بسم الله الرحمن الرحيم
This article is available in Dhivehi only.
بسم الله الرحمن الرحيم
• الإخلاص المعوذتين އާއި الفاتحة ސޫރަތުގެ މަތިވެރިކަމާމެދު ނަޒަރެއް •
— ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ رحمه الله ގެ މަޖްމޫޢު އަލްފަތާވާ 17 ވަނަ ޖުޒުޢު އިން ނެގިފައި.
_____
الحمد لله.
(قُل هو اللّه أحد) ގެ ފަޟުލު އާއި މެދު އައްޞަޙީޙުގެ ބޭފުޅުން، އޭގެ ތެރެއިން، އަލްބުޚާރީއާއި މުސްލިމްވެސް ރިވާކުރައްވާފައެވެ. އައްދާރުޤުތުނީ ވިދާޅުވިއެވެ: "މި (ސޫރަތުގެ) ފަޟުލާއި ބެހޭގޮތުން ވާރިދުވެފައިވާ ގިނަ މިންވަރަށް، އެހެން އެއްވެސް ސޫރަތަކާއި ބެހޭގޮތުން ޞައްޙަގޮތުގައި ވާރިދުވެފައިނުވެއެވެ.“ ހަމަ އެފަދައިން (فاتحة الكتاب) ގެ ފަޟުލުވަންތަކަމާއި މެދު އެބޭކަލުން ރިވާކުރައްވާފައިވެއެވެ. އޭގައި އިތުރު އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ: "އެ އިލާހު އައްތަޥްރާތަކުވެސް، އަލްއިންޖީލަޖުވެސް އަދި القرآن އަކުވެސް އެފަދަ އެހެން އެއްޗެއް (އެބަހީ: އަލްފާތިޙާ ފަދަ ސޫރަތެއް) ބާވާލައްވާފައި ނުވެއެވެ." އެހެނަސް މީގައި (قل هو اللّه أحد) ފަދައިން ޤުރުއާނުގެ އެއްބަޔާއި އެއްފަދަވެގެންވާ ކަމަކަށް ޙަދީޘެއް ނުކުރައްވައެވެ. (قل هو اللّه أحد) އާއިމެދު ޙަދީޘް ކުރެއްވިއެވެ: "إنها تعدل ثلث القرآن (ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާއި އެއްވަރެވެ)". މިގޮތުން البخاري ގެ ޞަޙީޙްގައި ރިވާކުރެއްވިއެވެ. އައްޟައްޙާކް އަލްމަޝްރިޤީގެ އަރިހުން އަބޫ ސަޢީދު އަލް ޙުދުރީ ވިދާޅުވިއޭ، ﷲ ގެ ރަސޫލު صلى الله عليه وسلم އެކަލޭގެފާނުގެ އަސްޙާބުންނަށް ޙަދީޘްކުރެއްވިއެވެ: ”ރެޔެއްގެތެރޭގައި ޤުރުއާނުގެ ⅓ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކިޔުމަށް ކުޅަދާނަވެގެން ވޭހެއްޔެވެ؟“ އެބޭކަލުން އެކަމަށްއެދި ދަންނަވައިފިއެވެ: ”އޭ ﷲ ގެ ރަސޫލާއެވެ. ތިކަން ކުރެވޭނީ ކިހިނަކުންތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ”الله الواحد الصمد އަކީ އަލްޤުރުއާނުގެ ⅓ އެވެ.“ އަދި މުސްލިމް އެކަލޭގެފާނުގެ އައްޞަޙީޙްގައި މިޢްދާނު ބުނު އަބީ ޠަލްޙާ އަރިހުން އަބުއް ދަރުދާއު އަރިހުން، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިޔޭ: ”ޤުރުއާނުގެ ⅓ ރޭގަނޑުގައި ކިޔެވުމަށް ތިޔަބައިމީހުންކުރެ އެއްވެސް މީހަކަށް ކުޅަދާނަވެގެން ވޭހެއްޔެވެ؟“ ދަންނަވައިފޫއެވެ: ”ފަހެ ޤުރުއާނުގެ ⅓ ކިޔަވާނީ ކިހިނަކުންތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: "”قل هو اللّه أحد ޤުރުއާނުގެ ⅓ އާއި އެއްވަރެވެ.“
އަދިވެސް މުސްލިމް ރިވާކުރެއްވިއެވެ: އަބުއް ދަރުދާއު އަރިހުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ، ”ހަމަކަށަވަރުން ﷲ ޤުރުއާން 3 ބަޔަކަށް ބެއްސެވިއެވެ. އަދި ފަހެ قل هو اللّه أحد އީ ޤުރުއާނުގެ ބައިތަކުގެ ތެރެއިން އެއްބައި ކަމުގައި ލެއްވިއެވެ.“ އަދި ޞަޙީޙް އަލްބުޚާރީގައި ، އަބޫ ސަޢީދު އަރިހުން މީހަކު އެހެން ބޭކަލެއް (قل هو اللّه أحد) ތަކުރާރުކޮށް ކިޔުއްވާތީ އަޑު އެއްސެވިއޭ އެވެ. ދެން ދުވާލުވުމުން ނަބިއްޔާ صلى الله عليه وسلم އަރިހަށް ވަޑައިގެން މިވާހަކަ ޛިކުރުކޮށް ދަންނަވައިފިއެވެ. އެހެންކަމުން ﷲ ގެ ރަސޫލު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ”އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ ފަރާތް ގަންދީ ވިދާޅުވަމެވެ. އެ (ސޫރަތް) ޤުރުއާނުގެ ⅓ އާއި އެއްވަރެވެ.“ އަދިވެސް (އެހެން ރިވާޔަތެއްގައި) އަބޫ ސަޢީދު އަރިހުން، އައިސްފާވެއެވެ: އަހަރެންގެ އަޚާ، ޤަތާދާ ބިން އައްނުޢުމާން އަހަންނަށް ޚަބަރު ދިނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މީހަކު ދަމުނަމާދުގަައި قل هو اللّه أحد —އިތުރު ސޫރަތެއް ނުކިޔުއްވައި— ކިޔެވިއެވެ.....“ —މި ޙަދީޘް އޭގެ ނިމުމާއި ހަމައަށް، ކުރީގެ ޙަދީޘާއި އެއްފަދައިންނެވެ.
(ނުނިމޭ)
1/
#Tafsir_ibnTaymiyyah
Comments (0)
Be the first to comment.