ޚުލްޢު ކުރުމުގައި ޤާޟީއެއް ހުރުމާއި ހެކިވެރިން ތިބުމާއި މެދު ކުރު ރިސާލަތެއް
This article is available in Dhivehi only.
①
ޚުލްޢު ކުރުމުގައި ޤާޟީއެއް ހުރުމާއި ހެކިވެރިން ތިބުމާއި މެދު ކުރު ރިސާލަތެއް
ޚުލްޢު އަކީ ކޮބާ
މިއީ ކައިވެނީގެ ޢަޤުދު އަލްޚުލްޢު މިލަފްޒުން ނޫނީ އެފަދަ މާނައެއް ދޭހަވާ ބަހަކުން އުވާލުމެވެ. އެއީ އަނބިމީހާގެ މައްޗަށް ލާޒިމުވާ ބަދަލެއް ފިރިމީހާއަށް ދިނުމުމަށް ވާ އެއްބަސްވުމަކާއި އެކުގައެވެ. އެހެންކަމުން ޚުލްޢު އާއި ވަރީގެ ފަރަޤަކީ މިއީއެވެ. އެކައްޗަކީ، ޚުލްޢުކުރެވެނީ ޚުލްޢު މިލަފުޒު ނުވަތަ އެމާނަދޭހަވާ ފަދަ ބަހެއް ބޭނުންކޮށްގެނެވެ. އަދި އޭގައި މުދަލެއް ދިނުންވަނީ އަނބިމީހާގެ ފަރާތުންނެވެ. މިއީ ވަރިޔާއި ޚިލާފަށެވެ.
އަލް ޚުލްޢު ގެ ރުކުންތައް
ޚުލްޢު ރުކުން ތަކަކީ އީޖާބަ އާއި ޤަބޫލެވެ. އީޖާބަކީ ފުރަތަމަ ފަރާތުން އަންނަ ލަފުޒެވެ. ޤަބޫލު އަކީ ދެވަނަ ފަރާތުން އަންނަ ލަފުޒެވެ. އަދި ފުރަތަމަ ނުވަތަ ދެވަނަ ފަރާތަކީ އޭގެތެރެއިން ވަކި މީހަކަށްވުން ޝަރުޠެއް ނޫނެވެ. އެހެންކަމުން އީޖާބު އަނބިމީހާ ފުށުންވެސް އައިސްދާނެއެވެ. އަދި ޤަބޫލު ފިރިމީހާއަށެވެ. އަދި މީގެ އިދިކޮޅަށްވެސް ވެދާނެއެވެ.
މިކަމުގެ ދަލީލު
ޤުރުއާނުން
﴿ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا ﴾
”...އަދި، އެ ދެމީހުން، اللَّه ކަނޑައަޅުއްވާފައިވާ حكم ތައް قائم ނުކުރެވިދާނެކަމަށް ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް حلال ވެގެނެއް ނުވެއެވެ. اللَّه ކަނޑައަޅުއްވާފައިވާ حكم ތައް އެ ދެމީހުންނަށް قائم ނުކުރެވޭނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބުލޭގެ ވަރިވުމަށް އެއްޗެއްދިނުމާއި، ދިންއެއްޗެއް ހިފުމުގައި، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އެއީ (އެކަންކަމާމެދު) اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތައް ފަހަނަޅައި ތިޔަބައިމީހުން ނުދާށެވެ!..."
ސުންނަތުން
"ޢަބްދުﷲ ބިން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ: ޘާބިތު ބިން ޤައިސް ބިން ޝައްމާސްގެ އަނބިކަނބަލުން، ނަބިއްޔާ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާ އެވެ! ޘާބިތުގެ ދީންވެރިކަމާއި އަޚްލާޤަކަށް، އަހުރެން ދެކޮޅުހަދައި ޢައިބު ނުބުނަމެވެ. ނަމަވެސް ފިރިމީހާގެ ޙައްޤު އަދާނުކުރާމީހުންގެ ތެރެއިންވެދާނެކަމަށް ބިރުވެތިވަމެވެ." ދެންފަހެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ކަނބުލޭގެ އޭނައަށް، އޭނަގެ ދަނޑު އަނބުރާ ރައްދުކުރާނަމުތޯއެވެ؟" އެ ކަނބުލޭގެ ދެންނެވިއެވެ: "އާދޭހެވެ." އަދި އޭނާ ދަނޑު އަނބުރާ ރައްދުކުރިއެވެ. އެއަށްފަހު ރަސޫލާ ﷺ އަމުރުކުރެއްވުމުން ޘާބިތު (ރަޟިޔަﷲ ޢަންހު) އެ އަންހެންމީހާ ވަރިކުރިއެވެ."(1)
ނޯޓް: އިބްނު މާޖާ ގެ ރިވާޔަތުގައި އެކަމަނާގެ އަތެއް ބިންދައިލެއްވިކަމަށްވިޔަސް އެކަމަކީ މިޝަކުވާގައި އުފުއްލެވިއެއްޗެއް ނޫނެވެ. އެހެނީ އެވާހަކަ ބަޔާން ނުކުރައްވާތީއެވެ. އަދި އަލްބުޚާރީގެ ރިވާޔަތުގައިވާފަދައިން ޚުލްޤާއިމެދު މައްސަލައެއް ނެތްކަމަށް ދެންނެވިއެވެ. އެހެނަސް "ތިމަންކަމަނާއަށް ކުޅަދާނައެއް ނޫނެވެ." އަދި އަލްބައިހާޤީގެ ރިވާޔަތުގައި "ތިމަންކަމާނާގެ ނުރުހުމަށް ކެތްނުކުރެވެއެވެ." މިލަފުޒުތަކުން މި ޚުލްޢުއަށް އެދުމުގައި ސަބަބެއް ވާކަން އެނގެއެވެ. ދެން އިބްނުމާޖާ އާއި އައްނަސާއީގެ މިޙާދިސާގެ މައްޗަށް ވާރިދުވެފައިވާ ރިވާޔަތަކަށް ބަލާއިރު، ޘާބިތު ބިން ޤައިސް އަކީ "ބުރަސޫރަ ހުތުރު" ބޭކަލެއް ކަމުގައި ވެއެވެ. އެހެންކަމުން މީގެ ސަބަބަކީ މިއީކަމަށް ޢިލްމުވެރިން ޝަރަޙައިގައި ވިދާޅުވެއެވެ.(2)
Comments (0)
Be the first to comment.