ސުވާލު: ކޮންމެ ނަމާދަކަށްފަހު ކިޔަންވީ ޛިކުރު (ތަސްބީޙަ)ތަކަކީ ކޮބައިތޯ؟ އަދި އެކަމުގައި ޘާބިތުވެފައިވާ ސީޣާތަކަކީ (ގޮތްތަކަކީ) ކޮބައިތޯ؟
This article is available in Dhivehi only.
⭐️ ސުވާލު: ކޮންމެ ނަމާދަކަށްފަހު ކިޔަންވީ ޛިކުރު (ތަސްބީޙަ)ތަކަކީ ކޮބައިތޯ؟ އަދި އެކަމުގައި ޘާބިތުވެފައިވާ ސީޣާތަކަކީ (ގޮތްތަކަކީ) ކޮބައިތޯ؟
ޖަވާބު: ނަބިއްޔާ ﷺ ގެ އަރިހުން ތަސްބީޙަ (سبحان الله)، ތަކުބީރު (الله أكبر) އަދި ތަޙްމީދު (الحمد لله) ކިޔުމުގެ އެތައް ސީޣާއެއް ރިވާވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ސީޣާތަކަކީ ޞަޙީޙު ސީޣާތަކެކެވެ. އަދި ބައެއް ސީޣާތަކުގެ ޞައްޙަކަމާމެދު ދޭބަސްވުންތަކެއް އެބަހުއްޓެވެ.
⬆️ފުރަތަމަ ސީޣާ: 10 ފަހަރު ތަސްބީޙަ ކިޔުން (سبحان الله)، 10 ފަހަރު ތަޙްމީދު ކިޔުން (الحمد لله)، އަދި 10 ފަހަރު ތަކުބީރު ކިޔުން (الله أكبر) އެވެ. އޭރުން ޖުމްލަ އެއީ ތިރީހެވެ. މި ގޮތް ނަބިއްޔު ﷺ ގެ އަރިހުން އެތައް މަގަކުން ރިވާވެފައިވެއެވެ. އަދި އެއީ ޞައްޙަ ޙަދީޘެކެވެ. ބުޚާރީގައި މި ޙަދީޘް ރިވާވެފައިވަނީ ވަރްޤާއު ގެ ސަނަދުން، ސުމައްޔުގެ ކިބައިން، އެކަލޭގެފާނު އަބޫ ޞާލިޙްގެ ކިބައިން، އެކަލޭގެފާނު އަބޫ ހުރައިރާގެ ކިބައިންނެވެ. މިއީ މަޢުލޫލް (އުނިކަމެއް ނުވަތަ ޢިއްލަތެއް އެކުލެވޭ) ރިވާޔަތެކެވެ. ނަމަވެސް މިޙަދީޘުގެ މަޙްފޫޡު (ރައްކާތެރިވެގެންވާ ޞަޙީޙު) ސަނަދަކީ މި މަގު ނޫން އެހެން މަގަކުން ރިވާވެވުނު ސަނަދެވެ. އިންސާނާއަށް ބައެއް ފަހަރަށް، ޚާއްޞަކޮށް ދަތުރުމަތީގައްޔާއި، ޙާއްޖަތެއް މެދުވެރިވާ ވަޤުތުތަކުގައްޔާއި، އަވަދިނެތި އުޅޭ ވަގުތުތަކާއި އެނޫންވެސް އެފަދަ ޙާލަތްތަކުގައި މި ސީޣާ ބޭނުންކުރެވިދާނެއެވެ.
⬆️ދެވަނަ ސީޣާ: 33 ފަހަރު ތަސްބީޙަ (سبحان الله) ކިޔުން، 33 ފަހަރު ތަޙްމީދު (الحمد لله) ކިޔުން، އަދި 33 ފަހަރު ތަކުބީރު (الله أكبر) ކިޔުމެވެ. [ވީމާ ޖުމްލަ 99 އެކެވެ. އޭގެ ފަހަށް އިތުރު އެއްޗެއް ނުލައެވެ.] މި ސީޣާއަކީ ޞަޙީޙައިނި (އަލްބުޚާރީ އަދި މުސްލިމް) ގައި ޘާބިތުވެފައިވާ ސީޣާއެކެވެ.
