2⃣އައްޝެއިޚް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ
This article is available in Dhivehi only.
—②—
2⃣އައްޝެއިޚް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ:
ސަޖިދާގައި ދެފައިތިލަ ޖައްސައި ތަތްކޮށްފައި ބެހެއްޓުން ވަނީ އިބްނު ޚުޒައިމާ އަރިހުން ވާރިދުވެފައި އެވެ. އެހެނަސް އޭގެ ސަނަދު ޟަޢީފެވެ.
އަދި ޞަޙީޙު މުސްލިމް (486) ގައި ޢާއިޝަތުގެފާނުގެ ޙަދީޘުން އައިސްފައި ވެއެވެ: އެކަމަނާ ވިދާޅުވިޔޭ: ފަހެ ތިމަންކަމަނާގެ އަތްޕުޅު އެކަލޭގެފާނުގެ (قَدَمَيْهِ) ދެފައިތިލަފުޅުގެ ދަށްފަރާތުގައި ޖެހުނެވެ. އެކަލޭގެފާނު އޮންނެވީ ސަޖިދައިގައެވެ. އެކަލޭގެފާނުގެ ދެފައިތިލަފުޅު (ގެ އިނގިލިތައް) ވަނީ (ބިންމަތީގައި) ވިއްދަވާފައެވެ. އެކަލޭގެފާނު ވިދާޅުވަމުން ގެންދެވިއެވެ: (ދުޢާ) «اللَّهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ» —މިއީ މުސްލިމް ރިވާކުރެއްވި ޙަދީޘެވެ.
⬆️ފަހެ މިއިން ބައެއް ޢިލްމުވެރިން ދެފައިންޕުޅު ތަތްކުރައްވައިގެން ހުންނެވި ކަމުގައި ދަލީލު ނެންގެވިއެވެ. އެހެނީ މިތާނގައި ޢާއިޝަތުގެފާނު އެކަލޭގޭފާނުގެ ދެފައިންޕުޅުގައި އަތްޖެހިވަޑައިގަތުމުންނެވެ.
⬆️އަދި އެނޫން ބޭަކަލުން ނެންގެވީ ދެފައިންޕުޅު ގާތްގާތުގައި (މާބޮޑަށް ފޭނުކޮށް) ހުރިކަމަށް ދަލީލުކޮށްދޭ ކަމެވެ. އެއީ ދެ ފައިތިލައިގެ ބަނޑު ފުށުގައި އަތް ޖެހުން ވަނީ އެ ދެފައިތިލައެއް ދެމެދުގައި ގާތްކަމެއް ހުރުމުންނެވެ. ބޮޑަށް ގާތީ މިގޮތެވެ. އަދި ފައިތިލަ ތަތްކޮށްފައި ހުރުމީ ސުންނަތް ކަމެއް ގޮތުގައި ބުނެވެން ނެތުމެވެ. އެހެނީ އެ ބުނުމަށް ބަރޯސާ ވުމަށް ސާފު ނައްޞެއް ވާރިދުވެފައި ނުވުމެވެ. އަދި ޢާއިޝަތުގެފާނުގެ އަތްޕުޅު އެކަލޭގެފާނުގެ ދެފައިންޕުޅުގެ ބަނޑުފުށުގައި ބީހުމީ ދެފައިންޕުޅު ދެމެދު ގާތްކަމެއް ހުރި ކަމުގެ ދަލީލެކެވެ. (ޖައްސައި ތަތްކޮށްފައި ހުރުމުގެ މައްޗަކަށް ނޫނެވެ.) — އަލްޢަލްވާން ގެ ބަސްފުޅު މިހިސާބަށް. ނިމުނީ.
📝 އަހަރެން ބުނަމެވެ: އެހެންކަމުން މިމއްސަލައިގައިވާ ޞަރީޙަ ޙަދީޘެއް ޘާބިތެއް ނޫނެވެ. އަދި ޘާބިތު ޙަދީޘު ޞަރީޙައެއް ނޫނެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ޞަރީޙަ ނޫން ޙަދީޘުގެ މައްޗަށް އެއިން ދެފައިތިލަ އެކަތިއަނެކައްޗާއި ޖައްސާފައި ބެހެއްޓުމުގެ ސުންނަތްކަން ދަލީލު ކުރާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
3⃣އެގޮތުން އައްޝެއިޚް ޢަބްދު ﷲ އައްސަޢުދު ޞަޙީޙު މުސްލިމް ގައިވާ ޢާއިޝަތުގެފާނުގެ ޙަދީޘުގެ ދަށުން ވިދާޅުވިއެވެ:
”މިއިން ދޭހަކޮށްދެނީ އެހެންޏާ އެކަލޭގެފާނުގެ ފައިންޕުޅު ގާތްކޮށް ހުރުމެވެ. ނޫނީ ޖައްސައި ތަތްކުރައްވާފައި ހުރުމެވެ... މިކަމުގައި ޞަރީޙަ ޙަދީޘެއް އިބްނު ޚުޒައިމާ ގައި ވާރިދުވެފައި ވެއެވެ. އެހެނަސް އެޔެއް ޞައްޙައެއް ނޫނެވެ. އެހެނަސް (މުސްލިމް ގެ) މިޙަދީޘު މިމައްސަލައަށް ފުދެއެވެ. އަދި ފަހަރެއްގައި ގާތްކޮށް ހުރުމީ ނޫނީ ޖައްސާފައި ހުރުމީ ސުންނަތް ކަމުގައި ވުމަށް ވެސްމެއެވެ.“ (އޯޑިއޯ އިން.)
