ފާފަތަކުން ހިތަށް އަޘަރު ފޯރުވައެވެ. ޝައްކެތް ނެތް ގޮތުގައި ހިތަށް އަޘަރު ކުރުމުގައި އޭގެ ތެރޭގައި ވާ އެއްޗަކަށް އަޘަރު ކުރުން ވާނެތެވެ.…
This article is available in Dhivehi only.
••
❞ ފާފަތަކުން ހިތަށް އަޘަރު ފޯރުވައެވެ. ޝައްކެތް ނެތް ގޮތުގައި ހިތަށް އަޘަރު ކުރުމުގައި އޭގެ ތެރޭގައި ވާ އެއްޗަކަށް އަޘަރު ކުރުން ވާނެތެވެ. އެހެނީ ހަމަކަށަވަރުން ހިތަކީ ކަންވާރެއް⁽¹⁾ ފަދަ އެއްޗެކެވެ. ވީމާ އެއަށް ކިރާއި ޒަހަރު އަޅައިފި ނަމަ، އެތަކެތި އެޅުނު މިންވަރެއްގެ މަތީން އެއަށް އަޘަރު ކުރެއެވެ. އަދި ފާފަތައް ފާގަތިކަން⁽²⁾ ކަނޑުވާލައެވެ. އެ އެކީއެއްކޮށް ކަނޑުވައި ނުލައިފި ހިނދަކުވެސް، ފަނޑުކޮށްލައި، އޭގެ ފޮނި ކަނޑުވާލައެވެ. އަދި ހަނދުމަނެތުން އަށަގަންނުވައެވެ. އަދި ޝަހުވަތުގެ ލައްޒަތްތަކުގެ ސަބަބުން މަދުވާ މަދުވުމަށް ހުށިޔާރުވެއްޖެ މީހާ، އޭގެ ނަތީޖާ ވަނީ ކިޔަމަންތެރި ވުމަށް (ބަދަލެއްގޮތުގައި) އާޚިރަތުގައިވާ ލައްޒަތުންނެވެ. އެއީ އޭގެ ލައްޒަތް ނުކެނޑި އޭގެ އަޖުރު އާޚިރަތުގައި ދެމިއޮންނަ އެއްޗެކެވެ. ﷲ تعالى ވަޙީ ކުރެއްވި އެވެ: ﴿إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ﴾ ”ހަމަކަށަވަރުން، ބަޔަކުމީހުންގެ [އީމާން ކަމުގެ] حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ [ނިޢުމަތުގެ] حالة ބަދަލެއް ނުކުރައްވާނެތެވެ.“ އަދި މިއީ، މީހެއްގެ މައްޗަށް ﷲ ލައްވާފައިވާ ނިޢުމަތެއް، އޭނާ އަރައިގަންނަ ފާފައެއްގެ ސަބަބުން ﷲ ބަދަލު ނުކުރައްވާކަމުގެ މައްޗަށް ވާ ޚަބަރެކެވެ. އަދި މިއީ، ފާފަތައް ނިޢްމަތްތައް ނެތިކޮށްލައި ޢުޤޫބާތް މެދުވެރިކުރުވާ ކަމުގެ މައްޗަށް ވާ ދަލީލެކެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު) މަޞްދަރު: فوائد منتقاة
~ ގަލަންދާނު
_____________
[1] ކަންވާރު : ނ. އެއްޗެހި އަޅާށާއި، ކައްކަން ގެންގުޅޭ ތަކެތި. މިސާލު: ތެލި، ދޮލަނގު، ރުނބާ ފަދަތަކެތި. (އަދި ފުޅި މަތިޖެހި ޕްލާސްޓިކް ފަދަ ކޮންޓެއިނަރސް) (ބައްލަވާ: ބަސްފޮތުގެ "ކާފު" ގެ ރަދީފް)
[2] ފާގަތިކަން: [ނިޢުމަތުގެ] 1 އުފާވެރިކަން. 2 ތަނަވަސްކަން. 3 ބާއްޖަވެރިކަން (ބައްލަވާ: ބަސްފޮތުގެ "ފާފު" ގެ ރަދީފް
Comments (0)
Be the first to comment.