ފައިދާއެއް — فَمَنِ اعْتَدَى عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَى عَلَيْكُمْ}. [الْبَقَرَةِ : 194 ]
This article is available in Dhivehi only.
➊
ފައިދާއެއް:
{فَمَنِ اعْتَدَى عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَى عَلَيْكُمْ}. [الْبَقَرَةِ : 194 ]
(ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ حملة ދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ حملة ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ حملة ދޭށެވެ!)
އަލްޤުރުޠުބީ ވިދާޅުވިއެވެ:
ހަތްވަނަ ނުކުތާ: މިއާޔަތުގެ އަޞްލަކީ ޤިޞާޞު ހިފުމުގައި އެއްވައްތަރު ކުރުމާއި މެދުގައި ކަމަށް، ޢިލްމުވެރިން ތެރޭގައި ޚިލާފެއް ނުވެއެވެ. އެހެންކަމުން ވަކި އެއްޗަކުން މަރައިފި ނަމަ، އެއާއި އެއްފަދަ އެއްޗަކުން އޭނާ މެރުމެވެ. އަދި މިއީ ޖުމްހޫރުން ގެ ޤަޥްލެވެ. އެއީ އެހެނަސް ފާސިޤު ގޮތެއްގައި ނުމަރާހާ ހިނދަކުއެވެ. މިޘާލަކަށް ލިވާތުކޮށްގެން (ރޭޕްކޮށްގެން ނޫނީ ފުރަގަސްފަރާތަށް އެއްޗެއް ހަރައިގެން) ނުވަތަ ކަރަށް ރާ އަޅައިގެން ނަމަ، އެފަދަ މީހާ ވަނީ ކަނޑިން ޖަހައި މެރުމެވެ. އަދި އެހެނަސް ޝާފިޢީން ގާތު ޤަޥްލެއް ވެއެވެ: އޭނާ އެއަކުން ހަމަ މެރުމެވެ. އެހެންކަމުން އެޔާއި އެއްކަހަލަ ދަނޑިބުރިޔެއް ނަގައި އޭނާގެ ފުރަގަސްފަރާތަށް މަރުވެއްޖެއުމާއި ހަމަޔަށް ވެއްދުމެވެ. އަދި ރަލަށް: މަރުވުމާއި ހަމަޔަށް އޭނާގެ އަރު ތެރެއަށް ފެން އަޅައި ބޯންދިނުމެވެ. އަދި އެހެނަސް އިބްނުލް މާޖިޝޫން ވިދާޅުވިއެވެ: "އަލިފާނުން ނޫނީ ޒަހަރުން މަރައިފި މީހެއް އެއިން ޤަތުލު ކުރުމެއް ނުވެއެވެ. އެއީ ނަބިއްޔު ﷺ މިޙަދީޘް ގެ މައްޗަށެވެ: «لا يعذب بالنار إلا الله» (އަލިފާނުން ޢަޛާބު ދިނުން، ﷲ އަށް މެނުވީ ނުވެއެވެ.)⁽¹⁾ އަދި ޒަހަރަކީ އެތެރެފުށުގެ އަލިފާނެވެ." އެހެނަސް ޖުމްހޫރުން ގެ ޤަޥްލަކީ އޭނާ ހަމަ އެއިން ޤަތުލު ކުޅައުމެވެ. އެއީ އާޔަތުގެ ޢާންމު މާނައިގެ ދަށުންނެވެ.
އަށެއް: ދެންފަހެ ލަޓިބުރިން ބަދަލުހިފުމާއި މެދު، ދެރިވާޔަތުން އެއްރިވާޔަތުގައި މާލިކު ވިދާޅުވަނީ: ފަހެ ދަނޑިގަނޑަކުން މެރުމަށް ގިނަވަގުތު ނަގައި އަނިޔާދެވޭނަމަ، ކަނޑިން ޤަތުލު ކުރާށެވެ." އެކަލޭގެފާނު އަރިހުން މިޤަޥްލު ރިވާކުރީ އިބްނު ވަހްބު އެވެ. އަދި އިބްނު ޤާސިމް އެވާހަކަ ނަންގެންނެވިއެވެ. އަދި އަނެއް ރިވާޔަތުގައި ވަނީ: އޭގައި އެކަން (އެބަހީ: ވަޤުތުލުމާއި އަނިޔާދެވުން) ވިޔަސް، ހަމަ އެއިން ޤަތުލު ކުޅައުމެވެ. އަދި މިއީ އައްޝާފިޢީ ގެ ޤަޥްލެވެ. އަދި މާލިކު ގެ އަރިހުން އަޝްހަބު އާއި އިބްނު ނާފިޢު، ގާގަނޑާއި ލަޓިބުރި އާއި މެދު