އެހެނަސް މިއަށް އިންކާރަ ކުރައްވާ ބޭކަލުން ވިދާޅުވަނީ މި ފަހުމް އިހުގެ ބޭކަލުންގެ އަރިހުން ވާރިދުވެފައި ނުވާ ކަމެވެ.
4⃣މިގޮތުން މި މައްސަލަ އަކީ އަލްޢައްލާމާ އައްޝެއިޚް ބަކުރު އަބޫ ޒައިދު رحمه الله ، ”لاجديد في أحكام الصلاة“ (ނަމާދުގައި އައު ކަންކަމެއް ނުވެޔޭ) ނަންދެއްވި ފޮތުގައި (ޞ. 70) ގެންނަވާ ފައިވާ މައްސަލައެކެވެ.
އަދި އޭގެ ޚުލާޞާއަކީ: މި ލަފްޡު (رصا عقبيه) ”ފައިންޕުލު ޖައްސަވައި ބާރުކުރައްވައިގެން (ނޫނީ ތަތްކުރައްވައިގެން)“ އޮންނެވިޔޭ، މިއީ شاذة (ޞައްޙަކަން ބޮޑު ރިވާޔަތްތަކާއި ޚިލާފު) އެއްޗެއް ކަމެވެ. އެ ރިވާ ކުރުމުގައި އެކަހެރިކޮށް ވަނީ އިބްނު ޚުޒައިމާ އެވެ. އަދި އެބޭފުޅާގެ ސަނަދުން އިބްނު ޙިއްބާން އަދި އެއަށް ފަހު ވީ ބަޔެކެވެ. އަދި އޭގެ ޙާލަކީ އަލްޙާކިމް އެއާއިމެދު ޛިކުރު ކުރެއްވިފަދައިންނެވެ: ”މިޙަދީޘުގައި މިވާ އެއްޗަކުން މެނުވީ ސަޖިދައިގައި ދެފައިތިލަ ތަތްކޮށްފައި ބެހެއްޓުމަށް ޛިކުރު ކުރެއްވި އެއްވެސް ބޭކަލެއް އަހަރެންނަށް އެނގިފައި ނުވެއެވެ.“ اهـ .
(ޙާކިމްގެ) މި ކަލިމަ ފުޅަކީ މި ލަފުޡުގެ شاذة ކަމާއި ބަލައިނުގަނެވުން ދޭހަކޮށްދޭ ފައިދާ ހުރި ބަސްފުޅެކެވެ.
އައްޝެއިޚް ބަކުރު އަބޫ ޒައިދު އަދިވެސް ވިދާޅުވިއެވެ:
”ސަޖިދަ ވެރިޔާ ފައިތިލަ ޖައްސައި ތަތްކުރުމުގެ މައްޗަށް ސަލަފުންގެ އަރިހުން —އަޞްޙާބު ބޭކަލުން رضي الله عنهم އަދި އޭގެ ފަހުން އައި ބޭކަލުންގެ ފަރާތްޕުޅުން— އެއްވެސް އާޘާރެއް (ވާރިދުވެފައިވާ ޚަބަރެއް ނޫނީ ބަސްފުޅެއް) އެނގޭން ނެތެވެ. މީގެ އިތުރުން ސަޖިދައިގެ ޙާލަތުގައި ފައިތިލަ ޖައްސައި ތަތްކުރުން ޝަރުޢުވެގެންވާ ކަމަށް (ހަތަރު މަޛުހަބުގެ) ފިޤުހު ޢިލްމުވެރިން ތެރެއިން އެކަކުވެސް ނިންމަވާފައި ނުވެއެވެ. އެހެނަސް ޙަންބަލީން ކުރެ އިބްނު ތަމީމްގެ ބަސްފުޅެއް މެނުވީއެވެ. އަދި ނަން ނުގަނެވި ވާ ބަޔެއް މެނުވީއެވެ. (ޙަންބަލީ މަޛުހަބުގެ ރަސްމީ ރައުޔެއް ނޫނެެވެ.) އަދި ފަހަރެއްގައި މިއީ އެބޭފުޅާގެ شاذ ފިޤުހަކަށް ވެދާނެއެވެ. “ — ނިމުނީ.
~ ގަލަންދާނު 🖋
Comments (0)
Be the first to comment.