ޚުލްޢު ކުރުމުގައި ހެކިވެރިން ތިބުން
This article is available in Dhivehi only.
④
ޚުލްޢު ކުރުމުގައި ހެކިވެރިން ތިބުން
ހެކިވެރިން ތިބުމޭ ބުނެވޭ ބަހުގެ މުރާދަކީ: ޚުލްޢުގެ އީޖާބް އާއި ޤަބޫލު، ޢަދުލުވެރި ދެ ހެކިވެރިންގެ ޚާޟިރުގައި ކުރުމެވެ.
ފިޤުހު ޢިލްމުވެރިން ވަނީ ޚުލްޢު ހެކިކުރަން ޖެހޭނޭ ކަމާއި މެދު ޚިލާފުވެފައެވެ. އެއީ ވަރިކުރުމުގައި ހެކިކުރުމުގެ ނައްޗަށް ޖުމްލަގޮތެއްގައި ޚިލާފުވެފައިވާ ފަދައިންނެވެ.
ޖުމްހޫރު ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ، ޚުލްޢު ވެވުމަށްޓަކައި ހެކިން ތިބުމަކީ ޝަރުޠެއް ނޫންކަމުގައެވެ. އަދި އެއީ އޭގެ ލިޔެކިޔުން ލިޔުމުގައި (ނަމަ) ކަނޑައެޅިގެންވާ ކަމެއްގެ ގޮތުގައެވެ. އަދި ދެކޮޅުހެދުމާއި ދެބަސްވުމުގެ މައްޗަށް ބިރުއޮވެއްޖެނަމައެވެ. މީގެ މައްޗަށް ބަލާއިރު، އެކަމުގެ މައްޗަށް ހެކިވެރިން ނެތަސް ޙުލްޢު ޞައްޙަ އެވެ.
އަދި "މަދާރިކް އައްތަންޒީލް" ގެ މުއައްލިފު الله تعالى ގެ މިބަސްވަޙީ: ﴿ وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ ﴾ [އަދި ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެމީހުން ހެކިކުރާށެވެ.] [الطلاق: 2] އާއިމެދު ވިދާޅުވިއެވެ: އެބަހީ ރުޖޫޢަ ކުރާ އިރާއި އެކީއެއްކޮށް (އެބަހީ: އިއްދަ ހަމަވެ) ވަކިވާ އިރުގައެވެ. އެކަމުގައި ހެކިކުރުން އެދެވިގެންވެއެވެ. އެއީ އެދެވެރިންމެދު އެކަމުގައި ދެބަސްވެވިޔަ ނުދިނުމަށެވެ." (15)
ޖުމްހޫރުންގެ ދެކިލައްވަނީ އާޔަތުގައިވާ އަމުރަކީ އެދެވިގެންވާ ކަމެއްގެ މިންވަރެވެ. އަދި އާޔަތުގައި އެ އަމުރު ނިޞްބަތްވެފައިވަނީ ރުޖޫޢަކުރުމަށް އެކަނިކަމެވެ. ވަރިއަކަށް ނޫނެވެ. އަނެއްބައި ދެކެނީ އާޔަތުގައިވާ އަމުރަކީ ވާޖިބެއްކަމުގައެވެ. އަދި އާޔަތުގައު ނިޞްބަތްވާ ހެކިވުމަކީ ރުޖޫޢަ އާއިއެކު ވަރިޔަށްވެސް ކަމުގައެވެ.(16)
އިބްނު ތައިމިޔާ ވިދާޅުވިއެވެ: "ބަޔެއް މީހުން ހީކޮށްފައިވާ ގޮތުގައި، ހެކިވެރިން ހެކިކުރުމަށް މިވަނީ ވަރިކަމުގައެވެ. އަދި ހެކިނުކުރެވޭ ވަރިޔެއް ، ވަރިޔެއްކަމުގައި ނުވާނޭކަމަށެވެ. މިއީ އިޖުމާ އާއި ޚިލާފު ބަހެކެވެ. އަދި ޤުރުއާނާއި ސުންނަތާއިވެސް އެވެ. އަދި އެއްވެސް މަޝްހޫރު ޢިލްމުވެރިއެއް މިފަދައިން ވިދާޅެއްނުވެއެވެ. އަދި ވަރީގެ ވާހަކަ އައިސްފައިވަނީ (ސޫރަތުގެ) ފެށުމުގައެވެ. އަދި އެހިނދު ހެކިކުރުމުގެ މައްޗަށް އަމުރުނެތެވެ. އަދި ހެކިކުރުމުގެ އަމުރު އައިސްފައިވަނީ މިހެން ވަޙީކުރެއްވި ހިނދެވެ: { فإذا بلغن أجلهن فأمسكوهن بمعروف أو فارقوهن بمعروف } [ފަހެ، އެކަނބަލުންގެ عدّة ހަމަވުމަށް ވާޞިލު ވާހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި رجوع ކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ!]
އަދި (އާޔަތުގެ) މިބައިގެ ރައްދުވަނީ، ޢިއްދަ ހަމަވެއްޖެހިނދު އޭނާ މިނިވަންކަމާއި އެކު ދޫކޮށްލައި (ފިރިހެންމީހާ) ވަކިވުމުގެ މައްޗަށެވެ. އެހެންކަމުން މިއީ ވަރިއަކަށްނޫނެވެ. އަދި ރުޖޫޢަ އާއި ކައިވެންޏަކަށް ނޫނެވެ. އަދި މިޙާލަތުގައި މުސްލިމުންގެ އިއްތިފާޤުން ހެކިވެރިން ވާންޖެހޭކަން އެނގިގެންވެއެވެ. މިއިން އެނގެނީ، ހެކިވެރިވާން މިޖެހެނީ ރުޖޫޢަ ކުރާހިނދުގައިކެމެވެ. (އަދި އިއްދަ ހަމަވެ އޭނާ ރުޖޫޢަ ނުކޮށް ދޫކޮށްލާ ހިނދުގައެވެ. ދެން މިކަމުގެ ހިކުމަތުގެ މައްޗަށް ވާހަކަދެއްކެވިއެވެ.)"(17)
މިކަމުގައި ޖުމްހޫރުންގެ ބަސް ރާޖިހުކަމަށް ފެނެއެވެ. އެއީ ހެކިވެރިން ތިބުމަކީ (ވަރި އެކޭ އެއްފަދައިން) ޚުލްޢުވުމުގެ މައްޗަށް އޮތް ޝަރުޠެއްނޫނެވެ. އެއީ ޙާކިމެއްގެ ޙުކުމެއްވެސް އެކަމަށްޓަކައި ބޭނުން ނުވާފަދައިންނެވެ. އިބްނު ޤުދާމާ ވިދާޅުވިއެވެ: "އަދި ޚުލްޢު އަށްޓަކައި ޚާކިމްގެ ގާތަށް ދިޔުން ލާޒިމެއްނޫނެވެ. (އިމާމް) އަޙްމަދު އަރިހުން މިކަމަށް ބަސްފުޅެއް އައިސްފައިވެއެވެ. "
Comments (0)
Be the first to comment.