ކޮންމެ މުސްލިމު އަންހެނަކާއި ފިރިހެނަކާއި އަޅަކާއި މިނިވަނަކާއި ކުޑަކުދިންނާއި ފަޤީރުންގެ މައްޗަށްވެސް ފިތުރު ޒަކާތް ފަރުޟު ވެގެންވެއެވެ
This article is available in Dhivehi only.
ނ.
ކޮންމެ މުސްލިމު އަންހެނަކާއި ފިރިހެނަކާއި އަޅަކާއި މިނިވަނަކާއި ކުޑަކުދިންނާއި ފަޤީރުންގެ މައްޗަށްވެސް ފިތުރު ޒަކާތް ފަރުޟު ވެގެންވެއެވެ.
ޢަބްދު الله އިބްނު ޢުމަރު އަރިހުން ރިވާވެގެންވެއެވެ: "ހަމަކަށަވަރުން ރަމަޟާން މަހުގެ ޒަކާތް، ކޮންމެ ކުޑަ ބޮޑު، މިނިވަން އަދި އަޅު، ފިރިހެނަކާއި އަންހެނެއްގެ މައްޗަށް الله ގެ ރަސޫލާ ފަރުޟު ކުރެއްވިއެވެ. އެއީ ކަދުރުގެ ޞާޢު އެއް ނޫނީ ގޮދަނުގެ ޞާޢު އެކެވެ."
އެހެންކަމުން، އެއް ރެއާއި އެއްދުވާލަށް (ފިތުރު ވިލޭ ރެޔާއި ފިތުރު ޢީދު ދުވަހަށް) އެމީހަކަށް ނޫނީ އެމީހެއްގެ ޢާއިލާގެ އަސާސީ ކެއުމަށް ބޭނުން ނުޖެހޭ ޞާޢު އެއްގެ ކަދުރު ނޫނީ ހިމަ ގޮދަން (ނޫނީ ޒަކާތަށް ނެރެވޭ ކާއެއްޗެއް) އިތުރަށް ހުރެއްޖެ ކޮންމެ މީހެއްގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބުވެގެންވެއެވެ. އެއީ އޭނާގެ ޟަރޫރީ ޙާޖަތްތަކަށް އެކަމުން ބުރޫ ނާރާނަމައެވެ.
އަދި މިއީ ޖުމްހޫރުންގެ ބަހެވެ. އަދި މިކަމުގައި ޚިލާފުވީ އަބޫ ޙަނީފާއެވެ. އަދި މުއްސަނދިކަން ނޫނީ ނިޞާބު ހަމަވާވަރަށް ރަން ނޫނީ އެމިންވަރަށް މުދާވެރިވުން ޝަރުޠުކުރެއްވިއެވެ. އެހެނަސް ޖުމްހޫރުންގެ ރައުޔު މިކަމުގައި ވަރުގަދައެވެ. އެހެނީ ނަބިއްޔާ ﷺ ކުޑަކުދިންނާއި އަޅުންގެ މައްޗަށްވެސް މިކަމުގެ ފަރުޟު ކަނޑައެޅުއްވުމުންނެވެ.(4)
އަދި އެމީހަކަށް ވަނީ އަމިއްލަ ނަފްސަށް ފުރަތަމަ ޒަކާތް ނެރުމެވެ. އަދި އެއަށް ފަހު، ބާކީ ހުރެއްޖެނަމަ ޢާއިލާއަށެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ( ابدأ بنفسك ثم بمن تعول ) "ތިބާގެ ނަފްސުން ފަށާށެވެ. ދެން ތިބާ ބަލަހައްޓަން ޖެހޭ މީހުންނެވެ."(5)
އަދި މިމީހާ އަށް ޢިދުވިލޭރެޔާއި ޢީދު ދުވަހު، މިމިންވަރު ނުލިބިއްޖެ ނަމަ، އޭނާގެ މައްޗަށް ފިޠުރު ޒަކާތެއް ނުވެއެވެ. އެހެނީ الله އެމީހަކަށް ނުއުފުއްލޭވަރު ތަކުލީފެއް ނުޖައްސަވައެވެ.(6)
އަދި ކޮންމެ މިނިވަން މުސްލިމެއް، އެމީހެއްގެ އަނބިދަރީންނާއި އަޅުންގެ މައްޗަށް ފިޠުރު ޒަކާތް ދައްކަންޖެހެއެވެ.
_____
(4) ބައްލަވާ: މިލިޔުން (ޢަރަބި)
(5) އަލްބުޚާރީ އާއި މުސްލިމް، އިތުރަށް ބައްލަވާ މިފަތުވާ
(6) ބައްލަވާ މިފަތުވާ (ޢަރަބި)
Comments (0)
Be the first to comment.