ހަމަކަށަވަރުން ނޭގުމުގެ ޝިފާ އަކީ ސުވާލެވެ.}
This article is available in Dhivehi only.
{ހަމަކަށަވަރުން ނޭގުމުގެ ޝިފާ އަކީ ސުވާލެވެ.}
އަހަރެމެން އަބަދުވެސް މިބަޔާން ކުރަނީ ﷲ تعالى އާއިމެދު ނޭގިތިބެ ވާހަކަ ނުދައްކާން. އެބަހީ މިދީނާއިމެދު. އަދި މިއީ އެންމެ ބޮޑުފަސާދަވަނިވި ފާފައިގެ ތެރެއިން ވާކަމެއް. މިކަމާއި މެދު ﷲ تعالى އަށް ބިރުވެތިވާންޖެހޭ. އަދި މިއީ ނައްސުން އެތައް އާޔަތަކުން ﷲ تعالى ވަޢީދު ލައްވާފައިވާ ކަމެއް.
وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ (22:8)
”އެއްވެސް علم އަކާނުލައި، އަދި އެއްވެސް ތެދުމަގެއް ލިބުމަކާނުލައި، އަދި އަލިކުރަނިވި ފޮތެއްވެސް ނެތި اللَّه އާމެދު جدل ކުރާމީހުން، މީސްތަކުންގެތެރެއިންވޭ“
އެހެންކަމުން އިންސާނާ ހަނުހުރެ މަރުވުންވެސް ﷲ އާއިމެދު ނޭގިހުރެ ބަސް ބުނުމަށްވުރެ ހެޔޮވެގެންވޭ. އެހެނީ ވަޢީދު އައިސްފައިވަނީ ﷲ އާއި މެދު ބަސްނުބުނެ ހަނު ހުރުމަކަށް ނޫން. އެހެނަސް ނޭގި ހުރެ ބަސްބުނުމުގެ މައްޗަށް.
ޝެއިޚް ޢަބްދުލް ޙަފީޡް رحمه الله އަހަރެން ގާތު ވިދާޅުވި: "ޢިލްމަކީ ކަނޑެއްފަދަ އެއްޗެއް. އެއަށް މީހާ ފައިބާއިރު އޭގެފުންކަމެއް ނޭގޭ. ތިލަ އެއްޗެއް. އެހެނަސް އޭގެ ތެރެއަށް މީހާ ވަންނަވަރަކަށް އޭގެފުންކަން (ތިމާއަށް ނޭގޭ މިންވަރު) އެނގިގެންދޭ."
އެއަށްފަހު ބުނަން:
ތަކްފީރާއި އިކްރާހަކީ އިސްލާމްދީނުގެ އަސްލެއް ނޫން. މިކަންކަމަކީ މަންތިގު (ބުއްދީގެ ދަލީލާއި ރައުޔުތައް) ގެނެސްގެން އޭގެ ހުކުމެއް ނެރެވޭ އެއްޗެއްނޫން. އަދި މިފަދައިން ދެކޭ މީހަކީ ޖާހިލެއް. ދީނުގެ ފޮތެއް ދެފޮތެެއް ކިޔެވުމާއި އެކު ޢިލްމުވެރިން އޭނާގެ ކުރިން އެކަމަކަށް ވާހަކަދައްކަވާފައިނުވާ ފަދަ މައުލޫތަކަށް ފޮތް ތަކާއި ރިސާލަތްތައް ލިޔުމަކީ މުރައްކަބު ޖާހިލުންގެ ސިފަޔެއް. ޖާހިލަކީ އޭނާގެ ޖާހިލުކަން ވާކަން އެނގި އެހެންކަމުން ޢިލްމުވެރިންނަށް ތަގުލީދުކުރާމިހާ. އެބަހީ ﷲ އެންގެވިފަދައިން ނޭގޭނެމަ ޛިކުރުގެ އަހުލުން ކައިރިން އެކަންކަން ހޯދުން. އަދި އޭގެ މައްޗަށް ނިސްބަތްކޮށް ވާހަކަ ދެއްކުން. މިސާލަކަށް މިވެނި މައުލޫއެއްގައި ޢިލްމުވެރިން ވިދާޅުވަނީ މިހެން ކަމަށްބުނުން. އަދި އޭނާ އަށް، މައްސަލައެއްގެ އެއްބައި ނޫނީ ފޮތެއް ނޫނީ އެއިން ތަންކޮޅެއް ކިޔައި އޭގެ މައްޗަށް ރައުޔު ނެރެ، އަނެކުން ފާސިޤުކުރުމެއްވެސް ނޫނީ ބިދުޢަވެރިކުރިމެއްވެސް ހުއްްދެވެގެން ނުވޭ. އެހެނީ މިއަކީ އިޖުތިހާދީ ކަންކަން ކަމުގައި ވެފައި އޭނާ އަށް އެކަމުގެ އެކަށީގެންވާ ޢިލްމުނެތިފައި އެޙާލަތުގައި އޭނާގެ މައްޗަށް ވަނީ އެކަމުގައި ޢިލްމުވެރިންނަށް ތަބައުވުން ކަމުގައި ވުމުން. އަދި އަނެކުންގެ ހުއްޖަތާއި ދަލީލާއި ނުދަނެ ހުރެ އެކުއްވެރިކޮށް ނޫނީ ފާސިގުކޮށް ހުކުމް ކަނޑައެޅުމަކީ އަނިޔާއެއް.
