ރުކޫޢޫގައި އިމާމު މީހާ ވަނިކޮށް ނަމާދަށް އާދެވޭ މީހާ އާއިމެދު އޮތް ފިޤުހުގެ މައްޗަށް ޚުލާޞާއެއް
This article is available in Dhivehi only.
⚙️ރުކޫޢޫގައި އިމާމު މީހާ ވަނިކޮށް ނަމާދަށް އާދެވޭ މީހާ އާއިމެދު އޮތް ފިޤުހުގެ މައްޗަށް ޚުލާޞާއެއް
—①—
1⃣ކޮޅަށް ނޫން ޙާލަތެއްގައި އިމާމް މީހާ ވަނިކޮށް ނަމާދަށް އާދެވިއްޖެ މީހާ އަށް ވަނީ އިމާމް މީހާ ހުރި ރުކުނަށް ދާން ފެށުމުގެ ކުރިން ހަށަންބަންތަކްބީރު ކޮޅަށް ހުންނަ ޙާލުގައި ކިޔައި ފުރިހަމަ ކުރުމެވެ.
📍އޭނާ ހަށަންބަންތަކްބީރު ކިޔީ، (ކޮޅަށް ހުރެ ފުރިހަމަ ކުރުމުގެ ބަދަލުގައި) މިޘާލަކަށް (ޤިޔާމް އާއި ރުކޫޢު އާއި ދެމެދަށް ވާގޮތަށް) ރުކޫޢު އަށް ދަމުން ނަމަ، ނޫނީ ތަކްބީރުގެ އެއްބައި ކިއީ ކޮޅަށް ހުރެ އަދި އަނެއްބައި ފުރިހަމަކުރީ އިމާމް މީހާއާއި ބައިވެރިވުމަށް ތިރިޔަށް ދަމުން ނަމަ، ޢިލްމުވެރިންގެ ވަރަށް ގިނަ ބޭކަލުން ގާތުގައި އޭނާ އެވަނީ ބޮޑުވެގެންވާ ގޯހަކަށް ވެއްޓިފައެވެ. އެހެނީ ކޮޅަށް ހުރުމުގެ ޤާބިލުކަން ހުރެއްޖެ މީހާ ޤިޔާމުގައި ހުރެ ހަށަންބަންތަކްބީރު ކިޔުމީ އެބޭކަލުންގެ ގާތުގައި ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ނުވަތަ އެއީ ނަމާދުގެ ރުކުނެއްގެ ޝަރުޠު ތަކުގެ ތެރެއިން ޝަރުޠެކެވެ.
މީގެ މައްޗަށް،
⬆️ބަޔެއް ޢިލްމުވެރިން އެފަދައިން ކަން ކޮށްފި މީހާގެ ނަމާދު ބާޠިލުވެގެންވާ ކަމުގައި ދެކިލެއްވިއެވެ.
⬆️އަދި އެނޫން ބައެއް ބޭކަލުން ދެކިލެއްވީ އެފަދަ މީހާގެ ނަމާދު އަދަދު ކުރެވޭނީ ނަފްލު (އެބަހީ: ސުންނަތް) ނަމާދެއްގެ ގޮތުގައި ކަމެވެ. ފަރުޟެއް ގޮތުގައެއް ނޫނޭ އެވެ.
އަލްމަރްދާވީ رحمه الله ”الإنصاف“ ގައި ވިދާޅުވިއެވެ:
”(ހަށަންބަންތަކްބީރު ގައި) މި ޤަޥްލު ”الله أكبر“ ކިޔުމުގައި ހިމެނޭ ޝަރުޠުތަކުގެ ތެރެއިން އެއްކަމަކީ — އެއީ ފަރުޟު ނަމާދެއް ނަމަ އަދި ކޮޅަށް ހުރުމުގެ ކުޅަދާނަކަން ހުރެއްޖެނަމަ — ކޮޅަށް ހުރެ އެ ކިޔުމެވެ. އޭނާ ރުކޫޢު އަށް ދަމުން އެ ކިޔައިފިނަމަ، ނޫނީ އެކީ އެއްކޮށް ކިޔީ ރުކޫޢު ގައި އޮވެގެން ނަމަ، ނުވަތަ ތަކްބީރު ކިޔީ އިށީނދެގެން ނަމަ، ނުވަތަ ފުރިހަމަ ކުރީ އިށީނދެހުރެގެން ނަމަ، އެއީ ފަރުޟު ނަމާދެއް ގޮތުގައި އަދަދުވުން ނުވެއެވެ. އަދި (ޙަންބަލީންގެ) މަޛުހަބުގެ ޞަޢްޙަ ރައުޔުގެ މައްޗަށް އެކަނޑައެޅެނީ ނަފްލު ނަމާދެއް ގޮތުގައެވެ. އަދި [ޙަންބަލީންގެ ބައެއް ޢިލްމުވެރިންގެ އަރިހުން] ބުނެވެއެވެ: އެއީ (ޞަޢްޙަ ނަމާދެއް ގޮތުގައި) އަދަދުވުން ވެސް ނުވެއެވެ. (އެބަހީ: ބާޠިލެވެ.) އަދި ބުނެވެއެވެ: އަދަދު ވުން ނުވަނީ ރުކޫޢުގައި އޮވެ [އެކިޔައި] ނިންމައިފި މީހާއަށް އެކަންޏެވެ.“
