ދަރިންގެ ކަންތަކުގައިވެސް ހަމަ އެފަދައިންނެވެ. އެވެރިންނަށް އެކަށީގެންވާ އިތުބާރު ދޭ ވަރަކަށް، ޢާއިލާ އާއިއެކު އޮންނަ ގުޅުން ބަދަހިވެއެވެ
This article is available in Dhivehi only.
➋
ދަރިންގެ ކަންތަކުގައިވެސް ހަމަ އެފަދައިންނެވެ. އެވެރިންނަށް އެކަށީގެންވާ އިތުބާރު ދޭ ވަރަކަށް، ޢާއިލާ އާއިއެކު އޮންނަ ގުޅުން ބަދަހިވެއެވެ.
އަދި ހަނދުމަ ކުރާށި، އޭ ހެޔޮ އަޚާ އެވެ، މުސްލިމު މީހާގެ މައްޗަށް ވަނީ މުސްލިމުތަކުންގެ ފޮރުވިފައިވާ ޢައިބުތަކާއި ކުށްތަކަށް ދުރާލައި ބެލުމުގެ މައްޗަށް ނަހީ ކުރެވިފައެވެ. އަދި އެއުރެން ފޮރުވާ ތަކެތި ހޯދުމުންވެސް އެވެ. އެއީ އަނެކުންގެ ޚުޞޫޞިއްޔާތުތަކަށް އަރައިގަތުން ނަހީ ވެފައިވާ ފަދައިންނެވެ. ނުވަތަ ނުބައި ހިޔެއްގެ މައްޗަށް އެއުރެންނަށް ޖާސޫސު ކުރުމުންވެސް އެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ: ﴿ يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا ﴾ [الحجرات: 12] (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ!) އަދި ޞަޙީޙައިން ގެ ރިވާޔަތެއްގައި އަބޫ ހުރައިރާ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «إيَّاكم والظنَّ؛ فإن الظن أكذبُ الحديث، ولا تجسَّسوا، ولا تحسَّسوا، ولا تباغَضوا، وكونوا إخوانًا» ”ޝައްކުކުރުމުގެ މައްޗަށް ތިޔަބައިމީހުން ސަމާލުވާށެވެ. ފަހެ ޝައްކަކީ އެންމެ ދޮގުވެރިކަން ބޮޑުވެގެންވާ ވާހަކައެވެ. އަދި އެކަކުއަނެކަކަށް ޖާސޫސު ނުކުރާށެވެ. އަދި އެކަކުއަނެކަކުގެ ކުށްތައް ބަލައިނުހޯދާށެވެ. އެކަކުއަނެކަކަށް ރުޅިވެތި ނުވާށެވެ. އަދި އަޚުންތަކެއް ކަމުގައި ތިޔަބައިމީހުން ވާށެވެ.“ އަދި އަޙްމަދު އާއި އަބޫ ދާޥޫދު، އަބޫ ބަރްޒަތުލް އަސްލަމީ އަރިހުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި އެވެ: «يا معشرَ مَن آمَن بلسانِه ولم يَدخُل الإيمانُ قلبَه، لا تَغتابوا المسلمين، ولا تتبَّعوا عوراتهم؛ فإنه مَن يتبع عوراتهم يتبع الله عورتَه، ومن يتبعِ الله عورته يفضَحْه في بيته» ”އޭ ދުލުކުރިން އީމާންވެ، އެހެނަސް އީމާންކަން ހިތަށް ވަދެފައިނުވާ މީސްތަކުންނޭވެ! މުސްލިމުންގެ ޣީބަ ތިޔަބައިމީހުން ނުކިޔާހުށި ކަމެވެ. އަދި ތިޔަބައިމީހުން އެބައިމީހުންގެ ޢަޥްރަތައް (ފޮރުވިފައިވާ އައިބުތަކާއި ފާފަތައް) ހޯދާ ބަލައި އެވާހަކަތައް ނުދައްކާށެވެ! ފަހެ އެއީ ހަމަކަށަވަރުން އޭނާގެ މުސްލިމް އަޚާގެ ނުބައިތައް ފާޅުކުރާ މީހާގެ ނުބައިތައް، ﷲ ފާޅުކުރައްވާނެއެވެ! ﷲ އެމީހެއްގެ އައިބުތައް ފާޅުކުރައްވާ މީހާ، އޭނާ ގޭގެ ކޮޓަރިއަށް ވަދެ (ފިލާ) އޮތް ކަމުގައި ވިޔަސް، ﷲ އޭނާ ފަޟީޙަތް ކުރައްވާނެއެވެ.“
އަދި އަނެކުންގެ ޚުޞޫޞިއްޔާތު ތަކުގެ ތެރެއަށް އަރައިގަތުން ނަހީ ވުމުގެ ޙިކުމަތް ނަބިއްޔު ﷺ ބަޔާން ކޮށް ދެއްވިއެވެ. އަދި ނުބައި ހީ އެމީހެއްގެ މައްޗަށް ކުރެވޭ މީހާ ފާސިދު ވުމަށް އެކަން ބާރުއަޅާ ކަމަށެވެ. އެހެންކަމުން އޭނާ (އޭގެ ސަބަބުން) ފާސިދުވެއެވެ. ފަހެ އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވި އެވެ: «إنَّك إن اتبعتَ عوراتِ الناس أفسَدتَهم أو كِدتَ تُفسِدهم» ”މީސްތަކުންގެ ޢަޥްރަތަކަށް (ފޮރުވިފައިވާ އައިބުތަކާއި ފާފަތަކަށް) ތިބާ ފާރަލާނަމަ، ތިބާ އެއުރެން ފަސާދަ ކުރާނެތެވެ. ނުވަތަ ފަސާދަކުރުން ގާތްވެގެންވެއެވެ.“ رواه أبو داود.
ނިންމާލަމުން، އަހަރެން ތިބާއަށް — ﷲ ތިބާ ސަލާމަތް ކުރައްވާށި — ދެޞަޙީޙުގައި ޖާބިރުގެ އަރިހުން ރިވާވެފައިވާ މާތް ޙަދީޘްފުޅަށް ވިސްނައި ފިކުރު ހިންގުމަށް ދަޢުވަތުދެމެވެ: (ޖާބިރު) ވިދާޅުވިއެވެ: ”އެމީހެއްގެ އަނބިދަރިންގެ މައްޗަށް ޚިޔާނާތް ޝައްކުކޮށް ނޫނީ ކުށްތައް ހޯދައިގަތުމަށް، (ދުރާލާ އެންގުމެއްނެތި) ވަންނަ ޒިޔާރަތްތެރިޔެއް ފަދައިން، އެމީހެއްގެ އަހުލުން ގާތަށް ރޭގަނޑު ވަނުން ވަނީ ރާސޫލު ﷲ ﷺ ނަހީ ކުރައްވާފައެވެ.“
أصلَح الله بيوتَ المسلمين، وجعَلها واحةً للخير
— އައްޝައިޚް ޚާލިދު ބުނު ޢަބްދުލް މުންޢިމް، އައްރިފާޢީ (މަޞްދަރު)
~ ގަލަންދާނު
Comments (0)
Be the first to comment.