ދަންނާށެވެ. ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން (އެކަލޭގެފަނުގެ ނަން) ޛިކުރު ވެވިއްޖެނަމަ ވާޖިބު ވެގެން ވެއެވެ. އެއީ ނަމާދުގައި ނޫނީ އެއިން…
This article is available in Dhivehi only.
”ދަންނާށެވެ. ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން (އެކަލޭގެފަނުގެ ނަން) ޛިކުރު ވެވިއްޖެނަމަ ވާޖިބު ވެގެން ވެއެވެ. އެއީ ނަމާދުގައި ނޫނީ އެއިން ބޭރުގައި ވިޔަސް އެވެ. މިކަމުގެ މައްޗަށް ވާ ދަލީލު ތަކުގެ ތެރޭ:
1. އަހަރެމެންގެ ރައްބު عزّ وجل މިކަމަށް އަމުރު ކުރެއްވުން: އެއިލާހު سبحانه وتعالى ވަޙީ ކުރެއްވިއެވެ: {إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا}
”ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ مَلَائِكَة ން ނަބިއްޔާގެ މައްޗަށް صَلَوَات ލައްވަތެވެ. އޭ إِيْمَان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صَلَوَات ލެއްވުން އެދި دُعَاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!“
2. ޞައްޙަ ޙަދީޘުން މިކަން ޘާބިތު ވުން: ނަބިއްޔު ﷺ ޙަދީޘް ކުރެއްވި ކަމަށެވެ: «البَخِيلُ مَنْ ذُكِرْتُ عِنْدَهُ ثُمَّ لَمْ يُصَلِّ عَلَيَّ» ”ބަޚީލު މީހަކީ، އެމީހެއް ގާތު ތިމަންކަލޭގެފާނުގެ ޛިކުރުވެވި ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާއެވެ.“ — ރިވާކުރެއްވީ އިބްނު ޙިއްބާން އާއި އެނޫން ބޭކަކުން ނެވެ.
އެހެން ކަމުން އެކަލޭގެފަނުން ﷺ ގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހާ އަށް ނުބައިނުލަފާކަން ރައްދުކުރެއްވިއެވެ. އަދި ބަޚީލެއް ކަމަށް ނަން ދެއްވިއެެވެ. ފަހެ ޝަރުޢު ކުރައްވާ ފަރާތް، (އެބަހީ: ޤުރުއާނާއި ޙަދީޘުން) ، ވާޖިބު ކަމެއް އެޅުމުން މެނުވީ ނުބައި ނިސްބަތް ނުކުރައްވަތެވެ. ނުވަތަ ޙަރާން ކަމެއް ކުރުމުންނެވެ.
އަދި މިއީ ޢާންމު ޙުކުމެކެވެ. ނަމާދާއި އެނޫން ކަންކަމުގެ ތެރޭގައިވެސް މި ޙުކުމް ޝާމިލުވެއެވެ.
3. އަބޫ ހުރައިރާ رضي الله عنه އަރިހުން ވަރަށް ގިނަ މަގު ތަކުން ރިވާވެފައިވެއެވެ: އެއީ ޖިބްރީލް عليه السلام ނަބިއްޔު ﷺ އާއި މުޚާޠަބު ކުރެއްވި ކަމެވެ. އަދި އިތުރުއެކަލޭގެފާނުން ﷺ ތިން ފަހަރު އާމީން ވިދާޅުވި ކަމެވެ: «رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ ...» ”ތިމަންކަލޭގެފާނުގެ ނަން ގަނެވި އެހެނަސް ޞަލަވާތް ނުކިޔައިފި މީހެއްގެ ނޭފަތް ވެއްޔާއި މޮޑެވޭށިއެވެ...“
«رَغِمَ أَنْفُ رَجُلٍ» ގެ މާނައީ : އޭނާ އައްރިޣާމް ގައި ލައިގަތުމެވެ. އަދި «الرَّغَامُ» އަކީ ވެއްޔެވެ.
އެހެންކަމުން މި، އަދި މިނޫން ނައްޞުތަކުން ލިބޭ ފައިދާ އަކީ: އެކަލޭގެފަނު ﷺ ޛިކުރު ކުރެވިއްޖެނަމަ، ޞަލަވާތް ކިޔުން ވާޖިބުކަމެވެ.
ދެންފަހެ، އެއް މަޖިލީހެއްގައި، އެކަލޭގެފަނު ﷺ (ގެ ނަންފުޅު) ތަކުރާރުކޮށް ޛިކުރު ކުރެވޭނަމަ، އެއްފަހަރު ޞަލަވާތް ކިޔުން ފުދެއެވެ. އަދި (އެހެނަސް) ތަކުރާރު ކޮށްފި މީހާ، ފަހެ އޭނާ މޮޅުއިތުރުު ވެގެންވެއެވެ. އެއީ އިތުރުއެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: «مَنْ صَلَّى عَلَيَّ صَلاَةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا» ”ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔައިފި މީހަކަށް، ﷲ އޭނާގެ މައްޗަށް އެއިން ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ.“
— ޝައިޚް ޢަބްދު ﷲ އައްސަޢްދު (މަސްދަރު)
~ގަލަންދާނު
Comments (0)
Be the first to comment.