ވިތުރި އަދި އެނޫން ނަމާދުތަކުގައި ޤުނޫތު ކިޔުމުގައި ދުޢާއަށް އަތް ނެގުމާއި ނުނެގުމުގެ މައްޗަށް ޚުލާޞާއެއް
This article is available in Dhivehi only.
☑️ވިތުރި އަދި އެނޫން ނަމާދުތަކުގައި ޤުނޫތު ކިޔުމުގައި ދުޢާއަށް އަތް ނެގުމާއި ނުނެގުމުގެ މައްޗަށް ޚުލާޞާއެއް
—①—
ސުވާލު: ކޮންމެ ދުވަހެއްގައި އާދަކޮށް ޤުނޫތު ކިޔައި އޭގެ ދުޢާއަށް ދެއަތް ނެގުން ހުއްދަތޯ؟
ޖަވާބު: النوازل (އެބަހީ މުޞީބާތް) ތަކުގައި ޤުނޫތު ކިޔުން ޝަރުޢުވެގެންވެއެވެ. ނަބިއްޔު ﷺ ބަޔަކު މީހުންނަށްޓަކައި ނުަވަތަ ބަޔަކު މީހުންނާއި ދެކޮޅަށް ދުޢާ ކުރައްވަނީ ނަމަ (ނަމާދު ތަކުގައި) ޤުނޫތު ކުރައްވައި އުޅުއްވިއެވެ. އަދި އެމުޞީބާތެއް އުފުއްލެވުމާއި ހަމަޔަށް ޤުނޫތު ކުރެއްވުމުގައި ދެމިހުންނަވައެވެ.
⚫️ ޤުނޫތު ކިޔުމުގައި ދެއަތް ނެގުމާއި މެދު ޢިލްމުވެރިން -رحمه الله- ދެ ޤަޥްލެއްގެ މައްޗަށް ޚިލާފުވެލެއްވިއެވެ:
🔢 ފުރަތަމަ ޤަޥްލަކީ: ޤުނޫތުގައި ދެއަތް ނު އުފުލުމެވެ. [އެހެނީ ނަބިއްޔު ﷺ އަރިހުން މިކަމުގައި ނައްޞެއް ޘާބިތުވެފައި ނުވެއެވެ. އަދި މިކަމުގައި ވާރިދުވެފައިވާ އެންމެހައި ޙަދީޘަކީ ޟަޢީފު ތަކެއްޗެވެ.] މިއީ އައްޒުހުރީ ގެ ޤަޥްލެވެ. އެކަލޭގެފާނުގެ އަރިހުން المصنف ގައި ޢަބްދުއް ރައްޒާޤު ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ: އެކަލޭގެފާނު ވިދާޅުވިޔޭ: ((ރަމަޟާން މަހުގެ ވިތުރީގައި ⌝އެބޭކަލުންގެ⌜ އަތްތައް ނުއުފުލެވެއެވެ.)) ދެންފަހެ އައްޒުހުރީ މިހިނދު މިގެންނަވާ ވާހަކަފުޅަކީ އަމިއްލަ ބަސްފުޅެއް ނޫނެވެ. އެހެނަސް އެއީ އެކަލޭގެފާނާއި ދިމާވެ އެއްދައުރެއްގައި އުޅުއްވި އަދި ބައްދަލުވެ ނޫނީ (އެބައެއްގެ ފުށުން ބަސްފުޅު) އަޑުއައްސަވާފައިވާ ފަރާތް ތަކުގެ ވާހަކައެވެ. [އައްޒުހުރީ އުފަންވެވަޑައިގެންނެވީ 50 ހިޖުރީ ގައެވެ. އަދި އަޞްޙާބު ބޭކަލުންގެ ޖަމާޢަތަކާއި ބައްދަލުވެ ވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި އަނަސް ބުނު މާލިކާއި ސަހްލު ބުނު ސަޢުދުއް ސާޢިދީ އާއި އިބްނު ޢުމަރާއި އެނޫން އެފަދަ ބޭކަލުން ހިމެނެއެވެ.] އެކަލޭގެފާނު ގެންނެވި ޖުމްލައަކީ: [لم تكن ترفع الأيدي في الوتر في رمضان] ((ރަމަޟާން މަހުގެ ވިތުރީގައި ⌝އެބޭކަލުންގެ⌜ އަތްތައް ނުއުފުލެވެއެވެ.)) އެގޮތުން ގެންނެވީ އެކަމުގައި އިޖުމާޢު އެކެވެ. މި ބަސްފުޅު ރިވާކުރެއްވީ ޢަބްދުއް ރައްޒާޤު، المصنف ގައި އައްޒުހުރީގެ އަރިހުން ޞައްޙަ ސަނަދަކުންނެވެ. އަދި މިއީ ސުފްޔާނު އާއި އަބޫ ޙަނީފާ އާއި އެނޫން ކޫފާ ގެ ރަށްވެހި ޢިލްމުވެރިންގެ ދެކިވަޑައިގަތުމެވެ. (މަޛުހަބެވެ.)
