ފައިދާއެއް: ރައްބުވަންތަ އިލާހު އެއިލާހުގެ ޒާތުފުޅަށް ސިފަކުރައްވާފައިވާ ކޮންމެ ސިފަފުޅަކީ އެއިލާހަށް ޚާއްސަކުރެވިފައިވާ ސިފަފުޅެކެވެ.…
This article is available in Dhivehi only.
ފައިދާއެއް: ރައްބުވަންތަ އިލާހު އެއިލާހުގެ ޒާތުފުޅަށް ސިފަކުރައްވާފައިވާ ކޮންމެ ސިފަފުޅަކީ އެއިލާހަށް ޚާއްސަކުރެވިފައިވާ ސިފަފުޅެކެވެ. އޭގައި އެހެން އެއްވެސް ފަރާތެއް ޝަރީކުކުރުން (ބައިވެރިކުރުން) ނޫނީ އަޅައިކިއުން މަނާވެގެންވެއެވެ. އެހެނީ ހަމަކަށަވަރުން އެއިލާހުގެ ޒާތުފުޅު މުޤައްދަސް (ހުސްތޯހިރުވަންތަ) ވެގެންވެއެވެ. އެއްވެސް މިންވަރެއް އެހެން އެއްވެސް ޒާތަކާއި މިޘާލު ނުކުރެވޭނެއެވެ.
އަދި އެއިލާހުގެ ސިފަފުޅުތަކަކީ އެއިލާހަށް ޚާއްސަ ސިފަފުޅުތަކެކެވެ. އެހެންކަމުން އެއިލާހުގެ އެއްވެސް ސިފަފުޅެއް މިޘާލުކުރުން (އެބަހީ އަޅައިކިއުން) އެއްވެސް މިންވަރަކަށް ނުވެއެވެ. އަދި ކިއެއްހެއްޔެވެ. އެއިލާހުއަކީ ހުސްތޯހިރުވަންތަ أحد ، صمد ، {لم يلد ولم يولد} {ولم يكن له كفوًا أحد} އެވެ.
«الأحد» މި އިސްމުފުޅުން ދަލީލުކުރަނީ އެއްވެސް ބައިވެރިއެއް (ޝަރީކެއް) މިޘާލުވެވޭނެ ފަރާތެއް (އަޅައިކިޔޭނެ ފަރާތެއް) ނުވާކަމެވެ. އަދި «الصمد» އިން ދަލީލުވަނީ އެންމެހާ ކާމިލު ސިފަފުޅުތަކެއް އެއިލާހަށް ހައްޤުވެގެންވާކަމެވެ. (ކާމިލު އަކީ އެއަށް އިތުރު ފުރިހަމަކަމެއް ނުވާ އެންމެ ފުރިހަމައެވެ) އެއީ މިސޫރަތުގެ ތަފްސީރުގައި الشرح الكبير ގައި ބަޔާންވެފައިވާ ފަދައިންނެވެ. އަދި އެންމެހާ ތަންޒީހީ (ޢައިބުތައް ނަފީ ކުރުމުގެ) ސިފަފުޅުތައް، އަދިކިއެއްތަ؟ ތަޘްބީތީ (އެސިފަތައް ވާކަން އެންގެވިފައިވާ) ސިފަތަކެއް ގައިވެސް، މިދެމާނަ (އެބަހީ: އަޙަދް އާއި ޞަމަދް) ވަނީ ޖަމަޢަވެފައެވެ.
އަދި ކުރިންވެސް ބަޔާންވެފައިވާ ފަދައިން ތަޥްޙީދު މިއީ ދެބާވަތަކަށްވާ އެއްޗެކެވެ: ޤަޥްލީ ޢިލްމީ އަދި ޤަޞްދީ ޢަމަލީ އާއިއެވެ.⁽¹⁾ އެހެންކަމުން «قل يا أيها الكافرون» ގައި އެކުލެވިފައިވަނީ އައްތަޥްޙީދުލް ޢަމަލީ ގެ ނައްސެވެ. އެއިން ޢިލްމީ ތަޥްޙީދުގައި ހިފުން ވަރުގަދަކުރެއެވެ. އަދި «قل هو الله أحد» ގައި އެކުލެވިފައިވަނީ އައްތަޥްޙީދުލް ޤަޥްލީ ގެ މައްޗަށްވާ ނައްސެވެ. އެއިން އެއިން ތަޥްޙީދުލް ޢަމަލީގައި ހިފުން ވަރުގަދަކުރެއެވެ..
މިހެންކަމުން، ނަބިއްޔު صلى الله عليه وسلم ފަތިސްނަމާދުގެ (އިހުސުންނަތް) ދެރަކުއަތުގައި މި ދެސޫރަތް ކިޔަވާ ވިދާޅުވިއެވެ. އަދި ޠަވާފުގެ ދެރަކުއަތާއި މިނޫން (ނަމާދު) ތަކުގައިވެސްމެއެވެ. އަދި ސާބިތުވެގެންވާ ގޮތުގައި ފަތިސްނަމާދުގެ ރަކުއަތުގައި البقرة ސޫރަތުގައިވާ «قُولُوا آمَنَّا بِاللَّهِ..» ކިޔާވާ ވިދާޅުވިއެވެ. އެއީ ފުރަތަމަ ރަކުއަތުގައެވެ. އަދި آل عمران ސޫރަތުގައިވާ އިސްލާމްކަމުގެ އާޔަތް «قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ...» (ފަހުރަކުއަތުގައި) ކިޔަވާ ވިދާޅުވިއެވެ.
— މަޖުމޫޢު އަލްފަތާވާ 17 ޖ107 ޞ - 108
[އިބްނުލް ޤައްޔިމުގެ ބަސްކޮޅެއްގައި الكافرون ސޫރަތަކީ ބަރީޢަ އިޢުލާންކުރުމުގެ ސޫރަތެއްކަމަށް ފާހަގަކުރައްވައި ފަތިސްނަމާދުގެ އިހުސުންނަތުގެ ފުރަތަމަ ރަކުޢަތާއި ރޭނގަޑު ނިދުމުގެކުރިން⁽²⁾ ކިޔާ އެންމެ ފަހު އެއްޗަކަށް މިސޫރަތް ސުންނަތުން ސާބިތުވެފައިވުމުން، މިއީ އޭގެ މަތީ އަހަރުމެން ނިދައި އޭގެ މައްޗަށް އަހަރުމެން ދުވާލުވާ ޢަޤީދާކަމަށް ބަޔާންކުރެއްވިއެވެ.ނުވަތަ މި ބީދައިންނެވެ. والله أعلم]
____
[1] މީގެ ތަފްޞީލަށް މިޕޯސްޓް ބައްލަވާ.
[2] ރޭނގަޑު ނިދުމުގެ ކުރިން މި ސޫރަތް ކިޔެވުމަށް ވާ ރިވާޔަތުގައި ބަލިކަށިކަމެއް ވާކަމުގައި އަހަރެމެން ފަހުން ބަޔާން ކޮށްފައިވާނެ (ބައްލަވާ)
10/
#Tafsir_ibnTaymiyyah
Comments (0)
Be the first to comment.