أزهدُ الناسِ في العالِم أهله وجيرانه
This article is available in Dhivehi only.
①
أزهدُ الناسِ في العالِم أهله وجيرانه
”މީސްތަކުންގެ ތެރެއިން، ޢިލްމުވެރިޔާގެ ޢިލްމަށް އެންމެ ބޭނުން ކުޑަ ވެގެން ވަނީ، އޭނާގެ އަމިއްލަ އަހުލުންނާއި އޭނާގެ އަވައްޓެރިން ނެވެ.“
ޝެއިޚް ޢަބްދުލް ކަރީމް އަލްޚުޟައިރު ވިދާޅުވިއެވެ:
”ޢިލްމުވެރިންގެ ނަސަބުގެ ތެރެއިން ތިން ޖީލު ފެނުން ވަރަށް މަދެވެ. އެއީ ޢިލްމުވެރިން ރިވާޔަތެއްގައި މީހެއް އޭނާ ބައްޕަފުށުންް ކާފަފުށުން ރިވާކުރާކަމަށް ޛިކުރު ކުރުން ފަދައެވެ. އާއެކެވެ. މިކަން ވަރަށް މަދެވެ. އަދިކިއެއްހެއްޔެވެ؟ ނާދިރުކަމެކެވެެ. އިންތިހާ ނާދިރުކަމެކެވެ. އެހެނީ މި ޢިލްްމުވެރިޔަކީ އޭނާ ގާތަށް މީސްތަކުން ގިނަގުނައިން އެއްވެ އޭނާ ގާތަށް އައުމަށް ޖަމަލުތައް ބަނދެ އޭނާ އާއި ބައްދަލުވުމަށް، އަދި އޭނާ ފުށުން ފައިދާ ހޯދުމަށް ބުރަދަތުރު ކުރާ ފަރާތެކެވެ.
އެހެނަސް އޭނާގެ ⌝ޢިލްމުގެ⌜ ބޭނުން، މީސްތަކުންގެ ތެރެއިން އެންމެ ކުޑަވެގެންވާނީ އޭނާގެ އަހުލުންނާއި އޭނާގެ އަވައްޓެރީންކަމުގައި ވާތަން ތިބާ އަށް ފެންނާނެތެވެ. އަދި މިއީ އިލާހީ ޙިކުމަތެކެވެ. އެއީ އެމީހެއްގެ ދަރިވަރު ކަމުގައި އޭނާގެ ބައެއް ދަރިންނާއި ޚާންދާނު ޢިލްމުވެރިކޮށްފައިވާ ޢިލްމުވެރިޔަކު، އެވެރިން އެމަންޒިލަށް ފޯރާފައިވަނީ އޭނާގެ އަމިއްލަ ޢިލްމާއި ފަޟުލުގެ ސަބަބުންކަމުގައި ނުބުނެވުމަށްޓަކައެވެ. މިފަދަ ތަޞައްވަރާއި ތުހުމަތު ކަަނޑުވާލުމަށްޓަކައެވެ. މިހެންކަަމުން ބައެއް ނަބިއްޔުންގެ ދަރީން ގެ ތެރެއިން، އަދިކިއެއްތަ؟ ބައެއް އަނބީންގެ ތެރެއިން މަގުފުރެދިގެންވާ މީހުން ވިއެވެ - نسأل الله السلامة والعافية. ފަހެ ހިދާޔަތް ދެއްވަވާ ފަރާތަކީ، އެއީ ﷲ - جل وجلاله އެވެ. {إِنَّكَ لَا تَهۡدِى مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِى مَن يَشَآءُۚ} — (سورة القصص 56) «ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ.»