🔢 ދެވަނަ ޤަޥްލަކީ: ދެއަތް ޤުނޫތުގައި އުފުލުމެވެ. އަދި ޤުނޫތު ކިޔާ ކޮންމެ އިރަކުވެސް އެހެން ކަންތައް ކުރުމުގައި ވުމެވެ. މިއީ އަމީރުލް މުއުމިނީން ޢުމަރު ގެ އަރިހުން ރިވާވެގެންވާ ގޮތެވެ. [މިއީ އަބޫ ޢުޘްމާންގެ މަގުން "ރަފްޢުލް ޔަދައިން" ފޮތުގައި (ޞ. 68) އަލްބުޚާރީ ގެންނެވި ޚަބަރެކެވެ. އަދި މީގެ ސަނަދު ޞައްޙައެވެ.] އަދި މިކަމުގައި (ނަބިއްޔު ﷺ އަރިހުން) ޙަދީޘެއް އަލްބައިހަޤީ ގައި ވެއެވެ. އެހެނަސް އެޙަދީޘް މަޢުލޫލެވެ. (ހާމާނޫން ގޮތެއްގައި ބަލިކަށިވެގެން ވެއެވެ.)
އަދި މިޤަޥްލަކީ ޖުމްހޫރު ޢިލްމުވެރިންގެ ވެސް ޤަޥްލެވެ. އަދި މިއީ ޝާފިޢީގެފާނާއި އަޙުމަދުގެފާނުގެ ޤަޥްލެވެ.
މިއެންމެ ބޭކަލުންވެ ބަސްފުޅަކީ: ((ދުޢާކުރުމުގައި އަޞްލަކީ ދެއަތް އުފުލުމެވެ.))
މި ޤަވާޢިދު: (ޙާއްޞަ ޙާލަތެއް ނުއަން ހިނދުގައި) ދުޢާކުރުމުގެ އަސާސީ ޙާލަތަކީ ދެއަތް އުފުލާފައި ބެހެއްޓުމޭ، މިއީ ރަނގަޅު ޤަވާޢިދެކެވެ.
⚠️އެހެނަސް މިޤަޥްލާއި ޚިލާފުވެލައްވާ ބޭކަލުން މިއަށް ދެއްވާ ޒުވާބަކީ: ”މިހެން މިކަން އޮންނާނީ، ކަމެއް ކުރުމުގެ ސަބަބު އޮވެ އެހެނަސް ނަބިއްޔު ﷺ އެކަމެއް ނުކުރައްވާ ހިނދެއްގައި މެނުވީއެވެ. މިހިނދުގައި އެކަމެއް ކުރުން ނުވެއެވެ.“
މިކަމުގެ މިޘާލަކީ: ފަރުޟު ނަމާދު ތަކަށް ފަހު (ދުޢާތައް ކުރުމުގައި) ދެއަތް އުފުލުމަކީ އެއަށް (ސުންނަތުން) އަސާސެއް ނެތް ކަމެކެވެ. ދެން މިހިނދުގައި މީހަކު އައިސް ”ދުޢާގެ އަޞްލަކީ އަތް ނެގުމޭ“ ބުނެއްޖެނަމަ، އަހަރެމެން ރައްދުގައި ބުނަމެވެ: މިއީ (އެބަހީ: މިދަނޑިވަޅުގައި ދުޢާ ކުރާތީ އެއަށް އަތް ނެގުމަކީ) އެއަށް ސަބަބު އޮތް ޙާލަތެކެވެ. (އެހަނަސް އަތްނެގުމުގެ މި ސަބަބު އޮވެމެ، އެކަލޭގެފާނު އަތް ނުނަންގަވައެވެ. ވީމާ މިހިނދު އަހަރެމެން ނަށް އެކަން ކުރުން ނުވެއެވެ.)
(ނަމަދުން) ސަލާމް ދެއްވުމަށްފަހު ނަބިއްޔު ﷺ ގެ ޢަމަލުގުޅުތައް އަހަރެމެންނަށް ނަޤުލު ކުރެއްވި އެއްވެސް ބޭކަލެއް އެކަލޭގެފާނު ދެއަތް އުފުއްލެވިކަމަށް ޛިކުރު ނުކުރައްވައެވެ. އަތްނެގުން ޝަރުޢު ވެގެން ވީނަމަ، އެއިން އެންމެ ފަރުދެއް ވިޔަސް އެކަން ނަޤުލު ކުރެއްވީހެވެ.
=
Comments (0)
Be the first to comment.