ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ."
This article is available in Dhivehi only.
📚 "ޞާޢު ޘާބިތެވެ. މިންވަރުގައި ޚިލާފެވެ. އަދި އަރައިރުން ވުމީ ޖަހާލަތެވެ."
ހ.
އަބޫ ޙަނީފާ ވިދާޅުވާގޮތުން، ބަޣްދާދީ ޕައުންޑަކީ 130 ދިރުހަމެވެ. އެހެނަސް ޖުމްހޫރު ޢިލްމިވެރިންގެ ރައުޔަކީ އެއީ 128 އާއި 4/7 ދިރުހަމް ކަމެވެ.
އަބޫ ޙަނީފާ ވިދާޅުވާގޮތުން ނަބިއްޔާ ﷺ ގެ ޒަމާނުގެ ޞާޢު އަކީ 8 ޕައުންޑެވެ.
އެހެނީ މުއްދު އަކީ 2 ޢިރާޤީ ޕައުންޑު ކަމުންނެވެ. (4 މުއްދު 1 ޞާޢު)
އަދި މިމިންގަނޑު ކަނޑައަޅުއްވަނީ އަނަސް އަރިހުން އައިސްފައިވާ ރިވާޔަތެއްގެ މައްޗަށެވެ.
އެހެނަސް ޖުމްހޫރު ޢިލްމުވެރިންގެ ނަޒަރުގައި ޞާޢު އަކީ 5 އާއި 1/3 ޕައުންޑެވެ.
އަބޫ ޙަނީފާގެ ދަރިވަރު އަބޫ ޔޫސުފު ފަހުން މިމިންގަނޑު ޚިޔާރު ކިރެއްވިއެވެ.
އަދި ޖުމްހޫރު ޢިލމްިވެރިންގެ އަރިހުގައިވެސް މިހިސާބު ހެދުމަށް ސުންނަތުން ވަރުގަދަ ދަލީލު ވެއެވެ. އަދި މިއީ މަދީނާގެ އަހުލުންގެ އެއްބަސްވުމެކެވެ.
މިގޮތުން ބައި ޞާޢު އަކީ ޙަނަފީންގެ ހިސާބުން 4 ޕައުންޑެވެ.
4 ޕައުންޑު (ނުވަތަ ބައި ޞާޢު) × 130 ދިރުހަމް (މިއީ އެއްޕައުނޑަށްވާ ދިރުހަމް) × 3.14 ގުރާމް (މިއީ ދިރުހަމެއްގެ ގުރާމުން ބަރުދަން)
= 1633 ގުރާމް އެވެ. (މިއީ ބައި ޞާޢު)
އެހެން ކަމުން 1 ޞާޢު ޙަނަފީންގެ ހިސާބުން، ބަރުދަނަކީ 3266 ގުރާމެވެ. (ގާތްގަނޑަކަށް ވަޒަންކޮށް)
އެހެނަސް ޖުމްހޫރުންގެ ހިސާބުކުރުމުގައި، 1 ޞާޢު އަކީ 5 އަދި 1/3 ޕައުންޑެވެ.
ދިރުހަމަކީ އެބޭފުޅުންގެ ހިސާބުން 3.17 ގުރާމެވެ. (ޙަނަފީން ގެ ހިސާބުގައި 3.14)
އަދި ޕައުންޑެއްގައިވަނީ 128 އާއި 4/7 ދިރުހަމް ކަމަށްވުމުން، ޖުމްހޫރުންގެ ހިސާބުން
1 ޞާޢު އަކީ 2176 ގުރާމެވެ.
މިފަރަޤަށް ނިކަން ބަލާށެވެ. 1 ޞާޢު އަކީ:
ޙަނަފީންގެ : 3266 ގުރާމް
ޖުމްހޫރުންގެ: 2176 ގުރާމް
ޝަރުޢީ ޞާޢު އެއް ނޫނީ ބަޣްދާދީ ޞާޢު އެއް، އެއީ 4 މުއްދު ނުވަތަ (ޖުމްހޫރުންގެ ރައުޔުން) 5 އަދި 1/3 ޕައުންޑު ކަމަށް ބަލާއިރު އޭގެ ބަރުދަނަކީ 685.7 ދިރުހަމެވެ. ނުވަތަ 2176 ގުރާމެވެ. ނުވަތަ 2.75 ލީޓަރެވެ.
