އިބްނު ޤުދާމާގެ "އަލްމުޣްނީ" އިން: ގޭގައި ނަމާދު ކުރާ މީހާގެ ބަންގި އާއި ޤަމަތުގެ ޙުކުމަށް ނަޒަރެއް
This article is available in Dhivehi only.
➊
📚 އިބްނު ޤުދާމާގެ "އަލްމުޣްނީ" އިން: ގޭގައި ނަމާދު ކުރާ މީހާގެ ބަންގި އާއި ޤަމަތުގެ ޙުކުމަށް ނަޒަރެއް
"ނުކުތާއެއް: ވިދާޅުވިއެވެ: [ބަންގިއެއްވެސް އަދި ޤަމަތެއްވެސްނެތި ނަމާދު ކޮށްފި މީހާ، އެކަމަށް އަހަރެމެން އޭނާ އަށް ނުރުހެމެވެ. (މަކުރޫހައެވެ.) އެހެނަސް ޢިޔާދަކުރުމެއްނުވެއެވެ.]
ފަސްނަމާދުގެ ބަންގި ދޫކޮށް ލުން މަކުރޫހަވެގެންވެއެވެ. އެހެނީ ނަބިއްޔާ ﷺ ނަމާދު ކުރެއްވެވީ ބަންގިޔާއި ޤަމަތާއި އެކީއެވެ. އަދި އެއަށްފަހު ވަޑައިގެންނެވި އިމާމުންވެސް އެވެ. އަދި އެކަމަށް އަމުރުވެސް ކުރެއްވިއެވެ. މާލިކި ބުނުލް ޙުވައިރިޘް ވިދާޅުވިއެވެ: "ދަތުރަކަށް އަލްވަދާޢު ކިޔުމަށްޓަކައި ނަބިއްޔާ ﷺ އަރިހަށް އެހެން މީހަކާއި އެކު ދިޔައިމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: { إذَا حَضَرَتْ الصَّلَاةُ فَلْيُؤَذِّنْ أَحَدُكُمَا ، وَلْيَؤُمَّكُمَا أَكْبَرُكُمَا } "(ދަތުރުގައި) ނަމާދު ވަޤިތު އަތުވެއްޖެތަ؟ ތިބޭކަލުން ތެރެއިން އެކެއް ބަންގިގޮވާށެވެ. އަދި ދެބޭކަލުން ތެރެއިން ދޮށީ މީހެއް އިމާމުވާށެވެ." مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ (އަލްބުޚާރީ އާއި މުސްލިމް) އިއްތިފާޤު ވެލެއްވި ރިވާޔަތެވެ.) އަދި (ޙަންބަހީ މަޒުހަބުގެ އިމާމެއް ކަމަށްވާ) އަލްޚިރްޤީ ގެ ބަސްފުޅުން ފާޅުވަނީ: ބަންގިއަކީ ގަދަވެގެންވާ ސުންނަތެއް ކަމެވެ. (سُنَّةٌ مُؤَكَّدَةٌ). އަދި ވާޖިބެއް ނޫންކަމެވެ. އެހެނީ އެދޫކޮށްލުމީ މަކުރޫހަ ކަމެއް ގޮތުގައި އެކަލޭގެފާނުގެ ކަނޑައަޅުއްވާފައި ވުމުންނެވެ. އަދި މިއީ އަބޫ ޙަނީފާ އާއި އައްޝާފިޢީ ގެ ބަސްފުޅެވެ. އެއީ އެއަކީ ނަމާދަށްވާ ގޮވާލެވުމެއް ކަމެވެ. އެހެންކަމުން ބަސްފުޅު ގާތްވެގެންވަނީ: ޖަމާޢަތުގެ ނަމާދަށެވެ.
އަދި އަބޫ ބަކުރު ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ: "އެއީ ފަރުޟު ކިފާޔަތެކެވެ."
އަދި މިއީ އަހަރެމެންގެ (ޙަންބަލީންގެ) ގިނަ ބޭފުޅުންގެ ބަސްފުޅެވެ. އަދި މާލިކީންގެ ބައެއް ބޭފުޅުންގެ ވެސް ބަހެވެ.
އަދި ޢަޠާއު އާއި މުޖާހިދު އާއި އަލް އަޥްޒާޢީ ވިދާޅުވަނީ: އެއީ ފަރުޟެއް ކަމެވެ. އެހެނީ މާލިކި (ބުނުލް ޙުވައިރިޘް) އާއި (ދަތުރުގެ) ބައިވެރިޔާއަށް، ނަބިއްޔާ ﷺ އެކަމަށް އަމުރު ކުރެއްވީ ތީއެވެ. އަދި އެކަލޭގެފާނާއި ފަހުން އައިމީހުންނާއި އަޞްޙާބުން އެގޮތުގައި ދެމިތިއްބެވިއެވެ. އަދި އަމުރުން ނެރެވޭ ޙުކުމަކީ ވާޖިބެއް ކަމެވެ. އަދި އެގޮތުގައި ޢަމަލީގޮތުން ދެމިހުންނެވުމީ ވާޖިބުކަމުގެ މައްޗަށްވާ ދަލީލެއް ކަމެވެ. އަދި އެއީ އިސްލާމްކަން ފާޅުކޮށްދޭ ޝިޢާރެއްކަމެވެ. އެހެންކަމުން އެއީ ޖިހާދުފަދައިން ފަރުޟެއްކަމެވެ.