⬆️ތިންވަނަ ސީޣާ: [ކުރިން ބުނެވުނު 99 އަށް] ސަތޭކަ ހަމަކުރުމަށްޓަކައި "لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِير" ކިޔުމެވެ. މިއީ އެންމެ މަޝްހޫރު ސީޣާއެވެ.
⬆️ހަތަރުވަނަ ސީޣާ: [ކުރިން ބުނެވުނު 99 އަށް] ސަތޭކަ ހަމަކުރުމަށްޓަކައި "الله أكبر" ކިޔުމެވެ.
⬆️ފަސްވަނަ ސީޣާ: 25 ފަހަރު سبحان الله، 25 ފަހަރު الحمد لله، 25 ފަހަރު الله أكبر އަދި 25 ފަހަރު لا إله إلا الله ކިޔުމެވެ. އައްނަސާއީ އަދި އެނޫން ބޭކަލުން ވަރުގަދަ ސަނަދަކުން މި ސީޣާ ރިވާކުރައްވާފައި ވެއެވެ.
[ޟަޢީފު ސީޣާއެއް]
⬆️ހަވަނަ ސީޣާ: 33 ފަހަރު سبحان الله، 33 ފަހަރު الحمد لله، 33 ފަހަރު الله أكبر ކިޔުމަށްފަހު، ސަތޭކަ ހަމަކުރުމަށް لا إله إلا الله... ކިޔުމެވެ. އަދި އޭގެ ފަހުން 10 ފަހަރު لا إله إلا الله ކިޔުމެވެ. މި ސީޣާގެ ޞައްޙަ ކަމާމެދު ދެބަސްވުންތަކެއް ވެއެވެ.
ފަހެ، މި ބާބުގައި ޘާބިތުވެފައިވަނީ މި ބަޔާންކުރެވުނު ތަކެއްޗެވެ.
ސުވާލު: ތަސްބީޙަ، ތަޙްމީދު އަދި ތަކުބީރު އެއްކޮށް (سبحان الله ، والحمد لله ، والله أكبر) 25 ފަހަރު ކިޔައި އެހެނަސް لا إله إلا الله ނުހިމަނައި ވާ ސީޣާއެއް ވޭތޯއެވެ؟
ޖަވާބު: ނޫނެކެވެ. (އެފަދަ ސީޣާއެއް ނުވެއެވެ).
ސުވާލު: ފަޟީލަތުއްޝައިޚް! ނަމާދަށްފަހު ކިޔާ ޛިކުރުތަކުގައި ކޮންމެ ތަސްބީޙައެއް އެގާރަ އެގާރަ އެގާރައިން ކިޔާ ސީޣާއެއް ވޭތޯއެވެ؟ އެއީ ޞަޙީޙު ގޮތެއްތޯއެވެ؟
ޖަވާބު: މި ލަފްޡު ނެރެވިފައިވަނީ (ތިރީސް ތިނެއް، ތިރީސް ތިނެއް، ތިރީސް ތިނެއް) މި ޙަދީޘް ގެ ދޭހަޔެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް އޭގެ ރަނގަޅު ދޭހަޔަކީ ކޮންމެ ތަސްބީޙައެއް ތިރީސް ތިން ފަހަރު ކިޔުމެވެ. އަދި (އެގާރަ، އެގާރަ، އެގާރަ) މިގޮތަށް ވިސްނޭ ވިސްނުމަކީ ޞައްޙަ ދޭހައެއް ނޫނެވެ. އެއީ ޙަދީޘް މާނަކުރެވުނު ގޮތެއްގެ މައްޗަށް ބިނާކޮށް އައިސްފައިވާ އެއްޗެކެވެ. ނަމަވެސް ޙަދީޘްގެ ރަނގަޅު މާނައަކީ، ކޮންމެ ތަސްބީޙައެއް ވަކިވަކިން ތިރީސް ތިން ފަހަރު ކިޔުމެވެ.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން (އޯޑިއޯ) އަލްޢަލްވާން
~ ގަލަންދާނު 🖋
ــــــــــــــــــ
🎁🎁 މިސީޣާ ތަކުގެ ޗާޓެއް: (ފޮޓޯ)
Comments (0)
Be the first to comment.