ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟
This article is available in Dhivehi only.
📚 ފިޠުރު ޒަކާތް ނެރުމަށް އެންމެ ފަހު ވަޤުތަކީ ކޮބާ؟
ޢިލްމިވެރިން މިކަމުގައި ޚިލާފުވިއެވެ. އެއީ ދެ ރައުޔެއްގެ މައްޗަށެވެ:
ފުރަތަމަ ރައުޔު އަކީ:
އެއަށް ވުރެ ލަސް ކުރުން ޙަރާމް ވެގެންވާ އެންމެ ފަހުވަޤުތަކީ ޢީދު ދުވަހުގެ އިރުއޮއްސޭ ވަޤުތުކަމެވެ.
އަދި މިއީ ޖުމްހޫރުން ދެކިލައްވާގޮތެވެ. އެއީ މާލިކީންނާއި، ޝާފިޢީންނާއި ޙަންބަލީންގެ މަޛްހަވެބެވެ.
ދަލީލް:
ހ.
އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عنه އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ ﷺ ގެ ދައުރުގައި އަހަރެމެން ފިޠުރުގެ ދުވަހު ކާތަކެތިން ޞާޢު އެއް ނެރެމެވެ..."
"ފިޠުރު (ޢީދު) ދުވަހު" ކަމަށް މިއޮތް ބަސްފުޅުން ފާޅުވާ މާނައަކީ އެދުވަހުގެ ތެރޭ ނެރުން ހުއްދަކަމެވެ.
ށ.
އިބްނު ޢައްބާސް ވިދާޅުވިއެވެ. "ﷲގެ ރަސޫލާ ﷺ ފިޠުރުޒަކާތް ފަރްޟުކުރެއްވީ ރޯދަވެރިޔާ ރޯދަހިފިއިރު ދައްކާފައިވާ ބޭކާރު ވާހަކަތަކުންނާއި ހަޑިހުތުރު ބަސްތަކުން އޭނާގެ ރޯދަ ޠާހިރުކޮށްދެއްވުމަށާއި ، މިސްކީނުންނަށް ހަމްދަރްދީވެ އެހީތެރި ވުމަށްޓަކައެވެ.ޢީދު ނަމާދުގެ ކުރިން އެ އަދާކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. ޢީދު ނަމާދަށްފަހު އެ އަދާކޮށްފިނަމަ ފަހެ އެއީ ޞަދަޤާތްތަކުގެތެރެއިން ޞަދަޤާތެކެވެ."
މިތާގައި ދެފަހަރުވެސް ވަނީ "އެ އަދާ ކޮށްފިނަމަ" މިހެންނެވެ. އެހެންކަމުން ނަމާދުގެ ކުރިންވެސް ފަހުން ވެސް އިޝާރާތް ވަނީ ހަމަ ޒަކާތަށެވެ. އެހެނަސް ފަހުން ދައްކައިފިނަމަ، އޭގެ އަޖުރު އާދައިގެ ޞަދަޤާތެއް ފަދައިން ވެއެވެ.
ދެވަނަ ރައުޔު އަކީ:
އެންމެ ފަހު ވަޤުތަކީ ޢީދު ނަމާދުކަމެވެ. އަދި ޢީދު ނަމާދަށްވުރެ އެކަން ފަސްކުރުން ޙަރާމް ވެގެން ވާކަމެވެ. އެހެންކަމުން (އެއަށްވުރެ ލަސްކޮށްފިނަމަ) އެއީ ފިޠިރު ޒަކާތް ކަމުން ކެނޑިދެއެވެ. އަދި އެއަށް ވަނީ ޞަދަޤާތުގެ އަޖުރެވެ. އަދި މިއީ ޡާހިރީ މަޒުހަބުގެ ޤައުލެވެ. އަދި އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރެއްވި ގޮތެވެ. އަދި އިބްނުލް ޤައްޔިމް އާއި އައްޞަންޢާނީ އާއި އައްޝައުކާނީވެސް އެވެ.
ދަލީލު
ހ.
އިހު ބަޔާން ވެވުނު އިބްނު ޢައްބާސް ގެ ޙަދީޘެވެ. އަދި އޭގައި ފަހުން ދެއްކުން އެއީ ޞަދަޤާތެއް ކަމަށް ނިޞްބަތްވެފައިވެއެވެ.
ށ.
އިބްނު ޢުމަރު رَضِيَ اللهُ عنهما ވިދާޅުވިއެވެ: "މީސްތަކުން ނަމާދަށް ނިކުތުމުގެ ކުރިން ފިޠުރު ޒަކާތް ބެހުމަށް، الله ގެ ރަސޫލާ ﷺ އަހަރެމެންނަށް އަމުރު ކުރެއްވިއެވެ."
ނ.
ޢާއިޝާ رَضِيَ اللهُ عنها ވިދާޅުވިއެވެ: ނަބިއްޔާ ﷺ ޙަދީޘް ކިރެއްވިއެވެ: ((مَن عمِل عملًا ليس عليه أمرُنا، فهو رَدٌّ)) "އަހަރެމެންގެ އަމުރެއް ނުވާ ޢަމަލެއް ކޮށްފި މީހާ، އެކަން (ޤަބޫލުނުވެވި) ރައްދުވެގެންވެއެވެ."
މިއިން ދަލީލު ނަންގަވަނީ، މީސްތަކުން ޢީދުނަމާދަށް ނިކުމެއްޖައުމަށް ދާންދެން ފަސް ކޮށްފި މީހާ، ރަސޫލާ ﷺ އަމުރު ނުވާ ކަމެއް ކޮށްފިއެވެ. އެހެންކަމުން އެކަން ވަނީ ރައްދުވެވިގެންނެވެ.
އަނެއްނުކުތާ އަކީ، ކޮންމެ އަޅުކަމަކަށްވެސް ވަޤުތެއްވަނީ ކަނޑައެޅިފައެވެ. އެވަޤުތު ފަހަނަ އަޅައިހިނގައްޖެ ނަމަ، ޤަބޫލުވެވިގެންނެއް ނުވެއެވެ.
އަދިވެސް އުޟްޙިޔާ ކަތިލުމާއި ޤިޔާސް ކޮށެވެ. އެހެނީ އުޟްޙިޔާ ކަތިލުމިގެ ވަޤުތަކީ ޢީދު ނަމާދުގެ ފަހެވެ. އޭގެ ކުރިން ކަތިލައިފި އެއްޗަކީ އުޟްޙިޔާއެއްނޫން ކަމާއި އެއީ ހަމައެކަނި ކަތިލެވިފައިވާ މަސް ކަމަށް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. (މިއީ އަލްބުޚާރީ ރިވާ ކުރައްވާ ފައިވާ އަލްބަރާއު ބުނު ޢާޒިބު ގެ ޙަދީޘް އިންނެވެ.) އެހެން ކަމުން ފިޠުރު ޒަކާތް ނެރެން އަމުރު ވެފައިވާ ވަޤުތު ނޫން ވަޤުތަކަށް ހަދައިފިނަމަ އެއީ ޒަކާތް ކަމުގައި ނުބެލެވޭނޭ ކަމެވެ. (1)
______
(1) މިކަމިގެ ތަފްޞީލަށް ބައްލަވާ
Comments (0)
Be the first to comment.