اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي
This article is available in Dhivehi only.
اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي
ހެނދުނާއި ހަވީރުގެ ދުޢާ ތަކުގެ ތެރޭ ހިމެނޭ މި ދުޢާގެ މާނަ
اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي
"ޔާ ﷲ، އަހަރެންގެ ޢައުރަތައް (عَوْرَاتِي) ފަރުދާ ކުރައްވާށި، އަދި ބިރުތައް (رَوْعَاتِي) އަމާން ކުރައްވާށި"
ޝެއިޚް ވަލީދް ބުނު ރާޝިދް އައްސަޢީދާން ވިދާޅުވިއެވެ: "އަޥްރާތު، އެއީ ޢަޥްރަ ގެ ޖަމްޢު އެވެ. އެއީ ޢައިބު ތަކާއި ކުށްތަކެވެ. އަދި އުނިކަމާއި އެކަންތަކެއްގައި ކަޝްފުވުމުން އިންސާނާއަށް ނުބައި ލިއްބައިދޭއެންމެހާކަމެކެވެ. އެހެންކަމުން ނަބިއްޔާ ﷺ ޙަދީޘްފުޅު اللَّهُمَّ اسْتُرْ عَوْرَاتِي ގެ މާނައީ، އެންމެހާޢައިބު ތަކާއި ކުށްތަކާއި، އުނިކަމާއި އެކަންތަކެއްގައި ކަޝްފުވުމުން އިންސާނާއަށް ނުބައި ލިއްބައިދޭއެންމެހާކަމަކުން އޭނާ ފަރުދާކޮށްދެއްވުމެވެ. އަދި މީގެ ތެރެއަށް އައުރަ ކަޝްފުވުމުން ރައްކައުތެރިކޮށްދެއްވުންވެސް ހިމެނެއެވެ. ފިރިހެނާގެ މައްޗަށް އެކަން ޙައްޤުވެގެންވަނީ ފޫޅާއި ކަކުލާއިދެމެދެވެ. އަދި އަންހެނާގެ މައްޗަށް މުޅި ހަށިގަނޑަކީ ޢަޥްރައެވެ. އެހެނަސް ނަމާދުގައި މޫނާއި ދެއަތްތިލަ ފިޔަވައެވެ. އަދި އަންހެންމީހާ މިދުޢާ އަށް ހުށިހާރުވެ، އަދި ވަކިން ޚާއްޞަކޮށް މިޒަމާނަކީ މުޅި ދުނިޔޭގައި އަންހެންވެރީންގެ ޢަޥްރަ ކަޝްފުކުރުން ޢާންމުވެފައިވާ ޒަމާނެއްކަމުން މިދުޢާއަށް ރައްކާތެރިވާންޖެހެއެވެ. އަދި މީގެ ތެރެއަށް އިންސާނާގެ މަހުރަމުން، އޭނާގެ ޢަޥްރައިގެ މާނައިގެ ތެރެއަށް ވަދެއެވެ. އެހެނީ އެމީހެއްގެ އަނބިމީހާއަކީ އޭނާގެ ޢަޥްރައިގެ ތެރޭގައިވާ މީހެކެވެ. އަދި އޭނާގެ އަންހެންދަރީންނަކީ އޭނާގެ ޢަޥްރައިގެ ތެރޭގައިވާ ބަޔެކެވެ. އެހެންކަމުން ތިމަންނަގެ ޢަޥްރަޔޭ ބުނާނަމަ، އޭގައި އަހަރެންގެ އަންހެންވެރިން ރައްކައުތެރިކުރެއްވުން ހިމެނެއެވެ. އެއީ އެކަނބަލުންގެ އައުރަ ކަޝްފުވާނޭ އެންމެހާ ކަމަކުންނެވެ."
މި ދުޢާގެ ދެންއޮތް: رَوْعَاتِي ـ މިއީ روعة ގެ ޖަމްޢު އެކެވެ. އޭގެ މުރާދަކީ الفزع އެވެ. އެބަހީ ބޮޑު ބިރުވެރިކަމެވެ. ޝަމްސުލް ޙައްޤު އަބާދީ ވިދާޅުވިއެވެ: وآمن رَوْعَاتِي ـ އެބަހީ (އަމާންކަން) އަހަރެންގެ ބިރުގަތުންތަކުންނެވެ. (مخوفاتي). އަދި الروعة އަކީ الفزعة އެވެ. (ބޮޑު ބިރުވެރިކަމެވެ.) اهـ.