ރިވާކުރެއްވިއެވެ: އެއީ ވަޤުތުން ޤަތުލުކުރެވޭ ހާލަތެއްނަމަ އެއިން ޤަތުލު ކުރުމެވެ. ދެންފަހެ އެތަކެއް ފަހަރު ޖަހައިގެން ނަމަ، ދެން ނޫނެކޭ އެވެ. މި ޤަޥްލުގެ މައްޗަށް، އެމީހަކަށް އެތަކެއް ތީރުން އަމާޒުކުރެވި، ނޫނީ ގާތަކަކުން ތަޅައި މެރުމެއް ވެސް ނުވެއެވެ. އެހެނީ އެއީ (ޤިޞާޞް އަށްޓަކައި) އަނިޔާ ދިނުން ކަމުގައިވާތީ އެވެ. އަދި މިއީ ޢަބްދުލް މަލިކުގެ ބުނުމެވެ. އިބްނުލް ޢަރަބީ ވިދާޅުވިއެވެ: "އަދި އަހަރެމެންގެ (މާލިކީންގެ) ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙައީ، އެއްވައްތަރުވުން ވާޖިބުކަމެވެ. އެއީ އެހެނަސް އޭގެ ތެރެއަށް (ކުދި) އަނިޔާދެވުން ވަދެއްޖެ ހިނދެއްގައި މެނުވީއެވެ. އެޙާލުގައި ކަނޑިން ޖެހުމަށް ރުޖޫޢަވާނީއެވެ." އަދި (މިއާއި އެކުވެސް) އަނިޔާދިނުމުގެ ޤަޞްދުގައި، މީހެއްގެ އަތް ބުރިކޮށްފި މީހާ ނޫނީ ފައި ނޫނީ ލޮލެއް އުފުރައިފި މީހާ، ފަހެ އޭނާގެ މައްޗަށް ހަމަ އެކަން ކުރުމަށް އަހަރެމެންގެ (އެބަހީ: މާލިކީންގެ) ޢިލްމުވެރިން ވަނީ އިއްތިފާޤުވެލައްވާފައެވެ. އެއީ ނަބިއްޔު ﷺ ޖަމަލު ހުއިހައްޕާ މީހާގެ ޤަތުލުގެ ހާދިސާގައި ކަންތައް ކުރެއްވި ފަދައިންނެވެ. އަދި (މިއާއި ޚިލާފަށް) އެކަމެއް ހިނގައިދިޔައީ އޭނާ (އަނިޔަލަށް ޤަސްތުނުކޮށް) ދިފާޢުވުމުގައި ނޫނީ އެތިފަހަރެއް ޖެހުމުގައި ނަމަ، އޭނާ ކަނޑިންޖަހައި މެރުމެވެ."
އަދި ބައިގަނޑެއް ވަނީ މިއެންމެހާ އެއްޗަކާއި އެކީ އެއްކޮށް ޚިލާފުވެފައެވެ. އެހެންކަމުން ބުނޫއެވެ: ކަނޑިން މެނުވީ ބަދަލުހިފުމެއް ނުވެއެވެ. މިއީ އަބޫ ޙަނީފާގެ މަޛުހަބެވެ. އަދި އައްޝަޢްބީ އާއި އައްނަޚަޢީ ގެ އެވެ. އަދި މިއަށް ދަލީލު ކަމުގައި ބޭނުން ކުރައްވަނީ، ނަބިއްޔު ﷺ އަރިހުން ރިވާވެފައިވާ ޙަދީޘް: لَا قَوَدَ إِلَّا بِحَدِيدَةٍ (ބަދަލު ހިފުމެއް، ކަނޑިން މެނުވީ ނުވެއެވެ.)⁽²⁾ އަދި އެއްފަދަ ކުރުން ނަހީކުރުމެވެ. އަދި އިތުރުއެކަލޭގެފާނުން ގެ ޙަދީޘް: لَا يُعَذِّبُ بِالنَّارِ إِلَّا رَبُّ النَّارِ (އަލިފާނުން ޢަޛާބު ދިނުމެއް، އަލިފާނުގެ ވެރި ރައްބަށް މެނުވީ ނުވެއެވެ.)⁽³⁾
__________
[1] މިލަފުޡު، އަލްބުޚާރީ 3016 ، އަޙްމަދު 8068 އަދި އެނޫން ބޭކަލުން ދިގު ޙަދީޘެއް ތެރޭގައި.
[2] ޟަޢީފު، އަލްޙާފިޡް އިބްނު ޙަޖަރު "އައްދިރާޔާ" (2/265) ގައި މިޙަދީޘް ގެ ރިވާޔަތް ތައް ގެންނަވައި ޟަޢީފުކުރައްވައި ވިދާޅުވިއެވެ: "އަލްބައިޙަޤީ ވިދާޅުވިއެވެ: މިބާބުގައި އައިސްފައިވާ އެންމެހާ ޙަދީޘެއް ޟަޢީފެވެ. އަދި އަލްޢަރަނިއްޔީން ގެ ވާހަކަ އައިސްފައިވާ (ޞަޙީޙް މުސްލިމް ގެ) އަނަސް ގެ ޙަދީޘް މިއާއި މުޑިއަރައެވެ."
[3] އަބޫ ދާވޫދު 2673
Comments (0)
Be the first to comment.