ތަރާވީހު ނޫނީ ދަމުނަމާދުގައި މުޞްޙަފު ހިފަހައްޓައިގެން ކިޔެވުމުގެ ޙުކުމް އަދި އެހިފަހައްޓަން ޖެހޭގޮތް
This article is available in Dhivehi only.
📝 ތަރާވީހު ނޫނީ ދަމުނަމާދުގައި މުޞްޙަފު ހިފަހައްޓައިގެން ކިޔެވުމުގެ ޙުކުމް އަދި އެހިފަހައްޓަން ޖެހޭގޮތް
—①—
Updated: 15/Feb/2026
1⃣މިމައްސަލާއިގެ މައްޗަށްވާ ދަލީލު
އިމާމް އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙް ގައި ވިދާޅުވިއެވެ:
"ބާބު: އަޅެއް އަދި މިނިވަން ކުރެވިފައިވާ އަޅެއް އިމާމު ވުން: ޢާއިޝަތުގެފާނު އެކަމަނާގެ އަޅު ޛަކްވާން މުޞްޙަފާއިގެން އިމާމު ކުރެއްވެވިއެވެ..."(1)
އަދި މިއީ ސަނަދާއި ނުލައިވާ މުޢައްލަޤް ރިވާޔަތެކެވެ.
އެހެނަސް އިބްނު އަބޫ ދާވޫދު އެކަލޭގެފާނުގެ ފޮތް "އަލްމުޞާޙިފް" (2 / 657) ގައި މީގެ ސަނަދު ފުރިހަމަޔަށް ގެންނެވިއެވެ. (2)
އިބްނު ޙަޖަރު "ތަޣްލީޤް" ގައި ސަނަދު ފުރިހަމަ ރިވާޔަތްތައް ގެންނެވުމަށްފަހު ވިދާޅުވިއެވެ: "އެއީ ޞައްޙަ އަޘަރެކެވެ."(3)
އިބްނު އަބީ ދާވޫދުގެ ރިވާޔަތާއި މެދު އަލްޢަލްވާން ވިދާޅުވިއެވެ: "އޭގެ ސަނަދު ޞައްޙައެވެ."
އަދި އިބްނު އަބީ ޝައިބާ އާއި އިބްނު އަބީ ދާވޫދުގެ އެހެންރިވާޔަތެއްގައި އިތުރަށް ވެއެވެ: "...(އެއީ) ރަމަޟާން މަހުގައެވެ."(4)
ޢިލްމުވެރިން ތެރެއިން ބޮޑު ބައިގަނޑެއްގެ ނަޒަރުގައި ސުންނަތް ނަމާދުތަކުގައި މުޞްޙަފު ހިފައިގެން ކިޔުން ހުއްދައެވެ. ފަރުޟު ނަމާދުގައި މިކަމުގެ ޙުކުމާއިމެދު ޚިލާފުވިއެވެ. އަދި އަހަރެމެންގެ މިލުޔުމުގެ ނުކުތާއަކީ ރަމަޟާން މަހުގެ ތަރާވީޙެވެ. އެހެންކަމުން މިނުކުތާއަށް ކުރުކޮށްލަމެވެ. (ކުރު ތަފްޞީލަކަށް މިލިޔުން)
2⃣މުޞްޙަފް ހިފަހައްޓާނެ ގޮތް
ނަމާދުގައި މުޞްޙަފު ހިފަހައްޓާނޭ ގޮތެއް އިހު ބަޔާން ވެވުނު އެއްވެސް ރިވާޔަތެއްގައި އައިސްފައިނުވެއެވެ. ފަހުގެ ޢިލްމިވެރިންކުރެ މިކަމަށް ފަތުވާ ދެއްވި ބަޔެއް ޢިލްްމުވެރިން، އެއް އަތުން ހިފެހެއްޓޭނަމަ ހިފަހައްޓައިގެން ކިޔުމަށް އެހެން ނޫނީ ދެއަތުން ވެސް ހުއްދަކަމަށް ވިދާޅުވެއެވެ. އަދި ބަޔެއް ޠުއްލާބުން ކަނާއަތު އަތްތިލައިން ހިފަހައްޓައިގެން ހުރެ މޭމައްޗަށް ދެއަތް ގާތްކޮށް ހަށަން ބަނުމަށް ވިދާޅުވެއެވެ.
📝 އަހަރެން ބުނަމެވެ: މިއީ އެބޭފުޅުންގެ އިޖުތިހާދެވެ. އަދި އަޞްލަކީ މުޞްޙަފު ހިފުމެވެ. އަދި މިކަމުގެ އިޚްތިޔާރު ތަނަވަސްވެގެންވެއެވެ. އަދި އެއް އަތުން ހަށަން ބަނދެ އަނެއް އަތުން މުޞްޙަފުގައި ހިފުމަކީ ލާޒިމުކަމެއް ނޫނެވެ.
