެއެވެ. އެއީ މިޘާލަކަށް (ނަމާދު އޭގެ ވަޤުތުން ފަސްކުރާނޭ އިމާމުން ނަންގަނެވުނު) މިޙަދީޘު ގެ މައްޗަށެވެ: «...صَلِّ الصَّلاَةَ لِوَقْتِهَا فَإِنْ أَدْرَكْتَهَا مَعَهُمْ فَصَلِّهَا فَإِنَّهَا لَكَ نَافِلَةٌ» ((...ތިބާ ނަމާދު އޭގެ ވަޤުތު ގައި އަދަދާ ކުރާށެވެ. އެއަށްފަހު (ނަމާދު ޖަމާޢަތުގައި ވަނިކޮށް) އެވެރިންނާއި ބައްދަލުވެއްޖެނަމަ، އެވެރިންނާއި އެކުވެސް ނަމާދު ކުރާށެވެ. އެހެނީ އެއީ ތިބާއަށް ނަފްލު ނަމާދެކެވެ.)) ފަހެ މިއީ ތިބާއަށް ޚާއްޞަ އެއްޗެކެވެ. (އެބަހީ އެ ނަފްލު އެކުރަނީ ކަމަކާއި ވިދިގެން އަމިއްލަ ނަފްސުގެ މައްޗަށެވެ. އަނެކާއަށްޓަކައި ޞަދަޤާތެއް ގޮތުގައެއް ނޫނެވެ.) އެހެންކަމުން މިކަންތައް ސަބަބަކާއި އެކު ކުރާ ތަކެތީގެ ތެރެއަށް ވަދެއެވެ.
=
Comments (0)
Be the first to comment.