އަދި ކޮންމެ ޝަހަރަކަށް އެއް ބަންގި ފުދިގެންވެއެވެ
This article is available in Dhivehi only.
➋
އަދި ކޮންމެ ޝަހަރަކަށް އެއް ބަންގި ފުދިގެންވެއެވެ.
އެއީ އެ ބަންގިން އެވެރިންނަށް އަޑުއިވޭނަމައެވެ. އިބްނު ޢަޤީލް ވިދާޅުވިއެވެ: "ކޮންމެ މަޙައްލާ އަކަށް (އެބަހީ: އަވަށަކަށް) އެއް ބަންގި ފުދެއެވެ. އަދި ބާކީ ތިބި މީހުން ޤަމަތް އެކަނި ދިނުން ފުދެއެވެ." އަދި އަޙްމަދު، އެމީހެއްގެ ގޭގައި ނަމާދު ކުރާ މީހާ އާއި މެދު ވިދާޅުވިއެވެ: "ޝަހަރުގެ ބަންގި ފުދެއެވެ." އަދި މިއީ އަލްއަސްވަދުގެ ވެސް ބަސްފުޅެވެ. އަދި އަބޫ މިޖްލަޒް އާއި މުޖާހިދު އާއި އައްޝާފިޢީ އާއި އައްނަޚަޢީ އާއި ޢިކްރިމާ އާއި އަޞްޙާބުއް ރައުޔުގެ ވެސް ބަސްފުޅެވެ. އަދި މައިމޫނު ބުނު މިހްރާނަ އާއި އަލްއަޥްޒާޢީ އާއި މާލިކު ވިދާޅުވިއެވެ: "ޤަމަތް ދިނުން އެކަނި ފުދެއެވެ."
އަލްޙަސަން (އަލްބަޞްރީ) އާއި އިބްނު ސީރީން ވިދާޅުވިއެވެ: "ބޭނުމިއްޔާ ޤަމަތް ދޭށެވެ." އަދި މި (ޙުކުމް) ގެންނަވަނީ، އިތުރުއެކަލޭގެފާނު އެމީހަކަށް ނަމާދު ދަސްކޮށްދެއްވި މީހާއަށް ޙަދީޘް ކުރެއްވިކަމެވެ: { إذَا أَرَدْتَ الصَّلَاةَ فَأَحْسِنْ الْوُضُوءَ ، ثُمَّ اسْتَقْبِلْ الْقِبْلَةَ فَكَبِّرْ } "ނަމާދު ކުރަން ގަސްތުކޮށްފިނަމަ، ވުޟޫއު ފުރިހަމަޔަށްކޮށް، ދެން ޤިބުލަޔަށް އެނބުރި ދެން (ހަށަންބަން) ތަކްބީރު ކިޔާށެވެ." އަދި އޭގައި ބަންގިއަކަށް އަމުރު ނުކުރައް ވައެވެ. އަދި އައްނަސާއީ ރިވާކުރެއްވި ލަފްޡުފުޅުގައި ވަނީ: { فَأَقِمْ ، ثُمَّ كَبِّرْ } "ކޮޅަށް ތެދުވެ، ދެން ތަކްބީރު ކިޔާށެވެ." އަދި (މިއަށް ބާރުދޭ އަނެއް ދަލީލަކީ) (ކުރިން ބަޔާންވެވުނު) އިބްނު މަސްޢޫދުގެ (ބަންގި އާއި ޤަމަތް ނުދެއްވައި އިމާމުވެލެއްވި) ޙަދީޘެވެ.
