ހުކުރު ޚުޠުބާގައި އިމާމު މީހާ ދުޢާ ކުރާއިރު އަތް ނެގުމާއި އާމީން ކިޔުމުގެ ޙުކުމް
This article is available in Dhivehi only.
📢 ހުކުރު ޚުޠުބާގައި އިމާމު މީހާ ދުޢާ ކުރާއިރު އަތް ނެގުމާއި އާމީން ކިޔުމުގެ ޙުކުމް
❞ ދެންފަހެ ޚުޠުބާގެ ނިމުމުގައި ޚަޠީބު ދުޢާ ކިޔުމުގައި އަތްނެގުމާއި މެދު ދަންނައެ، ޚަޠީބު މީހާއަށް ވެސް އަދި ޙާޟިރީންނަށް ވެސް އަތްނެގުން ޝަރުޢުވެގެން ނުވެއެވެ. އަދި ޞަޙީޙު މުސްލިމް ގައި ބިޝްރު ބުނު ރުވައިބާގެ ޙަދީޘުގައި —އަދި ކުރު އަލިފަކާއި އެކު رؤيبة (ރުއައިބާ) އޭވެސް ކިޔެއެވެ — އެކަލޭގެފާނުގެ ޙަދީޘުގައި އައިސްފައި ވެއެވެ؛ މަރްވާނު ބުނު ޙަކަމް މިންބަރު މަތީގައި (ދުޢާގައި) ޢަތް އުފުއްލެވިތަން ފެނިވަޑައިގެންނެން ވިދާޅުވިޔޭ: ألله ތި ދެއަތް ޢައިބުކުރައްވާށިއެވެ! (މިއީ ޢަރަބިން ތެރޭ ނުރުހުން ފާޅުކުރުމުގެ އިބާރާތެކެވެ.) —ދެން ޝަހާދަތް އިނގިލި އުފުއްލަވައި ވިދާޅުވިއެވެ: ”ﷲ ގަންދީ ބުނަމެވެ. ރަސޫލު ﷲ ﷺ މިހެން ހެއްދެވުން ނޫން އިތުރު އެހެން އެއްވެސް ކަމެއް ކުރެއްވީތީ އަހަރެން ނުދެކެމެވެ.“
ވީމާ މިއީ، ހުކުރު ދުވަހު މިންބަރު މަތީގައި (ދުޢާ ކުރުމުގައި) ދެއަތް އުފުލުން ޚަޠީބު މީހާއަށް ޝަރުޢުވެގެން ނުވާކަމުގެ މައްޗަށް ދަލީލެކެވެ. އަދި ދުޢާ ކުރާ ފަރާތަށް އެކަން ޝަރުޢުވެގެން ނުވާނަމަ، އާމީން ކިޔާ ފަރާތަށް އެކަން ޝަރުޢު ނުވުން މާ އައުލާވެގެން ވެއެވެ...
ހަމައެފަދައިން التأمين އާއިމެދު (އެބަހީ: އާމިން ކިޔުމާއި މެދު) ދަންނައެ، ފަހެ ބައެއް މީހުން އޭގައި އަޑު ފާޅުކޮށް ކިޔައި އެނޫން މީހުންނަށް އޮޅުން ވެސް އަރުވައެވެ. ދަންނައެ، އާމީން ކިޔުންވަނީ ސިއްރުންނެވެ.⁽¹⁾ ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (16 ވަނަ اللقاء المفتوح އިން، ބަސްކޮޅު)
~ ގަލަންދާނު 🖋
ــــــــــــــــــــــــــــــــ
[1] އަދި އައްޝެއިޚް އަލްމުޙައްދިޘް ޞާލިޚް އަލްއުޞައިމީ ވެސް އާމީން ކިޔުމުގެ ކަންތަކުގައި މިހެން ވިދާޅުވިއެވެ. ނޯޓް: ބައެއް ބޭކަލުން އާމީން ކިޔުން އެވަޤުތުގައި ޝަރުޢުވެގެން ނުވާ ކަމުގައި ވެސް ވިދާޅުވެއެވެ. މިއީ އައްޝެއިޚް އަލްމުޙައްދިޘް ޑރ ޚާލިދުލް ޙާޔިކު (ބަސްކޮޅު) އާއި އަލްމުޙައްދިޘް އަބޫ ޢަލީ އަލްޙަސަނީ ގެ (ބަސްކޮޅު) ރައުޔެވެ.
Comments (0)
Be the first to comment.