އަދި ޚާޝިޔަތުއް ސިންދޫ ގައި ވެއެވެ: آمن رَوْعَاتِي ـ އެބަހީ، އަހަރެން ހާސްވެ ކަންބޮޑުވާ ބިރުވެރިކަމުން އަހަރެން ރައްކައުތެރިކުރައްވާށިއެވެ. انتهى.
📌 ފައިދާއެއް:
ﷲ ތަޢާލާ ވަޙީކިރެއްވިއެވެ:
إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا
"ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: نجد ކަރަވީ ފަރާތާއި مكة ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ."
އިބްނުލް ކަޘީރު މިއާޔަތުގެ ތަފްޞީރުގައި ލިޔުއްވަމުން ވިދާޅުވިއެވެ:
"އިބްނު އަބީ ޙާތިމް، އަބޫ ސަޢީދް (ރަޟިޔަﷲ ޢަންހު) އަރިހުން ރިވާކުރެއްވިއެވެ:
"ޚަންދަޤު ގެ ދުވަހު އަހަރެމެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލެވެ! އަހަރެމެން ކިޔަންވީ އެއްޗެއް އެބައޮތްތޯއެވެ؟ ފަހެ ހަމަކަށަވަރުން އަހަރެމެންގެ ހިތްތައް، ލަގޮނޑިވަޅުތަކާ ހަމަޔަށް އައިސްފިއެވެ. އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ:
نَعَمْ، قُولُوا:
އާއެކެވެ. ކިޔާށެވެ:
اللَّهُمَّ اسْتُرْ عَوْرَاتِنَا وَآمِنْ رَوْعَاتِنَا
"ޔާ ﷲ، އަޅަމެންގެ ޢައުރަތައް (عوراتي) ފަރުދާ ކުރައްވާށި، އަދި ބިރުތައް (روعاتي) އަމާން ކުރައްވާށި"
(ރާވީ) ވިދާޅުވިއެވެ: ދެން (ﷲ) ޢަދުއްވުންގެ މޫނުތައްމައްޗަށް (ގަދަ) ވަޔެއް ޖައްސަވައި، ވައިން އެބައިމީހުން ބަލިކިރެއްވިއެވެ."
އަދި އިމާމް އަޙްމަދު ވެސް މިފަދައިން، އަބީ ޢާމިރް އަލްޢަޤަދީ އަރިހުން ރިވާކުރެއްވިއެވެ." (އެއީ مسند أحمد 3/3)
(މިބުނެވުނު ރިވާޔަތް "ޙަސަން" ކަމަށް އަލްއަލްބާނީ حاشية فقه السيرة للغزالي 229 ގައި ބަޔާންކޮށްފައިވެއެވެ.)
އަލްޙަސަން މިއާޔަތުގެ
وَتَظُنُّونَ بِاللَّهِ الظُّنُونَا (...އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ.)
މިބަޔާއި ބެހޭގޮތުން ވިދާޅުވިއެވެ:
"އެކިބާވަތުގެ ހީތައް ވިއެވެ. މުނާފިޤުން ހީކުޅައީ މުޙައްމަދު ނަބިއްޔު އާއި އެކަލޭގެފާނުގެ އަޞްޙާބުން ނެތިދާނޭކަމަށެވެ. އަދި މުއުމިނުންތައް، ﷲ އާއި އެއިލާހުގެ ރަސޫލު ގެ ވަޢުދު ތެދުކަމަށް ޔަޤީންކުޅައެވެ. އަދި މުޝްރިކުން ނަފުރަތުކުރިއެއް ކަމަކު، އެއިލާހު މިދީން މަތިވެރިކުރައްވާނޭ ކަމެވެ." (ތަފްސީރު، އިބްނު ކަޘީރް 6/388)
Comments (0)
Be the first to comment.