ރަވާތިބު ސުންނަތް ތަކުގެ އިތުރުން ހިމެނޭ ”ދެބަންގި ދެމެދުގެ“ ސުންނަތަކީ ކޮބާ؟
This article is available in Dhivehi only.
📌 ރަވާތިބު ސުންނަތް ތަކުގެ އިތުރުން ހިމެނޭ ”ދެބަންގި ދެމެދުގެ“ ސުންނަތަކީ ކޮބާ؟
ދެންފަހެ: ސުނަން ރަވާތިބުތަކަކީ ބާރަ ރަކުޢަތެވެ. އޭގެ ތެރޭގައި ޤަބްލިއްޔަ (ފަރުޟު ނަމާދުގެ ކުރިން ކުރާ) ސުންނަތްތަކާއި، ބަޢުދިއްޔަ (ފަރުޟު ނަމާދުގެ ފަހުން ކުރާ) ސުންނަތްތައް ހިމެނެއެވެ. އެއީ:
⬆️މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި، އަދި ފަހުން ދެ ރަކުޢަތާއި،
⬆️މަޣުރިބު ނަމާދުގެ ފަހުން ދެ ރަކުޢަތާއި،
⬆️ޢިޝާ ނަމާދުގެ ފަހުން ދެ ރަކުޢަތާއި
⬆️ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތެވެ.
މި ސުންނަތްތައް ފިޔަވައި އެހެން ނަމާދުތަކަކީ ނަފްލު (އިތުރު) ނަމާދުތަކެވެ. ނަބިއްޔު ﷺ ގެ އަރިހުން ޘާބިތުވެފައިވާ ގޮތުގައި އެކަލޭގެފާނު ތިން ފަހަރު ތަކުރާރު ކުރައްވައި ޙަދީޘްކުރެއްވިއެވެ: "ކޮންމެ ދެ ބަންގީގެ ދެމެދުގައި ނަމާދެއްވެއެވެ." އަދި ތިންވަނަ ފަހަރު އިތުރަށް ވިދާޅުވިއެވެ: "އެކަން ކުރަން ބޭނުންވި މީހަކަށެވެ." މިތަނުގައި "ދެ ބަންގީގެ" މާނައަކީ ބަންގި އާއި ޤަމަތެވެ.
ޝެއިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) رحمه الله ވިދާޅުވިއެވެ: ”ނަބިއްޔާ ﷺ އަމުރުކުރެއްވި ފަދައިން، ބިލާލްގެފާނު ބަންގީގެ އަޑާއި ޤަމަތާ ދެމެދު ދެ ރަކުޢަތް ކުރެވޭ ވަރުގެ ވަގުތެއް ދޫކުރައްވައެވެ. ބައެއް އަޞްޙާބު ބޭކަލުން އެ ދެމެދުގައި ދެ ރަކުޢަތް ކުރައްވައެވެ. އަދި ނަބިއްޔު ﷺ އެބޭކަލުން އެކަން ކުރައްވާތަން ދެކެވަޑައިގެން އެކަމަށް އިންކާރު ނުކުރައްވައެވެ. އަދި ޙަދީޘްކުރެއްވިއެވެ: "ކޮންމެ ދެ ބަންގީގެ ދެމެދުގައި ނަމާދެއްވެއެވެ، ކޮންމެ ދެ ބަންގީގެ ދެމެދުގައި ނަމާދެއްވެއެވެ، ކޮންމެ ދެ ބަންގީގެ ދެމެދުގައި ނަމާދެއްވެއެވެ." ދެން ތިންވަނަ ފަހަރު "އެކަން ކުރަން ބޭނުންވި މީހަކަށޭ" ޙަދީޘްކުރެއްވީ އެއީ ކޮންމެހެން ކުރަންޖެހޭ ސުންނަތެއްގެ ގޮތުގައި މީހުން ނަގާފާނެތީއެވެ. ފަހެ، ބަންގި ގޮވާ މީހާ އެ މިންވަރަށް ދެ ބަންގި ދެމެދުގައި ވަޤުތު ދޫކުރާނަމަ، އެ ނަމާދު ކުރުމަކީ ހެޔޮވެގެންވާ ރަނގަޅު ކަމެކެވެ.“ — އިބްނު ތައިމިޔާގެ ބަސްކޮޅު ނިމުނީ، މަޖްމޫޢުލް ފަތާވާ 130/23 އިން.
އަދި ޞަޙީޙްގައިވާ އަނަސްގެފާނުގެ ރިވާޔަތެއްގައިވެއެވެ: ”ބަންގި ގޮވުމުން ރަސޫލުﷲ ﷺ ގެ އަޞްޙާބު ބޭކަލުން (މިސްކިތުގެ) ތަނބުތަކާ ދިމާލަށް އަވަސްވެގަނެ ދެ ރަކުޢަތް ކުރައްވައެވެ.“
والله أعلم..
— ފަތުވާ ނަންބަރ (38965) ، އިސްލާމްވެބް
~ ގަލަންދާނު 🖋
Comments (0)
Be the first to comment.