މީގެ އިތުރުން، ދަރިފުޅު އޭނާގެ ބައްޕަ ފުށުން ⌝ޢިލްމު⌜ ހޯދުމަށް ހުރަސް އަޅާ ސަބަބަކީ، އެކި ގޮތްތަކަށް އޭނާއަށް ބައްޕަ ފެނުމެވެ. ބައެއް ފަހަރު މުނާސަބު ގޮތެއްގައެވެ. ބައެއްފަހަރު ޖެހިލުންވާ ގޮތެއްގައެވެ. އެހެނީ އޭނާ އާއި އޭނާގެ ދަރިންނާއި ދެމެދު ރަސްމީކަމެއް ނުވެއެވެ. ވީމާ ދަރިން ބައްޕަ ދެކޭ ގޮތާއި މީސްތަކުން އޭނާ ދެކޭގޮތް ތަފާތުވެގެން ވެއެވެ. އަދި ހަމައެފަދައިން އޭނާގެ އަވައްޓެރިން ވެސް އެެވެ. އަދި އެވެރިން އޭނާއާއި ދިމާވެ ބައްދަލުވެ އެއްވުން ގިނަވުމުންނެވެ. އަދި މިއީ އިހުޒަމާނުގައެވެ. ފަހެ މިޒަމާނުގައި، އަވަށްޓެރިޔާ މިސްކިތުން ފެނިއްޖެއްޔާވެސް އެއީ ހެވެއް އަދި ބަރަކާތެކެވެ. އެހެނަސް މިރަސްމީކަން ގިނަގުނައިން އެއްވެއުޅުމުން ކެނޑިދެއެވެ. ވީމާ ހަމައެކަނި ދަރުސްތަކުގެ މަޖިލިސްތަކުން ހައިބަތު ބޮޑުކޮށް ފެންނަ މީހެއް ޤަދަރުވެރި ވާ ގޮތާއި އެއްފަދައިން ޤަދަރުވެރިވުން ނުވެއެވެ. والله المستعان.“ — اهـ ⁽¹⁾
އަދިވެސް ވިދާޅުވިއެވެ: ”އަދި ބޮޑެތި ޢިލްމުވެރިން ގެ ދަރިން ތެރެއިންވެސް، އެކުދިން ފުށުގައި ހެޔޮވާނަމަ، އަދި ޢިލްމު ހޯދުމާއި އެއަށް ދަހިވެތިކަންވާނަމަ، އެހެން ޝެއިޚުންގެ ދަރުސްތަކަށް ޙާޟިރުވާތަން ތިބާއަށް ފެންނާނެއެވެ. އަދި ޝައްކެތްނެތް ގޮތުގައި މިއީ ހެވެކެވެ. އެހެނަސް އެވެރިންގެ ޢިލްމުވެރި ބައްޕައިންގެ ފުށުން އެވެރިން ބޭނުން މަދުވެފައިވާތީ ފެންނާނެއެވެ. އެހެނީ ”ޢިލްމުވެރިޔެއް ފުށުން، މީސްތަކުންގެ ތެރެއިން އެންމެ ބޭނުން ކުޑަވެގެންވަނީ އޭނާގެ އަހުލުންނާއި އޭނާގެ އަވައްޓެރީންނެވެ.“ މީގެ އެއް ސަބަބަކީ ހައިބަތާއި މަތިވެރިކަމާއި ޤަދަރުވެރިކަން، ނަފުސުގައި ފޯދެނީ (ލަދުރަކިކަމުގެ) ޖެހިލުންވުން ފުރިހަމަޔަށް އޮތުމުން ކަމަށްވާތީއެވެ. ވީމާ ދުރުގައިވާ ޢިލްމުވެރިޔަކަށް މި ޙިޝްމަތު ލިބިފައިވެއެވެ. އެބަހީ އޭނާގާތުގައި ގާތްކަން ބޮޑީ ގިނައިން ހަނުތިބުމެވެ. އަދި އޭނާގެ ފުށުގައި (ޢައިބުތަކުން ފޮރުވެވިނިވި) ކާމިލު ލިބާސް ވެއެވެ. މިއާ ޚިލާފަށް ޢިލްމުވެރިޔާ ބައްޕަ، ދަރިފުޅަށް ތަފާތު އެކި ގޮތްތަކުގައި ފެނި ބައްދަލުވެއެވެ. އޭގައި މި ޙުޝްމަތު ނެތިދާ ކަންކަންވެސް ވެއެވެ. ..ބައެއްފަހަރު އޭނާ ގަމީސް ނުލައި އޭނާގެ އަނބި ދަރިން ތެރޭ ހުރެދާނެއެވެ. އަދި ޝައްކަތްނެތް ގޮތުން މިފަދަ ޙާލަތްތަކީ ނަފްސުތައް ކުރިމަތީ ހައިބަތު ދަށްވާ ކަމެކެވެ. ހަމަ މިއާއިއެކު، އެވެރިންނާއި އެކު ގިނަވަޤުތު ހޭދަވުމާއި އުޅުމަކީ އެކަން ކަނޑުވާ ސަބަބުތަކެވެ. (ނުބައި ސިފައެއް ނޫނެވެ. ޠަބީޢަތެއް ކަމެވެ.)... މިހެންކަަމުން އޭނާގެ ޢާލިމު ބައްޕަ ނޫނީ އަޚު އަށް ވުރެ އެނޫން ޢިލްމުވެރިންނާއި ގުޅުންވާތީ ތިބާއަށް ފެންނާނެތެެވެ.“
~ ގަލަންދާނު
---------------------
[1] عبد الكريم الخضير، شرح كتاب العلم لأبي خيثمة (زهير بن حرب النسائي) (ص. 5)
Comments (0)
Be the first to comment.