އައްނަވަވީ رحمه الله ”المجموع“ ގައި ވިދާޅުވިއެވެ:
”ހަށަންބަންތަކްބީރު ކޮޅަށް ހުރެ ގޮވުމީ (ކުޅަދާނަވެގެންވާ މީހާ) ޤިޔާމުގައި ހުރުން ވާޖިބުވާފަދައިން ވާޖިބެކެވެ. ހަމައެފަދައިން އިމާމު މިހާ ރުކޫޢުގައި ވަނިކޮށް ނަމާދަށް ލަސްކޮށް އާދެވޭ މީހާ، ހަށަންބަންތަކްބީރުގެ ހުރިހާ އަކުރެއް ކޮޅަށް ހުންނަ ޙާލުގައި ކިޔައި ނިންމުން ވާޖިބެވެ. ދެންފަހެ އޭނާ އެއިން އަކުރެއް ނިންމީ ކޮޅަށް ނުހުރެ ނަމަ، އެއީ ފަރުޟު ނަމާދެއް ގޮތުގައި ނުބެލެވެއެވެ. މިކަމުގައި ޚިލާފެއް ނުވެއެވެ. އަދި އެއީ ނަފްލު ނަމާދެއް ގޮތުގައި ބެލެވުމާއި މެދު އިސްވެދިޔަ ޚިލާފު އެބައޮތެވެ.“ (އެބަހީ: ޝާފިޢީންގެ ތެރޭގައި އެއީ ފަރުޟު ނަމާދެއް ގޮތުގައި ނުބެލެވޭނޭ ކަމަށް ޚިލާފު ނުވެއެވެ. އެހެނަސް އެނަމާދު އެހެންޏާ ބާޠިލުވާނީތޯ ނޫނީ ނަފްލު ނަމާދެއް ގޮތުގައި އަދަދު ކުރެވޭނެތޯ އާއިމެދު، ދެބަސްވުން ވެއެވެ.)
[[ނޯޓް: އެނަމާދު ބެލެވުން ވަނީ ”ނަފްލު ނަމާދަކަށޭ“ އަދި ފަރުޟަކަށް ނޫނޭ ވިދާޅުވާ ޢިލްމުވެރިން އެކަން ބިނާ ކުރައްވަނީ، ނަފްލު ނަމާދަކީ އޭގައި ޢުޛުރަކާއި ނުލައި ވެސް އިށީނދެ ހުރެ އަދާކުރުން ހުއްދަ ނަމާދެއް ކަމުން އޭގެ މައްޗަށް ބިނާކުރައްވައެވެ.]]
2⃣އިމާމު މީހާ ކޮޅަށް ނެތް ޙާލަތެއްގައި ނަމާދަށް އާދޭވޭ މީހާ ހަށަންބަންތަކްބީރަށް ފަހު އިމާމު މީހާ ހުރި ރުކުނަށް ދިޔުމަށް ޓަކައި އިތުރު ތަކްބީރެއް ކިޔުން ވޭ ހެއްޔެވެ؟
އިމާމު މީހާ (މިޘާލަކަށް) ރުކޫޢުގައި ވަނިކޮށް ނަމާދަށް އާދެވޭ މައުމޫމު މީހާ، 1 ތަކްބީރުން ފުދެއެވެ. (އެބަހީ: ކޮޅަށްހުރެ ކިޔާ ހަށަންބަންތަކްބީރުން އެކަނި ކިޔުމުން ފުދެއެވެ.) މިކަން ޒައިދު ބުނު ޘާބިތާއި އިބްނު ޢުމަރު رضي الله عنهم ގާތުން ރިވާވެގެން ވެއެވެ. އަދި (ތާބިޢީ ބޭކަލުންގެ ތެރެއިން) ސަޢީދު އާއި ޢަޠާއު އާއި އަލްޙަސަން އާއި އިބްރާހީމުއް ނަޚަޢީ رحمهم الله ގެ އަރިހުންވެސް ވާރިދުވެފައި ވެއެވެ. އަދި ހަތަރު އިމާމުން ގެ ވިދާޅުވުން ވަނީ މިގޮތުގައެވެ.
އޭނާއަށް ވަނީ އެކަމުގައި ހަށަންބަންތަކްބީރަށް ނިޔަތް ލުމެވެ. އަދި ރުކޫޢުގެ (އިންތިޤާލީ) ތަކްބީރުގެ ޙުކުމް އޭނާގެ ނައްޗަށް ވަނީ އުވިފައެވެ.
”مسائل الإمام أحمد“ ގައި އަބޫ ދާވޫދު ވިދާޅުވިއެވެ:
”އަޙްމަދުގެ އަރިހު އަހަރެން ސުވާލުކުރީމެވެ: އިމާމު މީހާ ރުކޫޢުގައި ވަނިކޮށް އާދެވިއްޖެނަމަ (ކަންތައް ކުރަންވީ) ކިހިނަކުންތޯއެވެ؟ ވިދާޅުވިއެވެ: ”އެއް ތަކްބީރުން ތިބާއަށް ފުދިގެން ވެއެވެ.“
=
Comments (0)
Be the first to comment.