މިއީ ސަބަބު ތަކަކަށްަޓަކައެވެ:
1️⃣ ހަށަން ބަނުމުގެ އަޞްލަކީ ވާތްމަތީ ކަނާތް ބޭއްވުމެވެ. އަދި ކަނާތު އަތްތިލައިން ވާތު އަތްތަނޑީގައި ހިފުމެވެ. އަދި ކަނާތު އަތްތިލައިން މުޞްޙަފު ހިފައި އަތްދަނޑި ގާތްކުރިޔަސް މިކަމެއް (ހަށަންބަނުމެއް) ފުރިހަމަޔެއް ނުވާނެއެވެ.
2️⃣ އެފަދައިން ފަތުވާ ދެއްވި ބޭފުޅުންގެ ނަޒަރުގައި ހަށަން ބަނުން ވަނީ މޭމަތީގައެވެ. އެހެންކަމުން އެހިސާބުގައި މުޞްޙަފު ހިފެހެއްޓިފައިވާނަމަ، ކިޔުމަށް އުދަގުލެއްނުވާނެއެވެ. އެހެނަސް މޭމަތީ ހަށަން ބަނުމުގެ ރިވާޔަތަކީ އޭގައި ޚިލާފުވާއެއްޗެކެވެ. އަދި ޖުމްހޫރު މަޒުހަބުތަކުގެ ރައުޔަކީ ފޫޅުން މައްޗެވެ. ނޫނީ އޭގެ ކުޑަތަންކޮޅެއް ތިރިއެވެ. އަދި އިމާމް އަޙުމަދު މޭމަތީ ބެންނެވުމަށް ނުރުއްސެވިއެވެ. އަހަރެމެން ބުރަވާ ރައުޔަކީ މިޔެވެ. (މިއީ މިވަޤުތުގެ މައުޟޫކަމުގައި ނުވުމުން ކުރުކޮށްލަމެވެ.)
ނުކުތާ އަކީ: މޭމަތީ ހަށަން ނުބައްނަ މީހަކަށް މުޞްޙަފު އެހެންޏާ ބަނޑުމަތީ ނޫނީ ފޫޅުންމަތީ ނުވަތަ އެހިސާބުގައި ބަހައްޓައިގެން ކިޔުމަކީ ނުކުޅަދާނަކަމެވެ. އަދި ވަކިން ޚާއްޞަކޮށް މުޞްޙަފު ހިފަން ޖެހޭނީ ހަށަން ބަންނަގޮތަަށް އަތް ބައިންދައިގެން ކަމަށް އެއްވެސް ނަޢްޞެއް ވާރިދުވެފައިނުވާތީއެވެ.
3️⃣ ވާތް މަތީ ކަނާއަތް ބޭއްވުމަކީ "މުއައްކަދާ" ނޫން ސުންނަތެކެވެ. އަދި މިއީ ގަސްތުގައި ދޫކޮށްލިޔަސް ނަމާދު ބާޠިލު ނުވާ ސުންނަތުގެ ތެރެއިންވާ ކަންކަމެވެ. (ހަންބަލީން ނަމާދު ބާޠިލުވާ "މުއައްކަދާ ސުންނަތް" ތަކަށް ކިޔަނީ "ވާޖިބު" ތަކޭ އެވެ. އެއީ މިޘާލަކަށް އެބޭކަލުންގެ ގާތުގައި ނަމަ، ފުރަތަމަ އައްތަހިއްޔާތާއި ރުކޫޢު އަދި ސަޖިދައިގެ ތަސްބީޙަ ތަކެވެ.)
=
ـــــــــــــ
(1) فتح الباري شرح صحيح البخاري 2/216
(2) އަދި ޢަބްދުއްރައްޒާޤް ވެސް އެކަލޭގެފާނުގެ ފޮތް "އަލްމުޞައްނަފް" ގެ "ބާބު: އަޅެއް އިމާމުވުން" ދަށުން މިރިވާޔަތް ސަނަދާއިއެކު ގެންނަވައި "ޙަސަން" ކަމަށްވިދާޅުވިއެވެ. އަދި "ސުނަން އަލްކުބްރާ" ގައި އަލްބައިހަޤީ ސަނަދާއިއެކު ރިވާކުރައްވައި ޙަސަން ދަރަޖަ ދެއްވިއެވެ. އަދި އައްޝާފިޢި ވެސް އެކަލޭގެފާނުގެ "މުސްނަދު" ގައި ސަނަދާއި އެކު ރިވާކުރެއްވިއެވެ.
(3) تغليق التعليق على صحيح البخاري - ج 2 ص290-291
(4) އިބްނު އަބީ ދާވޫދު ގެ އިތުރުން އިބްނު އަބީ ޝައިބާ 2/234
Comments (0)
Be the first to comment.