ނޯޓް: މިނުކުތާ މިފާހަގަ ކޮށްލީ، ބައެއް މީހުން ޝައިޚް ހައިޘަމް ގެ ޖަވާބު ގެ މުރާދަކީ ޤުރުއާން އާއި ސުންނަތުން "ހަމައެކަނި" ޘާބިތު ގޮތަކީ…
This article is available in Dhivehi only.
ނޯޓް: މިނުކުތާ މިފާހަގަ ކޮށްލީ، ބައެއް މީހުން ޝައިޚް ހައިޘަމް ގެ ޖަވާބު ގެ މުރާދަކީ ޤުރުއާން އާއި ސުންނަތުން "ހަމައެކަނި" ޘާބިތު ގޮތަކީ ވަކި ފަރުދެއްނަމަ "السلام عليك" (م އާއި ނުލައި) ކިޔުން ކަމުގައި ދެކި އެގޮތަށް ފެތުރުމުންނެވެ. އެހެނަސް މިއީ ކުށެކެވެ. އަދި ޝައިޚުގެ ޖަވާބުގެ މުރާދެއްވެސް ނޫނެވެ.
ފުރަތަމަ ކަމަކަށް: ހައިޘަމް ސައިފައްދީންގެ މިރައުޔަކީ ބީރައްޓެހި ރައުޔެއްނޫނެވެ. އެއީ އިބްނު އުޘައިމީން ރާޖިހުގޮތް ކަމަށް ފަތުވާ ދެއްވާފައިވާ ރައުޔެކެވެ. އަދި އިބްނު ބާޒް ވެސް ދެގޮތްވެސް ޖާއިޒުކަމަށް އަދި މޮޅު އިތުރީ ޖަމްޢުކޮށް ކަމަށް ވިދާޅުވިއެވެ. ”...ނަބިއްޔު ﷺ އަރިހުން ގިނައިން ވާރިދުވެފައިވަނީ ޖަމްއުކޮށެވެ.“
ދެވަނަ ކަމަކަށް: ޤުރުއާނާއި ސުންނަތާއި ސަލަފުން އަދި މަޒުހަބުތަކުގެ ރައުޔުތަކުގެ މައްޗަށް މިނޫން އެތައް ގޮތެއް ފަރުދީ ސަލާމް ވާރިދުވެފައި އެބަހުއްޓެވެ.
1. އެއްފަރުދަކަށްވިޔަސް السلام عليكم... ކިޔުން، އަދި މީގެ މައްޗަށް ދަލީލުކުރާ އައްތިރުމިޛީ ގެ ރިވާޔަތެއް ކުރިން ގެނެވިއްޖެއެވެ. އޭގައި ނަބިއްޔު ﷺ ޙަދީޘް ކުރެއްވީ: ”މީހަކު އޭނާގެ މުސްލިމު އަޚަކާއި ބައްދަލުވެއްޖެ ހިނދު، ފަހެ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ އޭ ގޮވާށެވެ.“
އަދި މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައި މޫސާގެފާނާާއި އަލް-ޚަޟިރް ބައްދަލުވި ޙާދިޘާ، އުބައްޔު ބުނު ކަޢްބު އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވީތީ ރިވާކުރެއްވިއެވެ. އެރިވާޔަތުގައި، އަލް-ޚަޟިރް ރަޖާއަޅުއްވައިގެން އޮންނަވަނިކޮށް، މޫސާގެފާނު السَّلاَمُ عَلَيْكُمْ އޭ މުޚާތަބު ކުރައްވައެވެ. ދެން މޫނުމަތިން ރަޖައު ނަންގަވައި އަލް-ޚަޟިރް ޖަވާބު ދެއްވައެވެ: وَعَلَيْكُمُ السَّلاَمُ އެވެ.
އަދި އަލްބުޚާރީ "އަދަބް އަލްމުފްރަދް" ގައި، ތާބިޢީ ބޭފުޅެއް ކަމަށްވާ މުޢާވިޔާ ބުނު ޤުއްރާ އެކަލޭގެފާނުގެ ބައްޕަ (މިއީ ޞަޙާބިއްޔަ ބޭކަލެއް) އަރިހުން ނަގުލު ކުރެއްވިއެވެ: ”މީހެއް ތިބާ ހުރަސްކޮށް ދަމުން، السَّلامُ عَلَيْكُمْ އޭ ބުނެފިނަމަ، (ޖަމްޢު ނޫން ކޮށް) وَعَلَيْكَ އޭ ނުބުނާށެވެ. އެއީ، އެއަކީ އޭނާ އަށް އެކަނި ޚާއްޞަވާ އެއްޗެއް ފަދައިންނެވެ. އެހެނަސް السَّلامُ عَلَيْكُمْ އޭ ބުނާށެވެ.
އަލްޙާފިޡް މި ރިވާޔަތް ޞައްޙަ ކުރެއްވިއެވެ. އަދި އަލްއަލްބާނީ މިރިވާޔަތުގެ ތަޚްރީޖު ތެރެއިން ވިދާޅުވިއެވެ: ”މަރްފޫޢު ކޮށް (އެބަހީ ރަސޫލު ﷲ ﷺ އަށް ނިޞްބަތްވާ ގޮތުގައި) އެކަކަށް މުޚާތަބު ކުރެވޭ ލަފުޡުން (އެބަހީ: ... عَلَيْكَ މިހެން) ވެސް ޘާބިތުކޮށް ރިވާވެފައިވެއެވެ. އަދި އެހެނަސް ގިނައިން އައިސްފައިވަނީ ޖަމްޢު ކޮށެވެ. (އެބަހީ: ...السَّلامُ عَلَيْكُمْ މިހެންނެވެ.)“
2. ބައެއް ބޭފުޅުން ވިދާޅުވެތެވެ: އަދި سلام ނުވަތަ السلام މިވަރަށް ކުރުކޮށްލާފައި ބުނުންވެސް ހުއްދައެވެ. އެހެނީ، މަލާއިކަތް ބޭކަލުން އިބްރާހީމްގެފާނަށް ސަލާމް ކިޔުއްވައި އެޔަށް އެކަލޭގެފާނު ޖަވާބު ދެއްވިގޮތުގެ މައްޗަށެވެ. ( قَالُوا۟ سَلَٰمًاۖ قَالَ سَلَٰمٌۖ ) ”...އެބޭކަލުން ދެންނެވޫއެވެ. سلام އެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. سلام އެވެ!...“
އަދި ޖަންނަތުގެ އަހުލުންނާ ބެހޭގޮތުން ﷲ تعالى ވަޙީ ކުރެއްވިއެވެ: تَحِيَّتُهُمْ يَوْمَ يَلْقَوْنَهُۥ سَلَٰمٌۚ وَأَعَدَّ لَهُمْ أَجْرًا كَرِيمًا [އެކަލާނގެއާ އެއުރެން ބައްދަލުވާދުވަހު (އެބަހީ: قيامة ދުވަހު) އެއުރެންގެ تحيّة އަކީ سلام އެވެ. އަދި ދީލަތިވެގެންވާ ދަރުމަ (އެބަހީ: ސުވަރުގެ) އެއުރެންނަށްޓަކައި އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.]
3. އަދި (السلام عليكم) ގެ ބަދަލުގައި (سلامٌ عليكُم) "ސަލާމުން ޢަަަލައިކުމް" ކިޔުންވެސް ޤުރުއާނުގެ ނައްސުން ޘާބިތެވެ. އަދި ބައެއް ރިވާޔަތްތައްވެސް ވެއެވެ. އަދި މީގައި "ސަލާމުން ޢަލައިކަ/ ޢަލައިކި" މިހެންވެސް ވަކި ފަރުދަކަށް ބޭނުން ކުރެވިދާނެއެވެ.
4. އަދި މަޒުހަބު ތަކުގައި ވެސް މީގެ މައްޗަށް ބަހުޘް އައިސްފައިވެއެވެ. އަދި މިގޮތުން މާލިކީން ގާތު (السلام عليك) ބުނުން އެއީ ސަލާމަތްކަން ދެވުން ކަމުގައި ނުބެލެވެއެވެ. އަދި ”ސުންނަތް ގޮތަކީ އަދި ސަލަފުންގެ ފުށުންވާރިދުވެފައިވާ ގޮތަކީ“ އަންހެނަކަސް ފިރިހެނަކަސް (عليكم) މިފަދައިން ބޭނުން ކުރުން ކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެހެނަސް އެނޫން މަޒުހަބުތަކުގައި، ޝާފިޢީންނާއި ޙަންބަލީން ގާތު އެގޮތް ހުއްދައެވެ. އަދި އައްނަވަވީ ވިދާޅުވަނީ
”މޮޅު އިތުރީ“ ވަކިފަރުދެއްވިޔަސް ޖަމްޢު ކޮށްކަމެވެ. (އެބަހީ عليكم މިގޮތަށެވެ.)
ބައެއް މީހުން ވަކިފަރުދަކަށް عليكم ބުނުމަކީ ބަހުގެ ޤަވަޢިދާއި ޚިލާފުކަމެއް ގޮތުގައި ދައުވާ ކުރެއެވެ. އެހެނަސް މިއީ މަޝްހޫރު އަދި ޢަރަބި ބަހުގެ ޢިލްމުވެރިން ތެރޭ ބަލައިގަނެވޭ ”އިހުތިރާމް” ގެ ދަރަޖައިގެތެރޭ ވާ އުސޫލެކެވެ.
މިއާއިއެކުވެސް އިތުރުއެކަލޭގެފާނުގެ އަރިހުން ވަކި ފަރުދުންނަށް (عليك) މިހެން ވެސް ޘާބިތެވެ. އެހެން ކަމުން މިގޮތްވެސް ހުއްދައެވެ. އިބްނު ޢުޘައިމީން ވިދާޅުވިއެވެ: ދެމީހުންނަށް ނަމަ (عليكم) ބޭނުން ކުރެވޭނެއެވެ.
والله أعلم
~ ގަލަންދާން
Comments (0)
Be the first to comment.