އަދި މިއީ އައްޝާފިޢީ ގެ ރައުޔެވެ. އަދި ޙިޖާޒުގެ ފިޤުހު ޢިލްމިވެރިންނާއި އަބޫ ހަނީފާގެ އިސް ދެދަރިވަރުން (އަބޫ ޔޫސުފް އާއި މުހައްމަދު އިބްނުލް ޙަސަން) ގެ ރައުޔެވެ.
އަދި ބައެއް ހިސާބު ކިރުން ތަކުން މީގެ އަދަދަކީ 2.430 ލީޓަރުކަމަށްވެސް ވެއެވެ.
ށ.
ބައެއް މީހުން، "ސަނަދުން އައިސްފައިވާ" މުއްދު މިނެކިރާ އަޑުބާ އެއް ޞާޢު މިނެކިރަން އެންމެ ޞައްޙަ ކަމުގައި ދެކެއެވެ. އެހެނަސް މިއަދާއި ހަމަޔަށް ސަނަދަކުން އައިސްފައި ވުމީ، އެސަނަދު ޞައްޙަކަމުގެ މައްޗަށް ވަކި އިތުބާރެއް އޮތް ކަމެއް ނޫނެވެ. ދެވަނަ ކަމަކީ މިޒަމާނުގައި ލިބެން ހުރި މި އަޑުބާތަކުގެ މިންވަރު އެހާބޮޑުތަފާތެއްނެތަސް، ތަފާތުކަމެވެ. އަދި އޭގެ އެވެރޭޖް މިންވަރަކީ 786 މިލިލީޓަރެވެ. އެހެން ކަމުން ޞާޢު އަކީ 3.144 ލީޓަރެވެ. މަދީނާގެ ބައެއް ދަރިވަރުން، އެވެރިން ގަނެފައިވާ އަޑުބަޔަކުން ކިރައި، އޭގެން ހަމަވަނީ 750 މިލިލީޓަރެވެ. އެހެންކަމުން ޞާޢު އަކީ ފުރިހަމަ 3 ލީޓަރުކަމަށް ނިންމިއެވެ.
ނ.
އެނޫން ބަޔަކު، 4 އާދައިގެ އަތްގޮށި އަށް ވާ މިންވަރުގެ އެވެރޭޖެއް ދިރާސާކޮށް ހެދިއެވެ. އަދި އެއީ 2.512 ލީޓަރުކަމަށް ނިންމިއެވެ. އަދި މިމިންވަރު، ބަރުދަނަށް ބަލައިގެން (އެންމެ ފުރަތަމަ ހެދިފައިވާ ހިސާބުތަކާއި ގާތް ކުރެއެވެ.) އެހެނީ އެހިސާބު ތަކުގެ ތެރެއިން އެއް އަދަދެއްކަމަށް 2.430 ލީޓަރު ، ބައެއް މާހިރުންގެ ހިސާބުކުރުމުގައި ވިއެވެ. އެހެންކަމުން މިއިން ޞާޢު އެއްގެ އެވަރޭޖަކީ 2.5 ކަމަށް ބެލެވިދާނޭކަމަށް ބައެއް ބޭފުޅިން ނިންމެވިއެވެ.
ކޮންމެ އަކަސް މިޚުލާޞާ މިފާހަގަ ކޮށްލީ، ޞާޢު އެއް މިޒަމާނުގެ ވަޒަނަށް ގެނައުމުގައި، ވަޒަނުގެ ގޮތުން ބެލެވޭ ތަފާތުވެސް (ދީނާރާއި އޭގެ ބަރުދަން ފަދަ) އަދި ވަޒަން ކުރާ ގޮތުގެ ވެސް ޚިލާފުވާކަން ފާހަގަކޮށްދިނުމަށެވެ.
އެހެން ކަމުން ކޮންމެ އަޅުކަމެއްގައިވެސް ވާފަދައިން، އަހަރެމެންނަށް އެންމެ ޞައްޙަކަމަށް ބެލެވޭ އެއްޗެއްގައި ހިފައި، އެއިން الله އަށް ކުށްތަންވަމެވެ.
~ގަލަންދާރު
Comments (0)
Be the first to comment.