ވަޢުޡު ބުނުމުގެ ނަމުގައި ފާޙިޝު ވާހަކަތައް ޢާންމު ކުރުމުގެ ޙަރާމްކަން
This article is available in Dhivehi only.
⚠️⚠️ ވަޢުޡު ބުނުމުގެ ނަމުގައި ފާޙިޝު ވާހަކަތައް ޢާންމު ކުރުމުގެ ޙަރާމްކަން
—①—
ﷲ تَعَالى ވަޙީ ކުރެއްވިއެވެ:
▶️إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلۡفَٰحِشَةُ فِي ٱلَّذِينَ ءَامَنُواْ لَهُمۡ عَذَابٌ أَلِيمٞ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ◀️ [ النور: ١٩ ]
((ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.))
1⃣”التفسير والبيان“ ގައި މިއާޔަތުގެ ދަށުން އައްޠަރީފީ ވިދާޅުވިއެވެ:
”ފާޙިޝުތަކުގެ ވާހަކަ ފެތުރުން ﷲ ވަނީ ޙަރާމް ކުރައްވާފައެވެ. އަދި އެފަތުރާ މީހާގެ މައްޗަށް ވަޤުތުން ވަޤުތަށް [ދުނިޔޭގައި] އޮތް ޢުޤޫބާތާއި ފަހަށް އޮތް [އާޚިރަތުގެ] ޢުޤޫބާތް ބަޔާން ކުރެއްވިއެވެ. އެހެނީ އޭގެ ވާހަކަ ދައްކައިގެން، ފާޙިޝު ފެތުރުމީ އަދި އެއަށް މީހުންގެ ހިތްޖެއްސުމީ އަދި އެވެރިންނަށް އެ ޗާލުކޮށްދިނުމީ، ފޮރުވިގެން ހުރެ މީހަކު އެ ފާޙިޝުކަންތައް އަމިއްލަ ނަފްސަށް ކުރުމަށް ވުރެ ނުބައިކަން ބޮޑު ކަމެކެވެ. އެހެނީ އެކަން ފެތުރުމަކީ އޭގެ ސަބަބުން މީސްތަކުންގެ ތެރެއިން ބޮޑު ބަޔެއް ފަސާދަވެދާ ކަމެކެވެ. އަދި އޭގައި ހޭކޭ ކަމެކެވެ. ވީމާ އެކަން ފަތުރާ މީހާ އެއެންމެންގެ ފާފަ ބޮލުއަޅައެވެ. އެހެނަސް އެކަން (ފެތުރުމަކާއި ނުލައި) އަމިއްލަޔަށް ކުރާ މީހާ، ބޮލުއަޅަނީ އަމިއްލަ ނަފްސުގެ ފާފަ އެކަންޏެވެ.
⚠️ ފާޙިޝް ވާހަކަ ތައް ފެތުރުމީ — އެއީ ތެދެއް ކަމުގައި ވިޔަސް — ޙަރާމް ވެގެންވާ ކަމެކެވެ. އެއީ ހިނގައިދިޔަ ފާޙިޝުކަމެއްގެ ވާހަކަ، އެކަން ކުރި ފަރާތްތައް ނަން ނުގަނެވިޔަސް ދެއްކުން ފަދަ ކަންކަމެވެ. ވީމާ އޭނާ އެދައްކަނީ ތެދެއް ކަމުގައިވިޔަސް، އެވާހަކަ ދެއްކުން އޭނާއަށް ޙަލާލުވެގެން ނުވެއެވެ. އެހެނީ ފާޙިޝު ފެތުރުން ޝަރީޢަތް ނަހީ ކުރީކީ އެއީ ދޮގަކަށް ވުމުންނެއް ނޫނެވެ. އަދިކިއެއްތަ، އެކަން ނަހީ ކުރެއްވީ، ޙަރާމް ކަންތަކުގެ (ނުބައިކަމުގެ) ބޮޑުކަމާއި އޭގެ މުޑުދާރުކަން މީސްތަކުންގެ ނަފްސުގައި ފަނޑުވިޔަ ނުދިނުމަށްޓަކައެވެ. އެހެނީ ފާޙިޝް ކަންތައް ތަކުގެ ވާހަކަ ދެއްކުމީ އެއަށް ހިތްޖައްސުވައި އަދި އެއީ އާދައިގެ ކަމަކަށް ހަދާލާ އެއްޗެކެވެ.
އިބްނު އަބީ ޙާތިމް، [އެކަލޭގެފާނުގެ ތަފްސީރު (15076) ގައި ސަނަދާއި އެކު] عَطَاء އަރިހުން ރިވާކުރެއްވިއެވެ: އެކަލޭގެފާނު ވިދާޅުވިޔޭ:
«مَنْ أَشَاعَ الْفَاحِشَةَ, فَعَلَيْهِ النَّكَالُ وَإِنْ كَانَ صَادِقًا»
”ފާޙިޝް ވާހަކަ ފަތުރާ މީހާ އަށް — އޭނާ އަކީ ތެދުވެރިޔަކަސް — އެކަމުގެ ޢުޤޫބާތް ވެއެވެ. “
— ”التفسير والبيان“ (ج٤/ص١٨٣٠) އިން ބަސްކޮޅު، ނިމުނީ.
2⃣އިބްނު އަބިއް ދުންޔާ ”الصمت“ (ޞ. 261) ގައި ސަނަދާއު އެކު ނަޤުލު ކުރެއްވިއެވެ:
شُبَيْلُ بْنُ عَوْف ވިދާޅުވިއެވެ:
« كان يقال : من سمع بفاحشة فأفشاها فهو كالذي أبداها »
((ބުނެވި އުޅުނެވެ: ފާޙިޝް ވާހަކައެއް އަޑުއަހައި އެވާހަކަ ފަތުރައިފި މީހާ، އެކަން ފެށި މީހާ ފަދައެވެ.)) —އެބަހީ އެކަމެއް ކުރި މީހާ ފަދައެވެ. ⁽¹⁾
ــــــــــــــــــــ
[1] އަލްބުޚާރީ ”الادب المفرد“ (325) ގައި މިރިވާޔަތް ގެންނެވިއެވެ. އޭގެ ތަޢްލީޤުގައި އައްސަޢްދު ވިދާޅުވިއެވެ: ”އޭގެ ސަނަދު شُبَيْلُ އާއި ހަމަޔަށް ޞައްޙަ އެވެ.“ (الأدب المفرد ގެ ތަޢްލީޤު، ޞ. 251)
ނޯޓް: ޝުބައިލް އަކީ ތާބިޢީންގެ ތެރެއިންވާ ”މުޚަޟްރަމް“ ބޭފުޅެކެވެ. (މިއީ: ތާބިޢީ ބޭފުޅުންނާއި އަޞްޙާބު ބޭފުޅުންނާއި ދެމެދު ޖީލެކެވެ. އަދި ތާބިޢީންގެ ތެރެއިން ދޮށީ ބޭކަލުންނޭވެސް ބުނެވެއެވެ.) ނަބިއްޔު ﷺ ޙަޔާތްޕުޅުގައި ހުންނެވިއެވެ. އެހެނަސް ބައްދަލުވެވަޑައިނުގަންނަވައެވެ.
Comments (0)
Be the first to comment.