އިލްޙާދް | ilḥād •
This article is available in Dhivehi only.
• އިލްޙާދް | ilḥād •
ބުއްދިއަށް އެބަ އާދެޔޭ ދުނިޔެއަށް ފާޑެއް ކިޔަން
ކީއްވެގެންބާއޭ ހިތާ އޭގެ އަހުލުން މިއުޅެނީ
ބިންމަތީ ހުރެ ހުއްޓިގެން ވެލި ފުކުފުކުން އެއްބައިވެފައި
ނޫއުޑެއް މާއުހުގަވޭ ލުއިހުދުވިލާގެ ފުރާޅަކާ
ރޯޅިވައި ޖެހެމުންދެޔޭ
ކާކުބާއޭ ޖައްސަނީ
ރޯޅިވައި ޖެހެމުންދެޔޭ
ހީބިހި ނަގާހެ ދަރިޔާ
ހައިވެ މީހާ ހާންތިވީހިނދު ބިންގަނޑޭވީ މަރުވެފައި
ފެންތިކިތަކެއް ވިއްސަންފެށީ ލުއިހުދު ވިލާ ކަޅުކުލައަރާ
ވެލިފުކުފުކުން އެއްބައިވެފައިވީ ބިންގަނޑުން ގަސްތައްފަޅާ
އެކިކުލައިގެ މޭވާތަކާ ތަރުކާރިއާ އޭގެން ނިކުތްއިރު
ރޯޅިވައި ޖެހެމުންދެޔޭ
ކީއްވެގެންބާއޭ އެއީ
ރޯޅިވައި ޖެހެމުންދެޔޭ
ބަނޑުހައިނުވޭހެ ދަރިޔާ
ރޭވުމެއްކަންމީ އިނގޭ އެންމެނަށްވެސް ހިތުއަޑިން
ހުރިހާކަމެއް ގުޅި ލާމެހޭ ތަރުތީބަކުން ނިކަން ފުޅާ
ފިތްކަނޑައިގެންދޭ ބިރުން ހައިބަތާއި މެދު ވިސްނުމުން
ކޮންފަދަ އަޖައިބެއްބާމިއީ ނެތުމުގެ ތެރެއިން މިވުޖޫދުވުން
ކޮންފަދަ ވަޑައިމެއްބާމިއީ ނެތުމުގެ ތެރެއިން ވުޖޫދުވުން
ބުއްދިއަށް އެބަ އާދެޔޭ ދުނިޔެއަށް ފާޑެއް ކިޔަން
ކީއްވެގެންބާއޭ ހިތާ އޭގެ އަހުލުން މިއުޅެނީ
ރޯޅިވައިގައިވީ ތެތްކަމެއްވެސް ބުއްދިއެއްގައި ނެތްކަމުން
ރައްބުއޮޅިގެންދާ އަޅާ ވަޅުލާނެފަސް ވެލިފުކުފުކުން
ރޯޅިވައި ޖެހެމުންދެޔޭ
ކާކުބާއޭ ޖައްސަނީ
ރޯޅިވައި ޖެހެމުންދެޔޭ
ބިރުހީނުވޭހެ ދަރިޔާ
— އަބޫ ނޫޙް (އަލްނުޞްރަވީ)
~ ގަލަންދާނު
Comments (0)
Be the first to comment.