އަދި ހަނަފީންގެ الفتاوى الهندية (ޞ. 401) ގައި ވެއެވެ
This article is available in Dhivehi only.
②
އަދި ހަނަފީންގެ الفتاوى الهندية (ޞ. 401) ގައި ވެއެވެ:
”އެންމެ މީހެއްމައްޗަށް ސަލާމް ގޮވާ މީހަކަށް އެދެވިގެންވަނީ، ޖަމާޢަތަކަށް ގޮވާ ލަފުޒުން ސަލާމް ގޮވުމެވެ. އަދި ޖަވާބުވެސް ހަމަ އެފަދައިންނެވެ. "އައްސިރާޖިއްޔާ" ގައި މިފަދައިން ވެއެވެ. އަދި މުސްލިމު މިހާއަށް އެންމެ މޮޅު އިތުރީ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ ކިޔުމެވެ. އަދި ޖަވާބުދޭ މީހާވެސް އެފަދައިން އެއަށް ރައްދުދިނުމެވެ.“ اهـ. ( ސިރާޖިއްޔާ އަކީ އިމާމް ސިރާޖުއްދީން އަބޫ ޠާހިރު އައްސަޖާވަންދީ އަލްޣަޒްނަވި އަލްޙަނަފީ ގެ ފޮތެކެވެ.)
އަދި މިއީ މިކަމަށް ނައްސުން ދަލީލުވާ ކަމެކެވެ. އައްތިރުމިޛީ ޙަސަން ޞަހީހް ކަމަށް ކަނޑައަޅުއްވައި ރިވާކުރެއްވި ދިގު ޙަދީޘެއްގައި ވެއެވެ: «...إِذَا لَقِيَ الرَّجُلُ أَخَاهُ الْمُسْلِمَ فَلْيَقُلِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ "...» (މީހަކު އޭނާގެ މުސްލިމު އަޚަކާއި ބައްދަލުވެއްޖެ ހިނދު، ފަހެ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ އޭ ގޮވާށެވެ.) އަދި މިއީ ވަކިފަރުދަކަށް ޖަމްޢުކޮށް މުޚާޠަބު ކުރުމުގެ ވަސިއްޔަތެކެވެ. އަދި އެހެންމެ، އަލްޙާކިމް ރިވާކުރެއްވި ޖާބިރު ބުނު ސަލީމް އަލްހުޖައިމީ ގެ ރިވާޔަތުގައި، އިސްވެ ސަލާމް ގޮވާލެއްވި ހިނދު عَلَيْكَ السَّلَام ވިދާޅުވުމުން، ނަބިއްޔު ﷺ އެކަމަށް އިންކާރު ކުރެއްވުމަށް ފަހު، سَلاَمٌ عَلَيْكُمْ، سَلاَمٌ عَلَيْكُمْ، سَلاَمٌ عَلَيْكُمْ މިހެން ޙަދީޘް ކުރެއްވައި ރަނގަޅު ކުރެއްވިއެވެ. އަދި މިއީވެސް ޖަމްޢުގެ ސީޣާ ގައެވެ.
އަދި އިބްނު އަބީ ޒައިދް އަލްޤައިރަވާނީ އެކަލޭގެފާނުގެ "ރިސާލާ" ގައި ވިދާޅުވިއެވެ:
”އަދި ސަލާމް އަކީ، މީހަކު السَّلَامُ عَلَيْكُمْ އޭ ބުނުމެވެ. އަދި ރައްދުދޭ މީހާ وَعَلَيْكُمُ السَّلَامُ އޭ ބުނުމެވެ. ނުވަތަ އޭނާ އަށް ބުނެވުނު ފަދައިން سَلاَمٌ عَلَيْكُمْ ބުނުމެވެ.
އޭގެ ޝަރަޙާގައި މާލިކީންގެ އިމާމް، ޝިހާބުއްދީން އައްނަފްރާވީ ވިދާޅުވިއެވެ:
[ސަލާމް އަކީ މީހަކު... ބުނުމޭ] މީގެ މުރާދަ އަކީ މުސްލިމު މީހާ އެވެ. [السَّلَامُ عَلَيْكُمْ] މިއީ ޖަމްޢު ކުރުމުގެ م އިތުރުކޮށްފައެވެ. އެއީ އޭނާ ސަލާމް ގޮވަނީ އެންމެ މީހަކަށް ކަމުގައި ވިޔަސްއެވެ. އެހެނީ އޭނާ އާއި އެކު الحفظة (މަލާއިކަތުން) ވެއެވެ. އަދި އެއުރެންނީ އާދަމުގެދަރީންގެ ޖަމާޢަތެއް ފަދައެވެ. އަދި السَّلَامُ عَلَيْك އޭ ބުނިނަމަ، ދެބަސްވުން ވެއެވެ. އަދި މި (ޖަމްޢުކޮށް ސަލާމް ގޮވުމުގެ) ޞިފަ އަކީ ނަބިއްޔު ﷺ އަދި ސަލަފުއް ޞާލިހުން އަރިހުން ރިވާވެފައިވާ ސިފައެކެވެ....“ اهـ.
~ ގަލަންދާން
Comments (0)
Be the first to comment.