އަދި ދެގޮތުންކުރެ އެއްގޮތަކީ ރަނގަޅުގޮތްކަމުގައި ވާ ހިނދުވެސް ދެފަރާތްވެސް އުޛުރުވެވޭ ހާލަތްވޭ. އެއީ އަސުރު ނަމާދު ބަނޫ ޤުރައިޟާ ގައި ކުރުމަށް އެންގެވުމާއި މެދު ޚިލާފުވި ޙާދިޘާގައިވާ ފަދައިން. އަދި ނަބިއްޔާ ﷺ ޞަޙާބީން ކުރެ ދެބައިގަނޑަށްވެސް އެކަމުގައި ފާޑުވިދާޅުވެ ނުލައްވާ.
ބަޔެއް މީހުން ގިނަ ފަހަރަށް ފިޤުހު ތެރެއަށް ވަންނަނީ ކުރު ޝަރަހަޔެއް ކިޔާލެވުމުން. ދެން ް އޭނާއަށް އެއިން އެނގުނު ދަލީލާއި ޚިލާފަށް އިހުގެ ޢިލްމުގެ ބޮޑުން އަދި ފިޤުހާއި ޙަދީޘްގެ މުންނާރުތައް ވާތަން ފެނިއްޖެތަ، އެބޭފުޅުން ކުށްވެރިކޮށް އިނގިލިދިއްކުރޭ.
މިފަދަ މީހުންނާއި ދިމާލަށް ބުނެވުންވަނީ، ތާބިޢީ، އަބޫ ސަލަމާއަށް ބުނެވުނު ބަސް. އެއީ ހިތާނުކުރެވިފައިވާ ދެގުނަވަން (ހަދީޘްގައިވާ އޮތް ބަސްފުޅު އޮތީ އެހެން) ޖެހިއްޖެ ނަމަ ހިނައިގަންނަށް ނުޖެހޭކަމަށް ދައުވާކޮށް، އަދި އެހިނދުގައި ހިނައިގަތުންވަނީ ˺ހަމައެކަނި˹ މަނިބޭރުވުމުން ކަމަށް އަބޫ ސަލަމާ ވަކާލާތުކޮށް، އިބްނު ޢައްބާސް އާއިވެސް ޖަދަލުކުރުމުން. ("މުވައްތައު" ގައި ރިވާވެފައިވާ ފަދައިން އުއްމުލް މުއުމިނީން ޢާއިޝާ ފަރާތުން) އެހިނދު އޭނާ އަށް ވިދާޅުވި ބަސްފުޅެވެ:
"އޭ އަބޫ ސަލަމާ! ތިބާގެ މިސާލަކީ ކޮބައިކަން އެނގޭތަ؟ އެއީ ފިޔޮކެއްގެ މިސާލު، ހާ ގޮވާއަޑު އެއަށް އިވުމުން، އޭގެ ފަހަތުން އެސޮރު ގޮވާ"
އެބަހީ ތިބާ އިބްނު ޢައްބާސް ގެ ދަރަޖައަށް ނުދެއޭ، އެހެނަސް އެކަލޭގެފާނާއި ޖަދަލުކުރެއޭ. ﷲ އަބޫ ސަލަމާއަށަ ރަހުމަތްލައްވާށި.
Comments (0)
Be the first to comment.