އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (2)
This article is available in Dhivehi only.
އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (2)
🔻🔻
އިސްލާމް ކަމުގެ ފަސް ރުކުނުގެ އަހުމިއްޔަތުކަން
ހަމަކަށަވަރުން ﷲ ވަނީ ފަރުޟުތައް ފަރުޟު ކުރައްވައި ޝަރުޢުތައް ޝަރުއު ކުރައްވައި އޭގައި ލާޒިމުވެ ތިބުމަށް އަމުރުކުރައްވާފައެވެ. އަދި މިޝަރުޢު ކުރެވުން ކަންތަކުގެ ތެރެއިން އެންމެ މަތިވެރިވެގެން ވަނީ: އިސްލާމް ކަމުގެ ފަސްރުކުނެވެ. އެއީ އެއަކަށް ﷲ عز وجل އަމުރުކުރައްވައި، ނަބިއްޔު ﷺ އެއަކީ އިސްލާމް ކަމުގެ ރުކުން ތައް ކަމުގައި ޚަބަރު ދެއްވި ކަންކަމެވެ.
އެއީ ދެޞަހީޙު ގައި އަދި އެނޫން ފޮއްތަކުގައި ޢަބްދު ﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. އެއީ އިތުރު އެކަލޭގެ ފާނުގެ ބަސްފުޅު: «بُنِيَ الإسلامُ على خمسٍ شَهادةِ أن لا إلَهَ إلَّا اللَّهُ وأنَّ محمَّدًا رسولُ اللَّهِ وإقامِ الصَّلاةِ وإيتاءِ الزَّكاةِ وصَومِ رمضانَ وحجِّ البيتِ لمنِ استطاعَ إليهِ سبيلًا» ”އިސްލާމް ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކުނުވާކަމަށާއި މުޙައްމަދަކީ ﷲ ގެ ރަސޫލުކަމަށް ހެކިވުން، އަދި ނަމާދު ޤާއިމް ކުރުމަށާއި، ޒަކާތް ނެރުމަށާއި، ރަމަޟާންމަހުގެ ރޯދަ އާއި އެއަށް ދިއުމަށް ކެރިކުޅަދާނަ ވެއްޖެ މީހަކަށް ގެފުޅަށް ހައްޖުވުމަށެވެ.“
އަދި ހަމަ މިބީދާއިން ދެ ޞަޙީޙުގައި — ނަބިއްޔު ﷺ އަރިހަށް ޖިބްރީލް ވަޑައިގެންނެވި ވާހަކައިގެ މައްޗަށް — އަބޫ ހުރެއިރާ އަރިހުން ރިވާވެފައިވާ ޙަދީޘް ފުޅެވެ. އަދި މުސްލިމް މި ޙަދީޘް، ޢުމަރު ބުނުލް ޙައްތާބު ގެ ޙަދީޘް ތަކުގެ ތެރެއިން، ރަސޫލު ﷲ ﷺ އަރިހުން ރިވާކުރެއްވިއެވެ. އަދި އަލްބުޚާރީ ރިވާކުރެއްވީ އެއްމަގުން ނެވެ. (އަބޫ ހުރައިރާ އަރިހުން އެކަންޏެވެ.)
އަދި މިރުކުން ތަކުގެ ތެރެއިން އެންމެ މަތިވެރީ: ﷲ عز وجل އެއްކައުވަންތަ ކުރުމެވެ. (ތަޥްޙީދު އޭ ބުނެވެނީ މިއަށެވެ.) އެއީ ޝަހާދަތުގެ ދެކަލިމައެވެ. ދެން އެޔާއި ވިދިގެން ނަމާދެވެ. އެއީ ކާފަރާއި މުއުމިނު މީހާ ވަކިކުރަނިވި އަދި ފަރަޤު ކުރަވަނިވި ކަންތަކެވެ. މިއީ ރަސޫލު ﷲ ﷺ އަރިހުން އެތަކެއް ޚަބަރެއްގައި ވާރިދުވެފައިވާ ފަދައިންނެވެ .
އަދި ނަމާދަކީ އަޅާ އާއި އޭނާގެ ރައްބާއި ދެމެދުގައިވާ ގުޅުމެވެ. އަދި ގުނަވަން ތަކުގެ ފުރަތަމަ ފަރުޟެވެ. އެއިން ވެވޭ ފުރަތަމަ ކަށަވަރެވެ. އަދި ފާފަތައް ފޮހެވިދާ އަމަލުތަކުގެ ތެރެއިން އެންމެ މަތިވެރި ޢަމަލެވެ. ނަބަވީ ޝަރީއަތް އެއިން ކެނޑިނުދެއެވެ. އަދި ޞާލިހުންގެ ދަރަޖަތައް ﷲ ޙަޟުރަތުގައި ވަނީ އެވެރިން އޭގެ މައްޗަށް ރައްކާތެރިވާ މިންގަނޑުންނެވެ.
ނަމާދުގެ އަހުމިއްޔަތުކަން
ނަމާދުގެ އަހުމިއްޔަތުކަމާއި އޭގެ ފަޟުލުއާއިމެދު އޮތް ވާހަކަތަކީ ވަރަށް ދިގުވެގެންވާ ވާހަކަތަކެކެވެ. އަދި މިކަމާއިމެދު ﷲ ގެ ކަލާމް ފުޅާއި ރަސޫލު ﷲ ﷺ ގެ ސުންނަތުން އައިސްފައިވާ ނައްޞުތައް މަޝްޙޫރުވެފައި ޛިކުރުކުރެވޭ ވަރަށް ވުރެ ގިނަގުނަވެގެންވެއެވެ.
އަދި މިނަމާދުގެ ޙުކުމް ތަކާއިމެދުގައި، އަދި އޭގެ ރުކުންތަކާއި ވާޖިބުތަކާއި އޭގެ ސުންނަތް ތަކާއި ވައްޓަފާޅި އާއިމެދު ރަސޫލު ﷲ ﷺ އަރިހުން ވާރިދުވެފައިވާ ބުނުންތައް ވަރަށް ގިނަގުނަވެގެންވެއެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.