އަދި މިފަދައިން އަހަރެމެންގެ (ހަންބަލީންގެ) ބައެއް ޢިލްމިވެރިންގެ ބަސްވަނީ: އެކަން (އެބަހީ: އޭގެ ވާޖިބުކަން) ފުދޭވަރަށް ބަޔަކު އަދާއު ކޮށްފިނަމަ، ދެން ތިބި މީހުންގެ މައްޗަށް އޭގެ ވާޖިބު ކެނޑިގެން ދާކަމެވެ. އެހެނީ ނަބިއްޔާ ﷺ އަށް ބިލާލް ބަންގިގޮވައިދެއްވައެވެ. އަދި އެހެންކަމުން އެމިންވަރުން ފުދިވަޑައިގެން ވިއެވެ.
އަދި ނަމާދު ކުރާ މީހާ، ބަންގި އަކާއި ޤަމަތަކާއި ނުލައި ނަމާދުކުރިއަސް، ދެ ބުނުމެއްގެ މައްޗަށް ނަމާދު ޞައްޙައެވެ: އެއީ ޢަލްޤަމާ އާއި އަލްއަސްވަދް އަރިހުން ރިވާވެފައިވާ ގޮތުގެ މަތިންނެވެ. އެދެބޭކަލުން ވިދާޅުވެއެވެ: "އަހަރެމެން ޢަބްދު اللَّه (އެބަހީ، އިބްނު މަސްޢޫދު) އަރިހަށް ޒިޔާރަތްކުރީމެވެ. އެކަލޭގެފާނު އިމާމުވެ ނަމާދުކުރެއްވިއެވެ. އެއީ ބަންގިއެއް އަދި ޤަމަތެއް ނުދެއްވައެވެ." ރިވާކުރެއްވީ އަލްޢަޘްރަމް އެވެ. އަދި ޢަޠާއު ފިޔަވައި މިކަމާއި ޚިލާފުވެލެއްވި ބޭކަލެއް އެނގޭންނެތެވެ. (ޢަޠާއު) ވިދާޅުވިއެވެ: "ޤަމަތް ހަނދާންނެތިއްޖެ މީހާ (ނަމާދު) އަލުން ކުރާށެވެ." އަދި އަލްއަޥްޒާޢީ އެއްފަހަރު ވިދާޅުވިއެވެ: "(ނަމާދުގެ) ވަޤުތު ފާއިތު ނުވާކަމުގައިވާ ނަމަ، އަލުން ކުރާށެވެ. އެހެނީ ހަމަކަށަވަރުންވެސް، ވަޤުތު ފާއިތުވެއްޖެ ނަމަ އޭނާއަށް އެ އިޢާދަކުރުމެއްނުވެއެވެ." އަދި މިއީ (ޞައްޙަ ދަލީލިތަކާއި) އެކަހެރި ބުނުމެކެވެ. އަދި އަހަރެމެން އިހު ބަޔާން ކުރިގޮތަށް، ޞައްޙައީ، ޖުމްހޫރުންގެ ބަސްފުޅެވެ. އަދި (މީގެ އިތުރުން) ޤަމަތް އަކީ ދެބަންގީގެ ތެރެއިން އެކަތިކަމަށް ވުމެވެ. އެހެންކަމުން އެ (އެބަހީ: ބަންގި) ދޫކޮށްލުމުން ނަމާދު ފަސާދަނުވާ ފަދައިން، ޤަމަތް ދޫކޮށްލުމުންވެސް ނަމާދު ފާސިދު ވުމެއް ނުވެއެވެ.
ފަޞްލު: އަހަރެމެންގެ އަޞްޙާބުން ތެރެއިން (އެބަހީ ހަންބަލީ ޢިލްމުވެރިން ތެރެއިން) ބަންގި ވާޖިބު ކުރެއްވި ބޭކަލުން، އެކަން ވާޖިބު ކުރެއްވީ ޝަހަރުތަކުގެ އަހުލުންނަށެވެ. މިބީދާއިން އަލްޤާޟީ ވިދާޅުވިއެވެ: "ޝަޙަރުތަކުގެ އަހުލުން ފިޔަވައި ދަތުރުވެރިންނަށް އެ ވާޖިބެއް ނޫނެވެ." އަދި މާލިކު ވިދާޅުވިއެވެ: "ނިދާއު (އެބަހީ ބަންގީގެ ގޮވެލި) ވާޖިބު ވެގެންވަނީ ޖަމާޢަތް ހެދޭ މިސްކިތްތަކުގައެވެ. އެއީ އެތަންތަނަކަށް ނަމާދު ކުރުމަށް އެއްވެވޭ ތަންތަނެވެ." އެހެނީ ބަންގި، އޭގެ އަޞްލުގައި ޝަރުޢުވެވުނީ ވަޤުތު އިޢްލާންކުރުމަށްޓަކައެވެ. މީސްތަކުން ނަމާދަށް އެއްވުމަށެވެ. އަދި ޖަމާޢަތާއި ބައިވެރިވެވުމަށެވެ.
1/2
Comments (0)
Be the first to comment.