ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން
This article is available in Dhivehi only.
📚 ގާތްތިމާގެ މީހުންނަށް ޒަކާތް ހޭދަކުރުން
ގާތްތިމާގެ މީހުންނަށް ޞަދަޤާތާއި ޒަކާތް ދިނުމުގައި ބެލުން މޮޅުއިތުރެވެ. އަދި މިއީ ޢަބްދު الله އިބްނު މަސްޢޫދުގެ އަނބިކަނބަލުން ޒައިނަބް، އެކަމަނާގެ ފިރިކަލުންނަށް ޞަދަޤާތް (އެބަހީ ޒަކާތް) ހޭދަކުރުމަށް ސުވާލުކުރެއްވުމުން الله ގެ ރަސޫލާ ﷺ އެކަމަށް ހިއްވަރުދެއްވައި އަލްބުޚާރީ އާއި މުސްލިމް ރިވާބކުރެއްވި ޙަދީޘްގެ މައްޗަށްބަލައި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ.
އަލްޙާފިޠް، އިބްނު ޙަޖަރު ވިދާޅުވިއެވެ:
"މިޙަދީޘް އިން ދޭހަވަނީ އަންހެނަކަށް އޭނާގެ ފިރިމީހާއަށް ޒަކާތް ހޭދަކުރުން ހުއްދަކަމުގައެވެ. އަދި މިއީ އައްޝާފިޢީ އާއި އައްޘަޥްރީ އަދި އަބޫ ޙަނީފާގެ ދެ ދަރިވަރުންގެ ރައުޔެވެ. އަދި މާލިކް އާއި އަޙްމަދް، މިދެބޭކަލުން އަރިހުން އައިސްފައިވާ ދެރިވާޔަތުގެ ތެރެއިން އެއްރިވާޔަތެވެ."
އެހެނަސް އޭނާގެ މައްޗަށް ހޭދަކުރުން ވާޖިބު ބަޔަކަށް އޭނާ ޒަކާތް ދިނުން ހުއްދައެއް ނޫނެވެ. އެހެނީ މިއީ އަމިއްލަ ނަފުސަށް ހޭދަކުރުން ފަދައެވެ. އެހެންކަމުން، އިޖުމާޢު ގެ މަތިން، ފިރިޔަކު އޭނާގެ އަންހެނުންނާއި (ކުޑަ) ކުދިންނަށް، ނޫނީ އޭނާގެ މަންމަ އާއި ބައްޕައަށް، ޒަކާތެއް ހަވާލެއް ނުކުރެވޭނެއެވެ.
މީގެ ތަފްޞީލް:
ހަންބަލީން ދެކެނީ އެމީހެއްގެ ވާރިޘުންގެ ތެރޭ ހިމެނޭ އެންމެންނީ އޭނާ ޚަރަދުގެ ޒިންމާ އުފުލަންޖެހޭ މީހުންކަމެވެ. އެހެނަސް އިބްނު ޤުދާމާ ވިދާޅުވަނީ، ޢަހްމަދުގެ ރާޖިހު ބަސްފުޅަކީ (ކުރިން ބަޔާންވެވުނު) އިޖުމާޢު ވެވިފައިވާ ގާތްތިމާގެ މީހުން ފިޔަވައި، އެހެން މީހުންނަށް އެއީ (ޙަންބަލީ މަޛުހަބުގައިވާގޮތުން) ޚަރަދުދޭންޖެހޭ މީހުންކަމުގައިވިޔަސް ޒަކާތް ހަވާލުކުރެވޭނޭކަމެވެ.
މިއީ އަބޫ ޙަނީފާގެވެސް ރައުޔެވެ. (އެބަހީ އިޖުމާޢުވެފައިވާ މީހުން ނޫން އެހެން އެންމެހާ ގާތްތިމާގެ މީހުން ތެރޭ ހިމެނޭ ފަޤީރުންނާއި މިސްކީނުންނަށް ޒަކާތް ހަވާލުކުރެވިދާނެއެވެ.)
އައްޝާފިޢީ އިހު ބަޔާން ވެވުނު އިޖުމާޢު އިން ޚަރަދު ދޭންޖެހޭ ގާތް މީހުންގެ ތެރެއަށް، ޙާޖަތަށް ޖެހިފައިވާ ބައްޕައާއިމަންމަގެ މައިންބަފައިން އިތުރު ކުރައްވައެވެ. (އެބަހީ: ކާފައިންނާއި މާމައިން) އަދި ދަރިންގެ ދަރިން (އެބަހީ ކާފަ ދަރިން) ވެސް ހިމަނުއްވައެވެ.
މާލިކު ވިދާޅުވަނީ، ފިރިހެން ދަރިން ބާލިޣުވުމާއި ހަމައަށްކަމެވެ. އަދި އަންހެން ދަރިން މީހުނާއި އިނުމާއި ހަމަޔަށް ކަމެވެ. ދެން އަނބިމީހާ އަދި މައިންބަފައިން ކަމެވެ.
މިކަމުގެ ޚުލާޞާ: ޒަކާތް އެބަޔަކާއި ހަވާލު ނުކުރެވޭނޭ ވަރު ތިމާގެ މީހުންކަމަށް ޢިލްމުވެރިން އިޖުމާޢުވެފައިވަނީ:
1. މަންމަ
2. ބައްޕަ
3. އަނބި މީހާ
4. ދަރިން (ކުޑަކުދިން، މާލިކް ގެ ތަފްޞީލް)
* ޝާފިޢީން ކާފައިންނާއި މާމައިން، އަދި ކާފަދަރިންނާއި މާމަ ދަރީން މީގެ ތެރެއަށް އިތުރު ކުރައްވައެވެ.
ނޯޓް: އެއްބަނޑު އެއްބަފާ މީހުންނާއި ބޮޑުބޭބެއިން އަދި ބޮޑުދައިތައިން ގެ ތެރެއިން މިސްކީނު އަދި ފަޤީރުން، މީގައި ޢިލްމުވެރިން ނުހިމަނުއްވައެވެ. އެހެންކަމުން އެވެރިންނާއި ޒަކާތް ހަވާލުކުރުން ހުއްދައެވެ. އަދި އެދެވިގެން ވެއެވެ. ޚިލާފެއް މިކަމުގައި ނެތެވެ.
އަދި އަނބިމީހާ ފަޤީރު ފިރިމީހާއަށް ދިނުން އެދެވިގެންވާ ކަމުގެ މައްޗަށް އިހުބަޔާންވެއްޖެއެވެ. އެހެނީ އިސްލާމް ދީނުގައި އަނބިމީހާގެ މުދަލަކީ މިނިވަން އޭނާގެ މުދަލެކެވެ. އަދި އެއިން ފިރިމީހާއަކަށް ޙައްޤެއް ނޫނީ ޚަރަދުކުރުމެއްވެސް ވާޖިބެއް ނޫނެވެ.
ފައިދާއެއް: ގާތްތިމާގެ މީހުންނަށް އަޅާލައި ހެޔޮކޮށްހިތުމަކީ އަބަދުވެސް ދެމިއޮންނަ ވާޖިބެކެވެ. އަދި އެއީ މަތިވެރި ޞަދަޤާތެކެވެ. މިކަމުގެ މައްޗަށް ކުރިންވެސް ޤަލަންދާރުގައު ލިޔުމެއް ވާނީ ޝާއިޢު ކުރެވިފައެވެ.
އިތުރު ތަފްޞީލް.
Comments (0)
Be the first to comment.