ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ قَدَّسَ اللَّهُ رُوحَهُ މިފޮތް — ❞ الصَارِمُ المَسْلُولُ عَلى شَاتِمِ الرَسُولِ — صَلَى الله ُ عَلِيْه…
This article is available in Dhivehi only.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ قَدَّسَ اللَّهُ رُوحَهُ މިފޮތް — ❞ الصَارِمُ المَسْلُولُ عَلى شَاتِمِ الرَسُولِ — صَلَى الله ُ عَلِيْه ِ وعَلَى آله ِ وسَلَّمَ ❝ — ލިޔުއްވީ ޖަލުގައި ހުންނަވައިގެން ތަޙްޤީޤު ކުރާނޭ ފޮތެއްނެތި ހިތުންނެވެ.
ޝެއިޚުލް އިސްލާމް ގެ ދަރިވަރެއް ކަމުގައިވާ، އަލްޙާފިޡް ޢުމަރު ބުނު ޢަލީ، އަލްބައްޒާރު ވިދާޅުވިއެވެ:
”އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ ހިތުދަސްކަމުގެ ބާރު ދަލީލުކޮށްދިން ޢަޖާއިބު ކުރަނިވި އެއް ޙާދިޘާ އަކީ، އެކަލޭގެފާނުގެ ފުރަތަމަ ހައްޔަރުގައި، އެއީ މިޞްރުގައި، ކުދި އަދި ބޮޑު އެތަކެއް ފޮތެއް ލިޔުއްވިކަމެވެ. އަދި އެތަކެތީގައި އެއަށް ބޭނުންވާ ޙަދީޘް ތަކާއި، އާޘާރު ތަކާއި ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ޛިކުރު ކުރެއްވިއެވެ. އަދި (އެޙަދީޘެއް ރިވާކުރެއްވި) މުޙައްދިޘުންނާއި (ފޮތެއް ލިއުއްވި) މުއައްލިފެއް އަދި މުއްލިފުތަކުންގެ ނަން ވެސް ޛިކުރު ކުރެއްވިއެވެ. އަދި މިއިން ކޮންމެ އެއްޗެއް އެރިވާކުރި އަދި އެބަހެއް ވިދާޅުވި ފަރާތަށް ނިސްބަތްކުރައްވައި ނަން ލިޔުއްވިއެވެ. އަދި އެބަހެއް ޛިކުރުވެވިފައިވާ ފޮތެއްނަމަ، އޭގެ ނަންވެސް ލިޔުއްވިއެވެ. އަދި އެއްވެސް ދަނޑިވަޅެއް މިނޫން ގޮތަކަށް ދޫނުކުރައްވަ އެވެ. އަދި މިއެންމެހާ އެއްޗެއްވެސް މިލިޔުއްވީ ހިތުންނެވެ. އެހެނީ (ހައްޔަރުގައި ހުންނަވައިގެން) އެކަލޭގެފަނުގެ އަތްޕުޅުގައި ބައްލަވާނޭ ފޮތެއް ނެތެވެ. އަދި އަހަރެން ޚުދު މިފޮތްތައް ފާސްކުރީމެވެ. ﷲ ގެ ޙަމްދާއި އެކު އޭގައި އަރިއަޅާލުމެއް ނޫނީ ތަޣައްޔަރެއް ނުފެނުނެވެ. އަދި އެފޮތް ތަކުގެ ތެރެއިން ވަނީ، "الصارم المسلول على شاتم الرسول" (ރަސޫލު އަށް ބަދުބަސް ބުނާ މީހާގެ މައްޗަށް އުރައިން ނެގިފައިވާ ކަނޑި) — މިފޮތެވެ. އަދި މިކަމަކީ ﷲ تعالى މިކަލޭގެފާނަށް އެއިލާހުގެ ފަޟުލުން ޚާއްޞަ ކުރެއްވި ކަންކަމުގެ ތެރެއިން ކަމެކެވެ.“ — އަލްބައްޒާރުގެ ބަސްކޮޅު މިހިސާބަށް. (الأعلام العلية في مناقب ابن تيمية، للبزار، صـ:22) —(މަރްޖިޢު)
ނޯޓް: މީގެ މާނައަކީ، މިފޮތަށް އެކަނި ބެލިޔަސް، މިފޮތް ޗާޕު ކުރެއްވި ފަރާތް ވިދާޅުވެފައިވާ ގޮތުން، މީގައި 250 އަށް ވުރެ ގިނަ ޙަދީޘް އާއި، 100 އަށް ވުރެ ގިނަ އާޘާރު ގެންނަވާފައިވެއެވެ. އަދި އަހުލުއް ސުންނަތުގެ 600 އަށްވުރެ ގިނަ މަޝްހޫރު ފަރާތްތަކުގެ ނަން ޛިކުރު ކުރައްވާފައި ވެއެވެ. އަދި 40 އަށް ވުރެ ގިނަ ފޮތްތަކަށް މަރްޖިޢު ކުރައްވާފައިވެއެވެ — ހިތުންނެވެ. އަދި މިފޮތް ލިޔެވުނު ސަބަބު އިހު ބަޔާންވެވިއްޖެއެވެ.
~ގަލަންދާނު
Comments (0)
Be the first to comment.