އިސްލާމްވެބް ގެ ފަތުވާގައި ވެއެވެ: ”އެހެންކަމުން އަލް-މުޢައްކަދާ ނޫން ސުންނަތްތައް، މިޘާލަކަށް، ހަށަންބަންތަކުބީރަށް އަތް އުފުލުން، އަދި…
This article is available in Dhivehi only.
—②—
އިސްލާމްވެބް ގެ ފަތުވާގައި ވެއެވެ: ”އެހެންކަމުން އަލް-މުޢައްކަދާ ނޫން ސުންނަތްތައް، މިޘާލަކަށް، ހަށަންބަންތަކުބީރަށް އަތް އުފުލުން، އަދި ޤިޔާމްވެ ހުންނައިރު ވާތްމަތީ ކަނާއަތް ބޭއްވުން، އަދި ދުޢާއުލް އިސްތިފްތާޙު އަދި މިފަދަ ކަންކަމީ، ގަސްތުގައި ދޫކޮށްލިޔަސް އެންމެ ބޭފުޅުން ގާތުވެސް ނަމާދު ބާޠިލުނުވާ ކަންކަމެވެ. (މުއައްކަދާ ނޫން ސުންނަތްތައް) ޛިކުރު ކުރެއްވުމަށްފަހު އިބްނު ޤުދާމާ "އަލްމުޣްނީ" ގައި ވިދާޅުވިއެވެ: "މި އެންމެހާ ސުންނަތް ތަކެއްގެ ޙުކުމަކީ، ގަސްތުގައިވިޔަސް ހަނދާންނެތިގެން ވިޔަސް: މިދޫކޮށްލުމުން ނަމާދު ބާޠިލުނުވުމެވެ.““(5)
އައްޠަރީފީ ގެ ނަމާދާއި ބެހޭ ފޮތުގައި ވެއެވެ: "ސަލަފުންގެ ތެރެއިން އެއްވެސް ބޭފުޅެއް، ޞަހާބީންގެ ތެރެއިންވިޔަސް ނޫނީ ތާބިޢީންގެ ތެރެއިން ވިޔަސް ނޫނީ އެބޭފުޅުންނަށް ތަބަޢުވިބޭކަލުން ވިޔަސް، އަދި ހަތަރު އިމާމުން އަރިހުންވެސް؛ ”އަލް-ޤަބްޟި“ އަކީ (އެބަހީ: ހަށަން ބަނުމަކީ) ވާޖިބެއްކަމަށް ވިދާޅުވިކަމެއް އަހަރެންނަކަށް އެނގިފައެއްނެތެވެ."(6)
📝 އަހަރެން ބުންމެވެ: މިހެން ކަމުން ޙާޖަތަކަށްޓަކައި މިކަން ދޫކޮށް ލުމުގެ ހުއްދަ މާބޮޑެވެ. ބަޔެއް އަޚުން ބޮޑު ތަކުލީފާއިއެކު އެއްއަތުން މި އުފުލުން، ނޫނީ ނަމާދުގައި ޚުޝުއްވަތް ގެއްލިގެން ދާއިރުވެސް މުޞްޙަފާއިއެކު ހަށަން ބަންނަން މަސައްކަތް ކުރުމުގެ ތަކުލީފުވާކަމަކަށް އަހަރެން ނުދެކެމެވެ. الله أعلم.
މީގެ އިތުރުންވެސް، އިހުގެ ޢިލްމުވެރިންގެ ތެރެއިން މުޞްޙަފު ހިފުން މަކުރޫހަ ކަމަށް ވިދާޅުވިބޭފުޅުން އެހެންވިދާޅުވެފައިވަނީ، ހަށަން ބަނުމުގެ މައްޗަށް ބައްލަވައެއް ނޫނެވެ. އެއީ އެހެންޏާ އެކަމަކީ އަހުލު ކިތާބީންގެ ގޮތެއްކަމާއި، އެޔާ ޚިލާފުވުމަށެވެ. ނޫނީ އެކަމަކީ އިތުރު ޙަރަކާތެއްކަމަށް ވިދާޅުވެއެވެ. އަދި މިދެނުކުތާއަށްވެސް މިކަން ހުއްދަ ކުރެއްވި ޢިލްމުވެރިން ރައްދުދެއްވިއެވެ. އަދި ދެޞަޙީޙު ގައި ވާރިދުވެފައިވާ ފަދައިން ނަބިއްޔާ ﷺ އެކަލޭގެފާނުގެ ކާފަ ދަރިކަލުން، އުމާމާ، ނަންގަވައިގެން ނަމާދުކުރެއްވިއެވެ. އަދި ރުކޫޢުއަށް ވަޑައިގެންނެވުމަށް ތިރިކުރައްވައެވެ.(7) އަދި މުޞްޙަފު އުފުލުމަކީ މިއަށްވުރެ ކުޑަ ޙަރަކާތެކެވެ. އަދި ޙާއްޖަތެއްވާނަމަ އެޙަރަކާތެއް ގެނައުން ޢިލްމިވެރިން ހުއްދަކުރައްވައެވެ.
އައްނަވަވީ-އިމާމު ވިދާޅުވިއެވެ:
"މުޞްޙަފުން ޤުރުއާން ކިޔެވިޔަސް ނަމާދެއް ބާޠިލެއްނުވާނެއެވެ. އެއީ ހިތުދަސް މީހެއް ވިޔަސް އަދި ނޫނަސް އެވެ. އަދި ކިއެއްހެއްޔެވެ؟ އޭނާ އަށް އަލްފާތިޙާ ސޫރަތް ނޭގޭ ނަމަ އޭނާގެ މައްޗަށް މިކަން ވާޖިބުވެގެންވެއެވެ. އަދި ބޭނުންޖެހުމުން ނަމާދު ތެރޭ އޭގެ ގަނޑުއުކިޔަސް (ނަމާދެއް) ބާޠިލެއްނުވާނެއެވެ. ... މިއީ (އެބަހީ: ނަމާދު ބާޠިލުނުވާނެކަމީ) އަހަރެމެންގެ (ޝާފިޢީންގެ) މަޛުހަބެވެ. އަދި މާލިކުގެފާނުގެ ވެސް މަޛުހަބެވެ. އަދި (އަބޫ ޙަނީފާގެ އެންމެ އިސް ދެ ދަރިވަރުން) އަބޫ ޔޫސުފް އާއި މުޙައްމަދުގެ މަޛުހަބެވެ. އަދި އަޙްމަދުގެވެސް އެވެ."(8)
~ ގަލަންދާނު 🖋
ــــــــــــــــــــــــ
(5) އިސްލާމްވެބް ފަތުވާ ނަންބަރ 51686
(6) "المجموع" (4/27) بتصرف
(7) البخاري (494) ومسلم (543)
(8) ޞިއްފަތު ޞަލާތިއް ނަބިއްޔި ޞ. 96 ، އަދި އުއްމީދަކީ މި ނުކުތާގެ އިތުރު ތަފްޞީލާއި އެނޫން ފިޤުހުތައް، މިފޮތުގެ ތަރުޖަމާ ފުރިހަމަކުރުމަށް ﷲ ތައުފީޤުދެއްވައިފިނަމަ ހުށަހެޅުމެވެ. إن شاء ﷲ.
Comments (0)
Be the first to comment.