އަދި މޮޅު އިތުރީ، (ޝަހަރުގެ ބޮޑު މިސްކިތް ނޫނަސް) ކޮންމެ ނަމާދު ޖަގަހައެއްގައިވެސް ބަންގިދީ ޤަމަތްދިނުމެވެ. އެއީ އަޑު ފާޅުނުކޮށެވެ. އެހެނަސް މިއީ ޤަޟާއު ނަމާދެއް އޭނާ ކުރާހިނދެއްގައި މެނުވީއެވެ. (އެހާލަތުގައި ބަންޤި ނުގޮވާށެވެ.) ނުވަތަ ބަންގީގެ ވަޤުތު ނޫން ވަޤުތެއްގައި ވިޔަސް އެވެ. (ނުގޮވާށެވެ.) އަދި ނަމާދުގެ ވަޤުތުގައި ކަމަށްވެފައި، އަދި އެނާ ހުރީ ޞަޙަރާއެއްގައި ނުވަތަ އެފަދަ ތަނެއްގައި ނަމަ، އޭނާ އަށް އެދެވިގެންވަނީ އަޑު ހަރުކޮށް ބަންގި ގޮވުމެވެ. އެއީ އަބޫ ސަޢީދު (އަލްޚުދްރީ)ގެ ބަސްފުޅުގެ މައްޗަށެވެ: { إذَا كُنْتَ فِي غَنَمِكَ أَوْ بَادِيَتِكَ فَأَذَّنْتَ بِالصَّلَاةِ ، فَارْفَعْ صَوْتَكَ بِالنِّدَاءِ ، فَإِنَّهُ لَا يَسْمَعُ مَدَى صَوْتِ الْمُؤَذِّنِ جِنٌّ وَلَا إنْسٌ وَلَا شَيْءٌ إلَّا شَهِدَ لَهُ يَوْمَ الْقِيَامَةِ . قَالَ أَبُو سَعِيدٍ : سَمِعْت ذَلِكَ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . } "ތިބާ ކަންބަޅި ބަކަރި އާއިއެކު (ހުއިހެއްޕުމުގައި) އުޅެމެ ، ނުވަތަ ސަހަރާއެއްގައި ވޭމެ، ދެން ނަމާދަށް ބަންގި ދޭނަމަ، އެގޮވެލީގައި ތިބާގެ އަޑު ހަރުކޮށް އުފުލާށެވެ. އެހެނީ ބަންގި ގޮވާ މީހާގެ އަޑު އެހެންޏާ ޖިންނިއެއް ނޫނީ އިންސިއެއް ނޫނީ އެހެންއެއްވެސް އެއްޗެއްވިޔަސް އަޑެއް ނާހާނެތޭ، އެހެނަސް އޭނާއަށްޓަކައި ޤިޔާމަތްދުވަހު ހެކިވާގޮތުގައި މެނުވީއެވެ." އަބޫ ސަޢީދު ވިދާޅުވިއެވެ: އަހަރެން މިކަން އަޑުއެހީ ނަބިއްޔާ ﷺ އަރިހުންނެވެ."
އަދި އަނަސް އަރިހުން: { أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُغِيرُ إذَا طَلَعَ الْفَجْرُ ، وَكَانَ إذَا سَمِعَ أَذَانًا أَمْسَكَ ، وَإِلَّا أَغَارَ ، فَسَمِعَ رَجُلًا يَقُولُ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى الْفِطْرَةِ . فَقَالَ : أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ ، أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجْتَ مِنْ النَّارِ ، فَنَظَرُوا فَإِذَا صَاحِبُ مَعَزٍ } أَخْرَجَهُ مُسْلِمٌ .
"اللَّه ގެ ރަސޫލާ ﷺ ފަޖުރުލާ ވަޤުތު ޢަދުއްވުންނަށް ޙަމަލާދެއްވައެވެ. އަދި އެކަލޭގެފާނަށް ބަންގީގެ އަޑު އިވިވަޑައިގަންނަވައިފިނަމަ، މަޑުޖައްސަވައެވެ. އެހެންނުވެއްޖެނަމަ ޙަމަލާދެއްވަވައެވެ. އެއްފަހަރެއްގައި މީހަކު ގޮވާތީ އަޑުއިވުނެވެ:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
اللَّه ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "އޭނާ އެވަނީ ފިޠުރަތުގެ މަތީގައެވެ." ދެން އޭނާ ގޮވިއެވެ:
أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ ، أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ
އެހެންކަމުން اللَّه ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "ތިބާ ނަރަކައިން ނިކުމެއްޖެއެވެ." އެބޭކަލުން އެމީހެއް ބަލައި ހޯދިއެވެ. އަދި އެއީ ބަކަރި ހުއިހައްޕާ މީހެއްކަން އެނގުނެވެ."
2/2
_____
މަޞްދަރު: ބައްލަވާ އިބްނު ޤުދާމާގެ އަލްމުޣްނީ
Comments (0)
Be the first to comment.