ޙަޤީޤީ މިނިވަންކަމީ، ހިތުގެ މިނިވަން ކަމެވެ
This article is available in Dhivehi only.
📌 ޙަޤީޤީ މިނިވަންކަމީ، ހިތުގެ މިނިވަން ކަމެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-رحمه الله- ވިދާޅުވިއެވެ:
❞... ފަހެ ފިރިހެނެއް އޭނާގެ ހިތް އަންހެނަކާއި ތަތްކުރުވައިފިނަމަ — އެއަންހެނަކީ އޭނާއަށް ހުއްދަ ފަރާތެއް ވިޔަސް — އޭނާގެ ހިތް އެއަންހެނާގެ އަސީރެއް⁽¹⁾ ގޮތުގައި ވެދެއެވެ. އެއަށް ވެރިކަންކޮށް އެކަނބުލޭގެ ބޭނުން ގޮތަކަށް އެ ހިނގާބިނގާ ވުމަށެވެ. އެއީ ފިރިމީހާ ކަމަށް ވާތީ، ބޭރުފުށަށް އެއީ ވެރި މީހާ ކަމުގައި ސިފަވެއެވެ. އެހެނަސް ޙަޤީޤަތަކީ އެއީ އެއަންހެނާއަށް އަސީރެކެވެ. އަދި މިލްކިއްޔާތެކެވެ. ވަކިން ޚާއްޞަކޮށް އެކަނބުލޭގެ އަށް ބޭނުން ޖެހިފައިވާ ކަމާއި، އިޝްޤުގައި ވާ ކަމާއި، އެކަނބުލޭގެ ނޫން ފަރާތެއް އޭނާ އަށް ނުހޯދޭނެކަން އެކަނބުލޭގެއަށް އެނގޭނަމައެވެ. އެފަދަ ޙާލަތުގައި ބަލިކަށިވެފައިވާ އަޅެއް މައްޗަށް ގަދަވެގަނެފައިވާ، އަނިޔާވެރި ސާހިބެއް ފަދައިން އެކަނބުލޭގެ އޭނާގެ މައްޗަށް ވެރިކަން ކުރާނެތެވެ. އަނިޔަލުން މިންޖުވެވޭނެ ކުޅަދާނަކަމެއް ނުވާ އަޅެއްގޮތުގައެވެ. އަދިކިއެއްތަ، އެއަށްވުރެންވެސް ކަންތައް ގޯހެވެ!! އެހެނީ ހިތް އަސީރުވުން ހަށިގަނޑު އަސީރުވުމަށްވުރެ ނުބައިކަން ބޮޑެވެ. އަދި ހިތް އަޅުވެތިވުން ޖިސްމުގެ އަޅުވެތިވުމަށްވުރެ ނުބައި ބޮޑެވެ. ފަހެ ހަމަކަށަވަރުން އެމީހެއްގެ ޖިސްމު އަޅުވެތި ކުރެވި ޖަހައިގަނެވިއްޖެ މީހަކަސް، އެމީހެއްގެ ހިތް އެއިން މިންޖުވެ ހަމަޖެހިގެންވާ ނަމަ، ދެން އެކަމުގައި ތުރާލެއް ނެތެވެ. އަދިކިއެއްތަ، އެއިން މިންޖުވާނޭ ގޮތެއްވެސް ރޭވިދާނެއެވެ. ދެންފަހެ އަޅުވެތިވެފައިވަނީ އަޅުވެތިކަމުގެ ބޯ ކަމުގައިވާ، އެމީހެއްގެ ހިތްނަމަ، އަދި ﷲ ނޫން ފަރާތަކަށް އެ ކުއްތަން ކުރެވިފައި ވާ ނަމަ؛ ފަހެ ޙަޤީޤީ ނިކަމެތިކަމަކީ މިއީއެވެ. އަދި އަސީރުކަމާއި، ހިތް އެއަކުން އަޅުވެތި ކުރެވޭ، އަޅުވެތިކަމުގެ ކޮޅުނެތްކޮޅަކީ މިއެވެ... ފަހެ [ޙަޤީޤީ] މިނިވަންކަމީ ހިތުގެ މިނިވަން ކަމެވެ. އަދި [ޙަޤީޤީ] އަޅުވެތިކަމީ ހިތުގެ އަޅުވެތިކަމެވެ. އެއީ [ޙަޤީޤީ] މުއްސަނދި ކަމީ ނަފުސުގެ މުއްސަނދި ކަން ކަމުގައި ވާ ފަދައިންނެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ» (މުއްސަނދިކަމަކީ މުދަލުގެ ގިނަކަމެއް ނޫނެވެ. އެހެނެއްކަމަކު މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަމެވެ.) އަދި މިއީ (އޭގެ ޒާތުގައި) ހުއްދަ ސޫރައެއްގައި ވާ ކަމެއްގައި އެމީހެއްގެ ހިތް އަޅުވެތިވެއްޖެ ހިނދުގައެވެ. ދެންފަހެ ޙަރާމް ވެގެންވާ ކަމެއްގައި އެމީހެއްގެ ހިތް އަޅުވެތިވެއްޖެ މީހާ: އެއީ (މިޘާލަކަށް) އަންހެނެއް ނޫނީ ފިރިހެންކުއްޖަކަށް ކަމުގައި ވިޔަސް — ފަހެ އެޔެއްގައި އޮޅުމެއް ނުވާ ސާފު ޢަޛާބަކީ މިއީއެވެ. ފަހެ މިވެރިންނީ މީސްތަކުންގެ ތެރެއިން ޢަޛާބުގައި އެންމެ ބޮޑު އަދި ޘަވާބުގައި އެންމެ މަދު މީހުންނެވެ. އެހެނީ ހަމަކަށަވަރުން (ނުބައި) ކަމަކަށް ހިތްކިޔައިފި މީހާ، އެހިނދެއްގައި އެމީހެއްގެ ހިތް އެއެއްޗަކަށް ހަރުލައި އެއަށް އަޅުވެތިވެ އޮވެދެއެވެ. އަޅުތަކުންގެ ރައްބަށް މެނުވީ ގުނައިއަދަދު ނުވާނޭ ނުބަޔާއި ފަސާދަތައް އޭނާގެ މައްޗަށް އެއިން ފާވެއެވެ. އެއީ ބޮޑުވެގެންވާ ފާޙިޝީ (ޒިނޭ ފަދަ) ޢަމަލުތަކުން އޭނާ ސަލާމަތްވެ ހުއްޓަސްއެވެ. (އެބަހީ: އެހެން ފަރާތަކަށް އަޅުވެތި ވުމުގެ ވޭން ދެމި އޮވެއެވެ.) އެހެނީ، ފާފައެއް ކޮށް ދެން ތަޥްބާވެ އޭނާގެ ހިތުން އޭގެ އަޘަރު ކެނޑުމަށް ވުރެ، ފާޙިޝަތަށް އަރައި ނުގަނެ އެއަށް ހިތް ހަރުލާފައި އެގޮތުގައި ދެމިއޮތުމުގެ ސަބަބުން ކުރާ ގެއްލުން⁽²⁾ އޭނާގެ މައްޗަށް މާ ބޮޑެވެ.❝ انتهى.
މަޞްދަރު: مجموع الفتاوى (10/ 186,185)
~ ގަލަންދާނު
___________
[1] އަސީރު: ހަނގުރާމައިގައި ހައްޔަރު ވެގެން ގެނެވޭ މީހާ. އަސީރުވުން: ހައްޔަރުވުން (ބައްލަވާ: ބަސްފޮތުގެ "އަލިފު" ގެ ރަދީފު)
[2] މިގޮތުން ބޮޑު ފާފަޔަކަށް އަރައިގަނެ ދެން ތަޥްބާވެއްޖެ މީހެއް، އެކަމުގެ އަޘަރު އޭގެ ސަބަބުން އޭނާގެ ހިތުން ފިލައިހިނގައްޖެ ނަމަ، މިނިވަނަކަށް ވެއެވެ. އެއީ އޭނާއަށް ކިތައްމެ އިނގިއްޔެއް ދިއްކުރެވުނަސް އެވެ. ޢާއިޝާ ވިދާޅުވިއެވެ: ”އަންހެނެއްގެ އަތް ނަބިއްޔު ﷺ (ވައްކަމުގެ ހައްދުގައި) ކެނޑުއްވިއެވެ. އޭގެ ފަހުން އެކަނބުލޭގެ ތިމަންކަމަނާ ގާތަށް ވަޑައިގަންނަވައެވެ. އަދި ތިމަންކަމަނާ އެކަނބުލޭގެ ދަންނަވާ އެކިއެކި ޙާއްޖަތްތައް ނަބިއްޔު ﷺ އަށް ފޯރުކޮށްދެމެވެ. އެކަނބުލޭގެ ތަޥްބާވެ އެތަޥްބާ ހެޔޮކުރިތެވެ.“ މިއީ އައްޞަޙީޙް ގެ ރިވާޔަތެކެވެ. މިއާއި ޚިލާފަށް ހައްދަކާއި ހަމަޔަށް ވާޞިލުނުވެ އެހެނަސް ހިތްތައް ފާފައިގައި ފޯވެ އެއިން ކަމެއްގައި ދެވި ހިފާފައިވާ ކިތައް މީހުން ވޭ ހެއްޔެވެ؟ އަދި އެބައިމީހުންގެ ހިތްތައް ނުތަނަވަސްވެ އެއަށް އަޅުވެތިވެ އޮވެއެވެ. އަދި ނުބަޔާއި ފަސާދަ އޭގެ މައްޗަށް ފާވަމުން ދެއެވެ. ﷲ އަޅަމެން ރައްކައުތެރި ކުރައްވާށި، آمين.
Comments (0)
Be the first to comment.