އައްނަމީމާ އަކީ ކޮބާ؟
This article is available in Dhivehi only.
އައްނަމީމާ އަކީ ކޮބާ؟
ޝަރުޢީ އިޞްޠިލާޙުގައި އައްނަމީމާ ގެ މާނައިގައި ދެމާނައެއް އެކުލެވެއެވެ.
އޭގެ ތެރެއިން އެކައްޗަކީ ވަކި ޚާއްޞަ އެއްޗެކެވެ: އެއީ މީސްތަކުންގެ ބަސް އެއްބައެއް ފުށުން އަނެއް ބައެއް ގާތަށް، އެވެރިން މެދުގައި ފަސާދަ އުފެދޭނޭ މޭރުމުގައި ނަގުލުކުރުމެވެ.
އަނެއް ވައްތަރަކީ ޢާންމު އެއްޗެކެވެ: އެއީ: ”މީހަކު އެކަންތަކެއް ފާޅުވުމަށް ނަފުރަތު ކުރާ ކަމެއް އެމީހަކާއި މެދު ހާމަ ކުރުމެވެ. އެއީ އެވާހަކައަކުން ނުރުހުން އަންނަނީ އެވާހަކަގައިވާ ފަރާތް ކަމުގައިވިޔަސް، ނުވަތަ އެ އަޑު އަހާ ފަރާތް ކަމުގައި ވިޔަސް ނޫނީ ތިންވަނަ ފަރާތެއް ކަމުގައި ވިޔަސް އެވެ. އެކަމެއް ހާމަކުރެވުނީ ދެކެވޭ ވާހަކައަކުންވިޔަސް، ލިޔުމަކުން ވިޔަސް، ރަމުޒަކުން ވިޔަސް، ނުވަތަ އީމާއު — އެބަހީ އިޝާރާތަކުން — ވިޔަސް، އަދި އެ އުފުލެވޭ ވާހާކައަކީ ޢަމަލަކާއި މެދު ވިޔަސް، ވާހަކަ އަކާއި މެދު ވިޔަސް، އަދި އެއަކީ އެވާހަކައެއް އުފުލޭ މީހާ އާއި ބެހޭ ޢައިބެއް ނޫނީ އުނިކަމެއް ކަމުގައި ވިޔަސް، ނޫނީ އެނޫން މީހެއްގެ ކަމުގައި ވިޔަސް އެވެ. އެހެނީ ނަމީމާ ގެ ޙަޤީޤަތަކީ ސިއްރު ޙާމަކުރުމެވެ. އަދި އެމީހެއް އެކަމަކަށް ނުރުހުންތެރިވާ ކަމެއްގެ ފަރުދާ ކަޝްފު ކުރުމެވެ. މިހެންކަމުން މީސްތަކުންގެ ކަންތައްތަކުން އަހަރެމެންނަށް ފެންނަ އެންމެހާ ކަމަކާއިމެދު އަހަރެމެންނަށް ވަނީ ހަނުތިބުމެވެ.“⁽¹⁾
އަދި ނަމީމާ ގެ މި ޚާއްޞަ އަދި ޢާންމު މާނައިގެ ދަށަށް އިޞްލާޙު އަށްޓަކައި ބަހެއް ނޫނީ ވާހަކައެއް ދެއްކުން ނުވަދެއެވެ. އެއީ މިޘާލަކަށް ދެފަރުދެއް ދެމެދު (ގުޅުން) ގާތް ކުރުވުމުގެ ގޮތުންނެވެ. އަދި މިޘާލަކަށް އެހެން މީހެއްގެ މުދަލުން ވައްކަން ކުރާތަން، ނޫނީ ކެހިވެރިކަމާއިއެކު ނިގުޅާތީ ފެނިއްޖެ މީހާ، ހެކިވެރިއެއްގެ ހައިސިއްޔަތުން އެކަމަށް ހެކިދިނުމެވެ... އަދި ޙަދީޘުން އިތުރުއެކަލޭގެފާނުން ﷺ ގެ ބަސްފުޅެއްގައި ވެއެވެ: "ليس الكذاب من أصلح بين الناس، فقال خيرا، أو نمى خيرا" "މީސްތަކުންގެ މެދުގައި އިޞްލާޙު ކުރާ މީހަކީ ދޮގުވެރިއެއް ނޫނެވެ. އެގޮތުން އޭނާ ހެޔޮބަހެއް ބުނެއެވެ. ނުވަތަ (މީހަކާއި މެދު) ހެޔޮ ބަހެއް (އަނެކާއަށް) އުފުލައެވެ."⁽²⁾
މި ތަޢުރީފުގެ މައްޗަށް، ނަމީމާ އާއި ޣީބާ އާއި ދެމެދު ވާ ފަރަޤަކީ ޢާންމު އެއްޗަކާއި ޚާއްޞަ މުޠްލަޤު އެއްޗެއްގެ ފަރަޤެވެ. އެބަހީ، ކޮންމެ ނަމީމާ އަކީ ޣީބަ އެކެވެ. އަދި އެހެނަސް ކޮންމެ ޣީބަ އަކީ ނަމީމާ އެއް ނޫނެވެ. ފަހެ މީހަކު އަނެކާއާއިމެދު އެމީހާ ނުރުހޭ ކަމެއް ޛިކުރު ކުރާނަމަ، އަދި އޭގެން އޭނާ އާއި އެހެން އެއްވެސް މިހަކާއި ފަސާދައެއް ނުއުފެދޭ ނަމަ، އެއީ ޣީބައެވެ. އަދި އަނެކާއާއިމެދު އޭނާ ނުރުހޭ އަދި އެކަމުގެ ސަބަބުން ފަސާދަ އުފެދޭ ކަމެއް ނަމަ، އެއީ ޣީބައެވެ. އަދި އެއާއި އެކު ނަމީމާ އެވެ.
— މަޞްދަރު: ދަޢުވަތުގެ މަގުގައި ވާ ބަލިތައް: (24) އައްނަމީމާ، އުސްތާޛް ޝަރީފް ޢަބްދުލް ޢަޒީޒް (ބައްލަވާ)
~ ގަލަންދާނު
______________
[1] މި މާނަ ނަޤުލު ކުރައްވާފައިވަނީ އިބްނު ޙަޖަރު އަލްޙައިޘަމީ "އައްޒަވާޖިރު" ގައެވެ. އަދި ނިޞްބަތް ކުރެއްވީ "އަލްއިޙްޔާ" އަށެވެ.
[2] ބައްލަވާ އައްތިރުމިޛީ 1938، އަދި ވެސް ބައްލަވާ އަލްބުޚާރީ އާއި މުސްލިމް (ރިޔާޟް އައްޞާލިޙީން 249)
Comments (0)
Be the first to comment.